ads
ލަންކާއަށް ބޭރުފައިސާ ހޯދުމަށް އެހީވުމަށް ރައީސް ނަޝީދު އާއި މީގެެ ކުރިން އެގައުމުގެ ސަރުކާރުން އޮތީ ހަވާލުކޮށްފައި
ކޮޕް 27 ގައި ރައީސް ނަޝީދު މިފަހަރު ތަމްސީލުކުރާނީ ލަންކާ
މިސްރުގެ ޝާމް-އަލް-ޝާއިހް ގައި ކުރިއަށްދާ އދ. ގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ސަމިޓު ކޮޕް 27 ގައި ލަންކާގެ ފަރާތުން ދާ ވަފުދުގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިސްރަށް ފުރާވަޑައިގެންފި އެވެ.

މަޖިލީހުގެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން އެ ސަމިޓުގައި ރައީސް ނަޝީދު މިފަހަރު ތަމްސީލުކުރައްވާނީ ލަންކާ އެވެ. 

ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ގައުމީ ވަފުދުގެ މެންބަރެއްގެ ގޮތުގައި އެ ސަމިޓަށް ރައީސް ނަޝީދު ފުރާވަޑައިގެންނެވީ މިއަދު ހެނދުނެވެ. މަޖިލީހުން ބުނިގޮތުގައި މިއަދުން ފެށިގެން މިމަހުގެ ނުވަވަނަ ދުވަހާއި ހަމައަށް ރައީސް ނަޝީދު ކުރައްވާ މިދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެކެވެ. 

މި ދަތުރުފުޅުގައި މިސްރުގައި ބާއްވާ ކްލައިމެޓް ޕްރޮސްޕެރެޓީ ޕްލޭންސް ފްލެގްޝިޕް އިވެންޓުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ. 

މި ބައްދަލުވުމަކީ ކްލައިމެޓް ވަނަރަބްލް ފޯރަމް(ސީވީއެފް) އަދި ވަނަރަބަލް ގުރޫޕް އޮފް 20(ވީ 20) އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުމެކެވެ. 

ރާއްޖެއަކީ ވެސް ސީވީއެފް މެމްބަރު ގައުމެކެވެ. ރާއްޖޭގެ ފަރާތުން ސަމިޓުގައި އިންނަވާނީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ކޮޕް 27 ސަމިޓުގައި ރައީސް ނަޝީދު ލަންކާ ތަމްސީލުކުރައްވާއިރު، މޫސުމީ ކަންކަމުގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައަށް ލަފާދޭ ފަރާތެއްގެ ގޮތުގައި ރައީސް ނަޝީދު މިދިޔަ މަސްތެރޭ ލަންކާގެ ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.

މީގެ ކުރިން އެގައުމުގެ އިގްސޯދީ ހާލަތު ރަނގަޅުކުރުމަށް ބޭރު ފައިސާ ހޯދުމަށް ބައިނަލް އަގުވާމީ އެހީ ހޯދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއްގެ ގޮތުގައި ވެސް ނަޝީދު ވަނީ އައްޔަންކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް