
ތެހެރާން ޕްރޮވިންސްގެ އުއްތަމަ ފަނޑިޔާރު އަލީ އަލް ޤާސީ މެހެރްއާ ހަވާލާދީ ދައުލަތުގެ މީޑިއާ އިރްނާއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ދައުވާ ލިބޭ މީހުންގެ ޝަރީއަތްތައް އާންމުންނަށް ހުޅުވާލައިގެން އަޑުއެހުން ބާއްވާނެ ކަމަށެވެ.
އިރްނާ އިން ބުނީ މުޒާހަރާގެ ގިނަ ބައެއްގެ ޝަރީއަތްތައް މިދިޔަ ހަފުތާގައި ފަށާފައިވާ ކަމަށެވެ.
ސެކިއުރިޓީ ގާޑުންނަށް ހަމަލާދިނުން ނުވަތަ ޝަހީދުކޮށްލުމާއި، ރައްޔިތުންގެ މުދަލުގައި އަލިފާން ރޯކުރުން ފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހުންގެ ޝަރީއަތް އޮތީ ރިވޮލިއުޝަނަރީ ކޯޓުގައި ތާވަލުކޮށްފައި ކަމަށް އިރްނާ އިން ބުނެފައިވެއެވެ.
އީރާނުގެ ވެރިރަށް ތެހެރާން ޕްރޮވިންސްގައި މިދިޔަ ހޮނިހިރު ދުވަހު ދައުވާ އުފުލާފައިވާ މީހުންގެ އަދަދު 315 އަށް އަރާފައިވާ ކަމަށާއި އީރާނުގެ އެހެން ޕްރޮވިންސްތަކުން ވެސް 700 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރާ ގުޅިފައިވާ ނިއުސް އެޖެންސީ އިސްނާ އިން ވެސް ވަނީ ބުނެފަ އެވެ.
މިއީ އީރާނުގައި ހަ ހަފުތާއަށް ވުރެ ގިނަ ދުވަސް ވަންދެން ހިނގަމުން އަންނަ ދެކޮޅުވެރި ހަރަކާތްތައް ނިމުމަކަށް ގެނައުމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ފަށާފައިވާ ދަނޑިވަޅެއްގައި ހިންގާ ޝަރީއަތް ތަކެކެވެ.
މުޅި ގައުމުގައި މިހާރު ކުރިއަށްދާ މުޒާހަރާތައް އެންމެ ފުރަތަމަ ފެށުނީ އެ ގައުމުގެ މޮރަލް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި މަރުވި އުމުރުން 22 އަހަރުގެ ކުރުދީ-އީރާނު އަންހެނެއް ކަމަށްވާ މަހްސާ އަމީނީ މަރުވުމާ ގުޅިގެންނެވެ. އޭގެ ފަހުން އީރާނުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރަމުން ދިޔަ މީހުން ވަނީ ސަރުކާރާ ދެކޮޅަށް އެކި ހަރަކާތްތައް ހިންގާފައެވެ.