ގިނަ ބަޔަކު އަންނަނީ ނިދި ނުލިބުމަށް ފަރުވާ ދިނުމަށާއި ނިދުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޖަވާބެއް ހޯދަމުން އެކިއުޕަންޗާ ކިޔާ ގަދީމީ ޗައިނީސް މެޑިސިން ނިޒާމަކުންނެވެ.
އެކިއުޕަންޗާ އަކީ "ނިދި ނުލިބުމަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބަދަލު ގޮތްތަކުގެ ތެރެއިން އެއް ގޮތް ކަމަށް ވެދާނެ، އޭގެ ނޭދެވޭ އަސަރުތައް ކުޑަ" ކަމަށް ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިންގައި ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވެ އެވެ. އެކަމަކު، އެކިއުޕަންޗާ އެއީ ސީދާ ކޮން އެއްޗެއް ހެއްޔެވެ؟
އެކިއުޕަންޗާއަކީ ކޮބާ؟
އެކިއުޕަންޗާ އަކީ ހަށިގަނޑުގެ ވަކި ސަރަހައްދުތަކެއް ސްޓިމިއުލޭޓް ކުރުމަށް ހަމުގެ ތެރެއަށް ތިނޯހެއް ފަދަ ކަށިތަކެއް ވައްދައިގެން އުފައްދާ އުކުޅެއް ކަމަށް މުމްބާއީގެ ރެޖުއާ އެނާޖީ ސެންޓަރުގެ އެކިއުޕަންޗާ އެންޑް ނެޗުރޯޕެތީ ސްޕެޝަލިސްޓް ޑރ ސަންތޯޝް ޕާންޑޭ ވިދާޅުވި އެވެ.
ޝުއްދީ ނެޗުރޯޕެތީ ކްލިނިކްގެ ފައުންޑަރ، ނެޗުރޯޕެތީ އެންޑް އެކިއުޕަންޗާ ފިޒިޝަން ޑރ އަންޖަލީ ޝަރްމާ ވިދާޅުވީ މި ވަކި ނުކުތާތަކަށް ކަށި ޖަހާއިރު އެ ހަކަތަ ނުވަތަ ‘ޗީ’ ބެލެންސް ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. “ހަށިގަނޑުގެ ބަޔަކަށް ތަދުވާނަމަ ނުވަތަ ބަލިވެއްޖެނަމަ އެބައިގައި ނުވަތަ ގުނަވަނެއްގައި ޗީ އެނާޖީ ބެލެންސް ނުކުރެވެއެވެ. ހޮވޭ ޕޮއިންޓްތަކުން މި ހަކަތަ ބެލެންސް ކުރުމަށް އެހީތެރިވެދޭ،” ޝިދާތާ ވިދާޅުވި އެވެ.
މި ފަރުވާއިން ނިދުން ރަނގަޅު ކުރެވިދާނެތަ؟
ނިދުމަކީ ރަނގަޅު ސިއްހަތާއި އަޅުގަނޑުމެންގެ ހަށިގަނޑު ރަނގަޅަށް މަސައްކަތް ކުރުމަށް ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް އެންމެންނަށް ފަސޭހައިން ނިދި އަންނަން ނާކާމިޔާބުވުމުން ނިދުމަށް ދަތިވުން، ނުވަތަ މާ އަވަހަށް ހޭލެވުން ފަދަ ކަންކަން ކުރިމަތިވެއެވެ. "މި އަލާމާތްތައް ގިނަ ފަހަރަށް ގަވާއިދުން ހަފްތާތަކެއް ވަންދެން ފެންނައިރު، ސާފު ސަބަބެއް ފެންނާކަށް ނެހުރޭ،" ޑރ ޕާންޑޭ ވިދާޅުވި އެވެ.
ސްޓްރެސް ކުޑަކުރުމުގެ އުކުޅުތަކާއި، ނިދުމުގެ ސާފުތާހިރުކަން ރަނގަޅުކުރުމާއި، ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީއާއި، ބޭހާއި ހަރުފަ ސަޕްލިމެންޓްސް ފަދަ ފަރުވާތަކުގެ ތެރެއިން އެކިއުޕަންޗާ ވެސް އާންމުކޮށް ބޭނުންކުރަނީ ނިދި ނުލިބުން ރަނގަޅު ކުރުމަށް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އެއީ "ނިދި ނުލިބުމަށް ދޭ ފައިދާހުރި ފަރުވާއެއް" ކަމަށް ވިދާޅުވެ ޑރ ޕާންޑޭ ވިދާޅުވީ، ނިދި ނުލިބުމަށް ދޭ ބޭސްތަކަށް ވުރެ ނޭދެވޭ އަސަރުތައް މަދުކޮށް އާންމުކޮށް ފަސޭހައިން ލިބޭތީ އެކިއުޕަންޗާ އަކީ ބޭނުންތެރި ފަރުވާއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމެއް ކަމަށެވެ. ނިދި ނުލިބުމަށް ފަރުވާ ދިނުމަށް އާންމުކޮށް ލިޔެދޭ ބައެއް ސެޑޭޓިވްސް ތަކުގެ ސަބަބުން ޖެހިގެން އަންނަ ދުވަހު މީހާއަށް ނިދި އައުމާއި، ކޮގްނިޓިވް އިމްޕެއަރމަންޓްތައް ކުރިމަތިވުމާއި، ނުވަތަ ބޭހަށް ބަރޯސާވުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ.”
އޭނާ ރިސާޗްތަކާ ހަވާލާދީ ބުނީ އެއްވެސް ފަރުވާއެއް، ބޭހެއް ނުވަތަ އެކިއުޕަންޗާ ނުދިނުމާ އަޅާބަލާއިރު އެކިއުޕަންޗާ އިން ނިދުމުގެ ފެންވަރާއި މުއްދަތު ވަރަށް ބޮޑަށް ރަނގަޅުކޮށްދޭ ކަމަށެވެ. "ނިދި ނުލިބުމަށް ފަރުވާ ދިނުމަކީ އާންމު ގޮތެއްގައި ފަރުވާ ދިނުމާއި އެކިއުޕަންޗާ ހެދުމަކީ ވެސް އެކިއުޕަންޗާ ނުލައި ދެވޭ ބޭހުގެ ފަރުވާއަށް ވުރެ މާ ފައިދާހުރި ކަމެއް ކަމަށް ވެދާނެ،" އޭނާ ވިދާޅުވި އެވެ.
އެކިއު ޕަންޗުކޮށްގެން ނިދި ރަނގަޅުވަނީ ކީއްވެ؟
ނިދުމަށް ބާރުއަޅާ ހޯރމޯނެއް ކަމަށްވާ މެލަޓޮނިން އެކިއުޕަންޗާ ހެދުމުން އިތުރުވެދާނެ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. މީގެ އިތުރުން ހާއްސަކޮށް ބޮލުގެ އިސްތަށިގަނޑުގައި އެކިއުޕަންޗު ކުރާއިރު ނިދި އުފެދޭ ސިކުނޑީގެ ސަރަހައްދުތަކަށް ލޭ ދައުރުވުން އިތުރުކޮށްދެއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެކިއުޕަންޗާގެ ސަބަބުން ސިކުނޑީގައި ގާމާ-އެމިނޯބިއުޓިރިކް އެސިޑް އަދި ސެރޮޓޮނިންގެ މިންވަރު އިތުރުކޮށް، ނިދުމުގެ ފެންވަރު ރަނގަޅުކޮށްދޭ ކަމަށެވެ. “މީގެ އިތުރުން އެންޑޮކްރައިން ސިސްޓަމަށް ބަދަލު އައުމުން ރޭގަނޑު އެންޑޯޖެނަސް މެލަޓޮނިން ރިލީޒް ވުން އިތުރުވެގެންދޭ. އެކިއުޕަންޗާ އިން ވެސް ނިދުމާއި ހޭލުމުގެ ސައިކަލް ނޯމަލައިޒް ކުރާނެ ކަމަށް ބެލެވެނީ،” ތަޖުރިބާކާރު އިތުރަށް ވިދާޅުވި އެވެ.
އެކިއުޕަންޗާ ސެޝަނަކަށް ދިއުމުގެ ކުރިން ވިސްނަންވީ ކޮންކަމަކާ؟
ޑރ ޝަރްމާ ހިއްސާކުރެއްވި ގޮތުގައި އެކިއުޕަންޗަރަކީ ވަރަށް ރައްކާތެރި ޕްރެކްޓިސްއެކެވެ. އެކިއުޕަންޗާ އަދި ނެޗުރޯޕެތީގެ ތަޖުރިބާކާރު ފިޒިޝަނަކު ކުރާއިރު ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ. "މާބަނޑު ދުވަސްވަރު ވެސް އެއީ ރައްކާތެރި ކަމެއް،" ހަނދާނުގައި ބަހައްޓަން ޖެހޭ ބައެއް އިރުޝާދުތައް ހިއްސާކޮށް އޭނާ ވިދާޅުވިއެވެ.
*ފަރުވާގެ ދެގަޑިއިރު ކުރިން ކާނާ ބޭނުންކުން
*ލުއި ހެދުން ލައިގެން އުޅުން.
*ކެފެއިން އިން ދުރުހެލިވުން
*ފަރުވާގެ ކުރިންނާއި ފަހުން ބޮޑެތި ކަސްރަތުތަކުން ދުރުހެލިވުން.
*ފަރުވާއަށްފަހު މަދުވެގެން 2-3 ގަޑިއިރު އަރާމުކުރުން.
*ދިގު ދުއްވުންތަކާއި، ސްކްރީން ޓައިމްއިން ދުރުހެލިވުން
މާބަނޑު މީހުންނާއި، ދާއިމީ ބޮޑެތި ބަލިތައް ހުއްނަ މީހުންނާ އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިން މި ފަރުވާ ހޯދުމުގެ ކުރިން ސިއްހީ މާހިރެއްގެ ލަފާ ހޯދަން ޖެހޭނެއެވެ.