
އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ބޮޑު ވަޒީރުކަމުން ދުރުކުރައްވާފައި ހުންނަވަނިކޮށް، އެމަނިކުފާނުގެ ޕާޓީ ޕީޓީއައި އިން ވަނީ އެގައުމުގެ އެެއް ސިޓީން އަނެއް ސިޓީއަަށް ބޮޑު ހިނގާލުމެއް ބާއްވާފަ އެވެ.
އިންތިހާބު އަވަސް ކުރުމަށް ގޮވާލައި ސަރުކާރާއި ދެކޮޅަަށް ބޭއްވި މި ހިނގާލުން ލީޑުކުރައްވަމުން ގެންދެވީ އިމްރާން ހާން އެވެ.
ބުރާސްފަތި ދުވަހު އޮތް ހިނގާލުމުގައި އެމަނިކުފާނުގެ ފައިގެ ދެތިން ތަނަަކަށް ވަޒަން އަރައި ޒަހަމުވީ، ހިނގާލުމުގައި ބޭނުންކުރި އޯޕަން ވެހިކަލެއްގެ މަތީ ހުންނަވަނިކޮށެވެ.
ސީދާ އަވަހާރާކޮށްލަން ދިން މި ހަމަލާއިން ސަލާމަތްވެވަޑައިގެން ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދާ އިމްރާން ވިދާޅުވީ، އެ ހަމަލާ އަމާޒުވުމުގެ އެއް ދުވަސްކުރިން ދެ މީހަކު ވެސް އެމަނިކުފާނަށް ބަޑިން ހަމަލާދޭން މަސައްކަތް ކުރި ކަމަށެެވެ.
އެ ހަމަލާގައި އެކަކު މަރާލައި 11 މީހަކު ޒަހަމުކޮށްލާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އެމަނިކުފާނު ތުހުމަތުކުރައްވަނީ، އެމަނިކުފާނުގެ ފުރާނަ ދުއްވާލުމަށް ދިން އެ ހަމަލާގެ ފަހަތުގައި ތިބީ މިހާރުގެ ބޮޑުވަޒީރު ޝެހެބާޒް ޝާރިފް އާއި، އިންޓީރިއަ މިނިސްޓަރު ރަނާ ސަނައުއްލާ އަދި އިންޓެލިޖެންސް އޮފިޝަލް މޭޖަ ޖެނަރަލް ފައިސަލް ނަސީރު ކަަމަށެވެ. ނަމަވެސް މި ތުހުމަތު ސާބިތުވާނެ އެެއްވެސް ހެއްކެެއް އެމަނިކުފާނު ނުދައްކަވަ އެވެ.
މި ހަމަލާދިން މީހާ ހަމަ އެދުވަހު އެތަނުން ހައްޔަރުކޮށްފައިވާއިރު، އޭނާ ދިން އިއުތިރާފު ވީޑިއޯއެއްގައި ބުނެފައިވަނީ، މަސައްކަތް ކުރީ ހަމައެކަނި އިމްރާން މަރާލަން ކަަމަށާއި، އިތުރު މީހަކަށް ހަމަލާދޭން ވިސްނުމުގައި ނެތް ކަމަށެވެ.
އޭނާ ބުނެފައިވާގޮތުން އިމްރާން ހާން މަރާލަން ވިސްނީ، ނަމާދު ވަގުތުތަށް ބެލުމެއްވެސް ނެތި ރިލޭގައި ބާރަށް ލަވަޖަހައި، އަޑުގަދަކޮށް ހަދާތީ ކަމަށާއި، އެކަން އޭނާ އަށް ކަމުނުދިޔައީ ކަމަށެވެ. އެކަމުގައި އިތުރު މީހަކު ބައިވެރިނުވާ ކަމަށްވެސް އޭނާ ބުންޏެވެ.
އޭނާ ވަނީ ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ރިލޭގެ ތެރެއަށް ބަޑިޖަހާފައެވެ. އެވަގުތު އޭނާ ހުއްޓުވާފައިވަނީ އެތަނުގައި ހުރި އިމްރާން ހާންގެ ސަޕޯޓަރެކެވެ. ވީޑިއޯތަކުން ފެންނަގޮތުން ފަހަތުން އައިސް ހުއްޓުވަން އުޅުމުން އޭނާ ދުވެ ފިލަން މަސައްކަތްކޮށްފައި ވެއެވެ.