ads
ނައިބު ރައީސް މިސްރުގައި
މޫސުމީ ބަދަލުތަކުން ތަހައްމަލުކުރަން ޖެހެނީ ކުދި ގައުމުތައް
ދުނިޔޭގެ މޫސުމަށް ނޭދެވޭ ބަދަލުތައް އައުމުގައި އެންމެބޮޑު ހިއްސާއެއް އޮތީ ކުރިއަރާފައިވާ ގައުމުތަކުގައި ކަމަށާ އެގައުމުތަކުން ފުރިހަމައަށް އެކަން ގަބޫލުކުރަންޖެހޭކަމަށާ އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އެންމެބޮޑަށް ތަޙައްމަލުކުރަންޖެހެނީ މިކަމުގައި އެންމެ ކުޑަ ހިއްސާއެއް އޮތް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގަމުތަކަށް ކަމުގައިވާތީ، މި ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރިއަރާފައިވާ ގައުމުތަކުން ކުދި ޖަޖީރާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަމޫސިލް ނަސީމް ގޮވާލައްވައިފިއެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް ގޮވާލެއްވީ މިސްރުގެ ޝަރްމުއްޝެއިހްގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ކުރިޔަށްދާ އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27) ގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންނަށް އަމާޒުކޮށްގެން މިސްރު ސަރުކާރުން އިންތިޒާމްކޮށްގެން ބޭއްވި "އިނޮވޭޓިވް ފައިނޭންސް ފޮ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް" މަތީ ފަންތީގެ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނާއި ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުގެ މަންދޫބުންނާއި މުހާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، ކޮވިޑް- 19 ބަލިމަޑުކަމާއި ޔޫކްރެއިން ހަނގުރާމަފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ކާރިސާތަކުގެ ސަބަބުން، އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވާ ހަކަތައިގެ ދަތިކަމާއި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ލޯނުގެ ގޮތުގައި އިތުރު ދަރަނިތަކެއް ނަގަންޖެހުންފަދަ އިގްތިސާދީގޮތުން ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާއި، އޭގެ އަސަރުތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރަމުންދާއިރު، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭކަންކަމާއި މޫސުމަށް އަންނަ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުރާކަންކަމަށް ފައިސާ ހަމަޖެއްސުމުގައި ހަމަހަމަ ކަމެއް ގާއިމުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. 

ނައިބު ރައީސް ވިދާޅުވީ ރާއްޖެފަދަ ގައުމުތަކުގެ ދައުލަތުގެ ބަޖެޓުގެ ދެބައިކުޅަ އެއްބައި ހޭދަކުރަންޖެހެނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ ކަންކަމާގުޅޭ ހަރަދުތަކަށް ކަމުގައެވެ. އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ކަންކަމަށް ހަރަދުކުރުމަށް ގައުމުތަކުން އެއްބަސްވެފައިވާ އަހަރަކު 100 ބިލިޔަން ޑޮލަރުގެ އަމާޒަށް އަދިވެސް އިތުރަށް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖެފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ފައްތަރެއްގައިވާ ގައުމުތަކުގެ ދެމި އޮތުމަށް ބޭނުންވާ ފައިސާ، އެބޭނުންވާ ވަގުތުގައި، ބޭނުންވާ މިންވަރަށް ލިބުމުގައި ކުރިމަތިވާ ދަތިކަން ފާހަގަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމަށް ހަރަދުކުރުމަށް އެހީދޭ ޤައުމުތަކުން ދޫކުރާ ފައިސާ ހޯދުމުގައި އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަމަށްވެސް ލުއިގޮތްތަކެއް ހަމަޖެއްސުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޕެރިސް އެގްރީމަންޓް ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި، ޔޫ.އެން ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ބޭރުންވެސް ހިތްވަރަކާއެކު މަސައްކަތްތައް އިތުރުކުރަންޖެހޭ ކަމަށާއި، އަދި ބައިނަލްއަގްވާމީ ހުރިހާ މާލީ އިދާރާތަކުންވެސް ޕެރިސް އެގްރީމެންޓާ އެއްގޮތަށް ސިޔާސަތުތައް ބައްޓަންކުރަން ޖެހޭކަމުގައި ވިދާޅުވިއެވެ.

އަދި ރާއްޖެ ފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ނާޒުކު ފައްތަރުގައިވާ ގައުމުތަކަށް މިކަންކަމުން އަރައިގަތުމުގައި މާލީގޮތުން ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ފައިސާ ހޯދިދާނެ ބައެއް ގޮތްތަކުގެ ހުށަހެޅުންތަކެއް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ބައްދަލުކުރެއްވުމުގައި ހިއްސާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާ އިތުރުވެ ޙާލަތު އިތުރަށް ގޯސްވަމުންދާކަމީ ފެންނަން އޮތް ހަގީގަތެއްކަން ފާހަގަކުރައްވައި މިފަދަ ކާރިސާއަކަށް ޙައްލެއް ގެނެވޭނީ، އެންމެން އަނެކާއާ މެދު ވިސްނައި، އެބައެއްގެ ޒިންމާ އަދާކޮށްގެންކަން ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް