ads
ރައީސް ސާލިހް ޕާކިސްތާނު ސަފީރާ ބައްދަލު ކުރައްވަނީ
ޕާކިސްތާނު ސަފީރު ރައީސް އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި
ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުހްތާރް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޕާކިސްތަނުގެ ސަފީރުގެ މަގާމުގައި ހުންނަވައި، ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބަދަހި ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި އިހްލާސްތެރި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އެމަނިކުފާނަށް ތައުރީފު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ޕާކިސްތާން ސަފީރު ދެއްކެވި ވާހަކަފުޅުގައި، ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖެއާ ޕާކިސްތާނުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިފައިވާ ކަންކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ދެގައުމުގެ ރައްޔިތުންގެ މެދުގައި ސިއްހީ ދާއިރާއިންނާއި، އިގްތިސާދީ ދާއިރާއިން އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުންވެސް މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދި ފަހުން ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާ އާއި ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި ޕާކިސްތާނުގެ ސަފީރު ވަނީ، ރައީސުލްޖުމްހޫރިއްޔާއަށް އެ މައުލޫމާތު ހިއްޞާކުރައްވައި، ދިވެހި ސަރުކާރުން ފާޅުކުރެއްވި އިހްލާސްތެރި ޝުއޫރުތަކަށާއި ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާން ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ދެގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިޔަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް