
ފަޔަ އެންޑް ރެސްކިއުޓީމުގެ ކޮމާންޑަންޓް ކާނަލް އިބްރާހިމް ރަޝީދު އެ ސަރަހައްދުގައި ހުންނަވާ މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވިގޮތުން، މިހާތަނަށް 10 މީހުން މަރުވި އެ ހާދިސާ ހިނގި އެގޭގައި އިންޑިއާ، ބަގްލަދޭޝް، އަދި ސްރީލަންކާ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދިޔައެވެ. ކޮންމެ މީހެެއްގެ އެނދުކައިރީ ކެއްކުމަށް ގޭސްފުޅިއެއް ހުރެ އެވެ.
އިބްރާހިމް ރަޝީދު ވިދާޅުވިގޮތުން، އަލިފާންގަނޑު ނިއްވާލުމުގައި އެހާ ގިނައިރުތަކެއް ނެނގީވެސް އެގޭސްފުޅިތައް ގޮވަމުން ދިއުމުން ނެވެ. ނަމަވެސް އެއީ ސީދާ ހާދިސާ ހިނގަން މެދުވެރި ސަބަބު ކަމަށް ބުނަން ދަތިކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުން ރޭ 00:30 ހާއިރު އެ ހާދިސާގެ ރިޕޯޓު ލިބިގެން ފަޔާ ފައިޓަރުން އެސަރަހައްދަށް އައިރުވެސް އިމާރާތުގެ ތިރީގައި ވަރަށް ބޮޑަށް ރޯވެ އަދަމުންދިޔަ އެވެ.
އެންމެ ބޮޑު އަމާޒަކަށް ވީ އަލިފާންގަނޑު ހިފާފައިވާ ގެ ކައިރީ ހުރި އެހެން ގެތަކަށް އަލިފާންގަނޑު ފެތުރުނަ ނުދީ ގެއްލުންތައް ކުޑަކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަލިފާންގަނޑު ނިއްވާލެވުނުއިރު ކައިރީ ހުރި އެއްވެސް ގެ އަކަށް ގެއްލުންވެފައެއް ނުވެއެވެ. މިއީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކޮށް މީހުން ސަލާމަތްކުރުމުގެ މަސައްކަތްކަތުގެ ތެރެއިން ވަރަށް ބޮޑަށް ފިހިފައިވާ އެކަކު ސަލާމަތް ކުރެވުނުކަންވެސް އޭނާ ފާހަގަކުރެއްވި އެވެ. އެއީ ބަގްލަދޭޝް މީހެކެވެ. މިވަގުތުވެސް އެމީހާއަށް ދަނީ ސީރިއަސް ހާލަތުގައި ފަރުވާދެމުން ނެވެ.
މަރުވި 10 މީހުންގެ ތެރެއިން އަންހެން ފިރިހެން އަދި ދެނެގަންނަން ދަތިކަން ކޮމާންޑަންޓް ފާހަގަކުރެއްވި އެވެ.