
މިއަދު ސަލާމަތީ ހިދުމަތުގެ އިސްވެރިންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، ފުލުހުން އަލަށް ބޭނުންކުރަންފަށަން ތައްޔާރުވެފައިވާ ބައެއް އާލަތްތަކާއި ޓެކްނޮލޮޖީގެ ރޮނގުން ހޯދާފައިވާ ކުރިއެރުންތައް ދައްކާލާފައި ވެެއެވެ.
އޭގެތެރޭގައި ދިވެހީންގެ މެދުގައި ބޭނުންކުރުމާއިމެދު ހިޔާލުތަފާތުވެފައިވާ، ޓޭޒާ ގަން ބޭނުންކުރާނެ ގޮތް ވެސް ދައްކާލާފައިވެއެވެ. މި ބަޑިއަކީ އިލެކްޓްރިކް ޝޮކެއް ފޮނުވާލައިގެން ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކާ ކުށްވެރިނާއި ދެކޮޅަށް ބޭނުންކުރާ ހަތިޔާރެކެވެ. މި ޝޮކް ފޮނުވާލުމާއިއެކު ވަގުތުން މީހާގެ ހަރަކާތް ހުއްޓި ވެެއްޓޭއިރު، އެގޮތަށް މީހާ ބާއްވަން ބޭނުންވާ ވަގުތު އިތުރުވެސް ކުރެވެއެވެ. އެޔަަށްފަހު ދޭންޖެހޭ ފަރުވާއެއް ވާނަމަ ދޭނެ ވެސް މެއެވެ.
ސީޕީ ހަމީދު ވިދާޅުވީ، ފުލުހުން ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގައި ނުރައްކާތެރި ކުށްވެރިންނާއި ކުރިމަތިލާ ފުލުހުންނަށް ހަރުދަނާ ރަނގަޅު ރައްކާތެރި ކަމެއް ލިބެންޖެހޭ ކަމަށާއި، އަދި އެ މާހައުލެއްގައި ކުށްކުރާ ގޮތްތަކާއި ކުރިމަތިލެވޭނެ ބަޔަކަށް ފުލުހުން ވާންޖެހޭ ކަމަށެވެ.
ޓެރަރިޒަމާއި ބޮޑެތި ކުށްކުރާ މީހުން ވަޅި އާއި ކަނޑި އާއި ކަތިވަޅި ހިފައިގެން ނުކުމެ އުޅޭއިރު، އެ މީހުންނާ ދެކޮޅަށް ފުލުހުން ހުސްއަތާ ނުކުމެ އުޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ މަސައްކަތް ކުރަމުންދަނީ މިއަހަރު ނިމުމުގެ ކުރިން ޓޭޒާ ގަން ބޭނުންކުރަން ފެށޭތޯ ކަމަށް ކަމަށެވެ. އެ ގަން ބޭނުންކުރާނީ އެގަން ބޭނުންކުރުމުގެ ތަމްރީންތައް ލިބިފައިވާ ފުލުހުންނެވެ. އެކަމަށްޓަކައި ދެ ބެޗެއްގެ 20 އޮފިސަރުން މިހާރު ތަމްރީންތައް ފުރިހަމަ ކޮށްފައިވާކަމަށް ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވިގޮތުން ރާއްޖޭގައި މިހާރު އޭގެ 25 ގަން އޮތްއިރު، އިތުރު ގަން ހޯދުމުގެ މަސައްކަތްވެސް ފުލުހުން އަންނަނީ ކުރަމުން ނެވެ. އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެ ގަން މިހާރު ބޭނުންކުރަމުން ދަނީ ދެ ގައުމެއްގައި ކަމަށް ސީޕީ ވިދާޅުވި އެވެ.
ޓޭޒާ ގަން ބޭނުންކުރަން ފަށަން އުޅޭކަން އެންމެ ފުރަތަމަ ސީޕީ ހަމީދު އިއުލާންކުރެއްވީ 2020 ވަނަ އަހަރުތެރެއެވެ. އޭރުވެސް އެކަމާއި ގުޅޭ ތަމްރީންތަކެއް ފުލުހުންގެ މެދުގައި ހިންގާފައިވެއެވެ. ނަމަވެސް މި ގަން ބޭނުންކުރުމާއިމެދު އާންމުންގެ ހިޔާލުތަފާތުވުންތައް އޭރުވެސް އޮތެވެ.