
ކުޑަ ކުއްޖަކާ ބެހިގެން އދ. ދިއްދޫ ރޯޝަނީވިލާ ޝާމިލް އާދަމް 15 އަހަރަށް ޖަލަށްލާން ހުކުމްކުރީ ހޯމަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގެ ޝަރީއަތުގައި އޭނާވަނީ ކުށަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުވީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމުގައިވާތީ މައްސަލައިގެ ތަފްސީލެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެއެވެ. މި މައްސަލައިގެ ހުކުމް ކްރިމިނަލް ކޯޓުން ކޮށްފައިވަނީ ހޯމަ ދުވަހުއެވެ.
ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރެ އެކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގިކަން ސާބިތުވެ އދ. ދިއްދޫ ރޯޝަނީވިލާ ޝާމިލް އާދަމް 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރިއިރު، ހަމަ އޭނާގެ މައްޗަށް އިތުރު އެހެން މައްސަލައެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. އެއީ އދ.ދިއްދޫ / ރޯޝަނީވިލާ، ޝާމިލް އާދަމްގެ މައްޗަށް ދައުލަތުން ދައުވާކުރި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލަ ނިމިފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުނުވާކަމަށް ކަނޑައަޅައެވެ.