ads
ރައީސް ނަޝީދު އަދި ލަންކާގެ ބޮޑު ވަޒީރު---
ލަންކާގެ އިގްސޯދު ހަަމަޔަކަށް އަޅުވަން އެހީ ހޯދަން ރައީސް ނަޝީދާއި ހަވާލުކޮށްފި
އިގްތިސާދީ ގޮތުން ބޮޑެތި ކާރިސާއަކާއި ކުރިމަތިލާން ޖެހި، ބޭރުގެ ފައިސާއަށް ޖެހިފައިވާ އަވަށްޓެރި ސްރީ ލަންކާގެ އިގްސޯދު ހަމަޔަކަށް އަޅުވަން، ބޭރު ގައުމުތަކުން މާލީ އެހީ ހޯދުމަށް، އެ ގައުމުގެ ސަރުކާރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ހަވާލު ކޮށްފި އެވެ.

ރައީސް ނަޝީދު މި ޒިންމާއާއި ހަވާލުވެވަޑައިގެންފައިވަނީ، އަމިއްލައަށް އެދިގެންނެވެ. 

އެގައުމުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ލަންކާގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއިއެކު މިއަދު ރައީސް ނަޝީދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި އެގައުމަށް ކުރިމަތިވެފައިވާ އިގްސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލް އަގުވާމީ އެހީ ހޯދުމަށް އެހީތެރިވެދޭން ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ. 

އެ ހުށަހެޅުން ގަބޫލުފުޅު ކުރައްވާ، ލަންކާގެ ބޮޑުވަޒީރު ވަނީ، އެމަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއްގެ ގޮތުގައި، ނަޝީދު އައްޔަންކުރައްވާފަ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ. 

މީގެ ކުރިންވެސް ލަންކާގެ ބޮޑުވަޒީރު ކަން އެތައް ފަހަރަކު ކުރައްވާފައިވާ ރަނިލް ބޮޑުވަޒީރުކަމަށް އަނެއްކާވެސް އައްޔަންކޮށްފައި ވަނީ، މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުންނެވެ. ރައީސް ނަޝީދު ވަނީ އެކަމަށް މަރުހަބާ ކިޔާ ރަނިލްގެ ބޮޑުވަޒީރު ކަމުގައި ލަންކާއަށް ކާމިޔާބު ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

އިގްސޯދު ހަަމަޔަކަށް އަޅުވަން ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ލަންކާއިން ދަނީ އެކި ގޮތްގޮތުން މަސައްކަތް ކުރަމުން ނެވެ. އެގޮތުން އެ އަޑިގަޑުން ލަންކާ ސަލާމަތް ކޮށްދޭ ބަޔަކީ ލަންކާއިން އަބަދުވެސް އެބައެއްގެ އެހީތެރިކަން ހަނދާން ނައްތާނުލާނެ ބަޔެއް ކަމަށް މީގެ ކުރިން އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. 

މި ދަނޑިވަޅުގައި ލަންކާއަށް ބޭރުގެ މާލީ އެހީ ހޯދައިދިނުމަށް އެހީތެރިވުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ފާޅުކުރައްވާ އެ ޒިންމާއާއި ހަވާލުވެވަޑައިގެންއިރު، ލަންކާގެ ހާލަތު ގޯހުން ގޯހަށް ގޮސް މަޝްރަހު ގޯސްވާން ފެށިފަހުން ރައީސް ނަޝީދު އަންނަނީ ލަންކާގެ އިގްސޯދު ހަަމަޔަކަށް އެޅުވޭނެ ގޮތްތަކާއި ބެހޭގޮތުން އެކި ގޮތްގޮތުން ޓްވީޓު ވެސް ކުރައްވަމުންނެވެ. 

ސްރީލަންކާގެ އިގްސޯދީ ބޮޑު ހީނަރުކަމަކަށް ގޮސްފައި ވަނީ ކޮވިޑް-19ގެ ސަބަބުން ދިމާވި އިޤްތިސާދީ ހީނަރުކަމާއި ގުޅިގެން ފަތުރުވެރިކަން މެދުކެނޑުމާއި އެކުއެވެ. ލަންކާގެވެސް މައިގަނޑު އިޤްސާދު ބިނާވެފައި އޮންނަނީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީގެ މައްޗަށެވެ. 

އެ ދަނޑިވަޅުގައި ލަންކާގައި ހިނގަމުން ދިޔަ ބޮޑެތި މަސްރޫއުތަކުގެ ލޯނު އަނބުރާ ދައްކަންޖެހުމާއި އެކު ލަންކާއަށް ވަނީ އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ތެޔޮ ލިބުމަށް ދަތިވެ، ދުވާލަކު ފަސް ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދު ކަނޑާލުމަށް ވެސް ލަންކާގެ ސަރުކާރަށް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ވަނީ މަޖުބޫރު ވެފައެވެ. 

ފަހަކަށް އައިސް ކަރަންޓް ކަޑައިގެންދިއުމުގެ އުދަގޫވެސް ސްރިލާންކާގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް ތަހަންމަލުކުރަންޖެހިފައެވެ. މީގެ އިތުރުން ސްރީލަންކާގެ ކާބޯތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ގޮސް، ގޭސްފަދަ އަސާސީ ވަސީލަތްތައް ވެސް ލިބުމުގައި ދަތިތަކާއި ދަނީ ކުރިމަތި ލަމުންނެވެ. 

މިކަމާއި ގުޅިގެން އާއްމުން ހުއްޓާނުލާ މަގުތަކުގައި ކުރި މުޒާހަރާތައް ހޫނުވެ، އެންމެ ފަހުން ބޮޑުވަޒީރު އިސްތިއުފާ ދެއްވާ ހިސާބަށް ގޮސް އެ ގައުމުގައި ލޭ އޮހޮރުވުން ވެސް ވަނީ ހިނގާފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް