
މި ވަގުތު ރާއްޖޭގެ ފެތުމުގެ 400 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް ހޯލްޑް ކުރާ އީން އައްބާސް ޝަރީފަކީ ކުޅިވަރުގެ އާއިލާއަކަށް އުފަން ޒުވާން އެތްލީޓެކެވެ.
އީންގެ ކާމިޔާބީ ސިލްސިލާއަށް އެންމެ ފަހުން އިތުރުވު ބޮޅުތަކަކީ ތައިލެންޑްގައި ކުރިއަށްދިޔަ ތައިލަންޑް އޭޖްގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސްގައި އީން ހޯދި ކާމިޔާބީތަކެވެ.
ތައިލެންޑްގެ އުމުރުފުރާ ފެތުމުގެ މުބާރާތުގެ 14 އާއި 15 އަހަރުން ދަށުގެ ކެޓަގަރީން އީން ރަން މެޑަލް ހޯދީ 400 މީޓަރުގެ އިންޑިވިޖުއަލް މެޑްލީ އިވެންޓާއި 200 މީޓަރު ބަޓަފްލައި ސްޓްރޯކް، 400 މީޓަރު ފްރީ ސްޓައިލް، 800 މީޓަރު ފްރީ ސްޓައިލް އިވެންޓުންނެވެ. ރިހި މެޑަލް ހާސިލްކޮށްފައިވަނީ 50 އާއި 200 މީޓަރު ބްރެސްޓް ސްޓްރޯކް، 200 މީޓަރު ފްރީ ސްޓައިލާއި އިންޑިވިޖުއަލް މެޑްލީ އިވެންޓުންނެވެ. އަދި ލޯ މެޑަލް ހޯދީ 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުންނެވެ. އީން ގައުމީ ރެކޯޑް ހެދީ އަންހެނުން 400 މީޓަރު ފްރީސްޓައިލް އިވެންޓުންނެވެ. އީން އޭނާ އަތުގައި ކުރިން ވެސް އޮތް ރެކޯޑެއް އާ ކުރީ 05.29.88 ގެ ޓައިމިން އަކުން އިވެންޓް ފުރިހަމަކޮށްގެންނެވެ.