ތިރީސް އަހަރު ދުވަހަށްފަހު އަލުން މެދު ޒިޔާރަތުގައި ދިދަ ނަގަން ފަށާފައިވަނީ މާލޭގައި ހުރި އާސާރީތަންތަން އެތަންތަން އަސްލު ހުރިގޮތައް އަލުން އިއާދަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންކަމަށް މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗާއިން ވަނީ ބުނެފައެވެ.
މި ކަމުގައި ގިނަ ބައެއްގެ ހިޔާލު ވަނީ ދެކަފިވެފައެވެ. ބައެއް މީހުން މިކަމަށް ތައުރީފުކޮށް ވާހަކަ ދައްކަމުން ގެންދާއިރު، ދީނީ އިލްމުވެރިންގެ ގިނަ ބޭފުޅުން މިކަމާ ދެކޮޅެވެ.
މެދު ޒިޔާރަތުގައި ދިދަ ނެގުމާއެކު ޑރ. މުހައްމަދު އިޔާޒު ވަނީ، އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ. "ނެތި ގޮސްފައިވާ ބިދުއައެއް އަލުން ދިރުނަ ނުދިނުމަށް" އިޔާޒު ވަނީ އިސްލާމިކް މިނިސްޓްރީ ޓެގު ކުރައްވައިއެދިލައްވާފައެވެ. އެ ޓުވީޓަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވެސް ވަނީ ލައިކް އެއް ދެއްވާފައެވެ.
ނަމަވެސް މެދު ޒިޔާރަތުގައި ދިދަނެގީތީ އެކަމާ އުފާ ކުރާ މީހުން ވެސް މީސްމީޑިއާގައި މަދެއް ނޫނެވެ.
ޓީވީއެމްގެ މަޝްހޫރު ޕްރެޒެންޓަރު، އަދި ކުރީގެ ފިލްމުސްޓާރު އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ވިދާޅުވެފައިވަނީ "ހިތައް ވެރިވީ ކުޑައިރުގެ ހަނދާންތަކެއް" ކަމަށެވެ.
"މާމަގެ އަތުގަ ހިފައިގެން މެދުޒިޔާރަތް ދޮށުން ދިޔަ ހަނދާންތައް ހިތްމައްޗަށް ނެގެވުނު. އުފާވެރި އިހުސާސްތަކެއް ކުރުވައިފި. ތާރީހާ ސަގާފަތުގެ ކަންކަމުން ހިތައް އުފާވެރިކަމެއް މި ލިބުނީ އުމުރުން 50 އަހަރުން މައްޗަށް ދިޔަފަހުން، ސަޅިކަމެއް" ކަމަށް އިއްބެ މިއަދު މީސްމީޑިއާގައި ވިދާޅުވެފައިވެއެވެ.
މެދު ޒިޔާރަތަކީ މީލާދީން 1153 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެ އިސްލާމްދީނަށް ވެއްދެވި މޮރޮކޯގެ މަޝްހޫރު އިލްމުވެރިޔާ އަބުލްބަރަކާތުލް ޔޫސުފް އަލް ބަރުބަރީގެ މަހާނަ އެވެ. މި މަހާނައަކީ ސުލްހަވެރިކަމުގެ ރަމްޒެކެވެ.