
ކުޅުދުއްފުށީ، ކޮކާހަނދުވަރު އާރިފް އަލީއަކީ، އޭނާގެ ހަޔާތުގައި ވަރަށް ކުރިއްސުރެ މުޖުތަމައުގެ ފައިދާއަށް އަމިއްލަ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުން ގެންދަވާ ތަފާތު ޝަހުސިއްޔަތެކެވެ. އޭގެ އެންމެ ބޮޑު ހެކި ކުޅުދުއްފުށީ، ކޮކާހަނދުވަރު ގޭގައި އެހެރަ "ރަށްވެހި އާސާރު" އަށް ވަދެ ބަލައިލުމުން ކިތަންމެ ރަނގަޅަށްވެސް ފެންނާނެއެވެ.
މީގެ ދެއަހަރު ކުރިން ހަދައި، ހުޅުވައި އާންމުކޮށް ހިދުމަތް ދެމުން އަންނަ މި އާސާރަކީ އާރިފުގެ އަމިއްލަ މަސައްކަތުން ކޮށްފައިވާ އަގުނުކުރެވޭފަދަ ބޮޑު ބިޔަ މަސައްކަތެކެވެ. މި އަސާރަށް ވަދެ ބަލައި، ތަކެއްޗާއި ގުޅޭ މައުލޫމާތު ލިބިގަތުމަށް، އާރިފް މީހެއްގެ އަތުން އެއްވެސް ފީ އެއްވެސް ނުނަންގަވައެވެ. އާއެކެވެ. އެއީވެސް އޭނާގެ ހިތުގައި މުޖުތަމައު އަށް ހިދުމަތް ކުރުމަށް އޮތް ވަރުގަދަ ލޯބި ހާމަވާ ކަމެކެވެ.
"އަޅުގަނޑު އަބަދުވެސް ބަލަން ކިހިނެއްތޯ މުޖުތަމައުއަށް ފައިދާކުރަނިވި ގޮތަކަށް ކަމެއް ކޮށްދެވޭނީ. އަޅުގަނޑަށް އޭގެން މަންފާއެއް ނުލިބުނަސް އެގޮތަށް ވުމަކީ އަޅުގަނޑަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް" އާރިފް ކިޔައިދިނެވެ.
އާރިފުގެ ރަށްވެހި އާސާރަކީ، އެވޭލާ ދިވެހިންގެ ދިރިއުޅުން ދައްކުވައިދޭ ތާރީހީ "މައުރަޒް" އެކެވެ. ދިވެހިންގެ އާދަކާދަޔާ ސަގާފަތުގެ ކަންކަން ދެކި ތަޖުރިބާ ކޮށްލުމަށް ހުޅުވިފައިވާ އިހު ޒަމާނުގެ ތަކެތީގެ "މާލަމް" އެކެވެ.
މި އާސާރުގައި ހުރި ތަކެތީގެ އަދަދު 170 އަށްވުރެ ގިނައެވެ. 117 އަހަރަށްވުރެ ކުރީގެ ގަދީމީ ތަކެތިވެސް މިތަނުގައި ފެންނާން އެބަހުއްޓެވެ. ބައެއް ތަކެތި ކުރީގެ ގޮތަށް މީހުން ލައްވައި ހަދާފައިވެސް އެބަހުއްޓެވެ. ދިވެހި ދައުލަތުގެ ސިއްކަ ޖަހާފައިވާ ނާށިން ފެށިގެން ބޮޑެތި "ލިޔާ ހަރު" ފަދަ ތަކެތިވެސް އެބަހުއްޓެވެ. ވެރިންގެ ފެންވަރުގެ ބޭބޭފުޅުންގެ އެއްޗެހީނުން ފެށިގެން އާންމު މީސް މީހުންގެ ތަފާތު ތަކެތިވެސް މި އާސާރުން ފެންނަން އެބަހުއްޓެވެ. އާސާރުގައި ހިމެނޭ ތަކެތީގެ ތެރޭގައި ދިވެހި ފައިސާގެ ގޮތުގައި ބޭނުންކުރި ބޮއްޔާއި، ކުރީގައި އެއްޗެހި ކިރަން ބޭނުންކުރާ ތިލަފަތާއި، ތެޔޮ މިނަން ގެންގުޅުނު ކުރަޔާއި، ކަނބުރުގެ ތަކުގައި ބޭނުންކުރާ ގިރުނބާއާއި، ކަރަންޓު ނެތް ޒަމާނުގައި އަލިކުރާން ގެންގުޅުނު ފުޅި ބައްތި، ފެނާއި އެހެނިހެން ތަކެތި އަޅާ ރައްކާކުރާ ޒާތް ޒާތުގެ ރުނބާ، ހާއްސަ ކެއުންތަކުގައި ބޭނުންކުރާ މަލާފަތް، އަލިފާން އިސްތިރި މިހެން ގޮސް އަދިވެސް ބައިވަރު ތަކެތި ހިމެނެއެވެ. އަދި އުތުރު ގަޑުބަޑޭ ކިޔުނު ހަރަކާތުގެ މޭސްތެރިޔާ، ކުޅުދުއްފުށީ ބޮޑު ކަލޭފާނުގެ ފޮޓޯޖެހި ތަށްޓާ ޖޯޑުވެސް ފެންނާން އެބަހުއްޓެވެ.
ރަށްވެހި އާސާރު
"ވަރަށް ކުރިންސުރެ ތަކެތި ހޯދައި އެއްކުރަން ފަށައިފިން. ގޭގެއިން ބޭނުންނުކޮށް އެއްލާލަން ނެރޭ ތަކެތި ހޯދަން. ގޭގޭއަށް ގޮސް މީހުންނާ ވާހަކަ ދައްކައިގެން އިހުގެ ތަކެތި ބޮޑު އަގުދީފައި ގަނެފަ ހުންނާނެ" އާސާރަށް ތަކެތި ހޯދިގޮތް ކިޔައިދިނެވެ.
މި ތަނުގައި ހިމެނޭ ގިނަ ތަކެއްޗަކީ ކުޅުދުއްފުށިން ހޯދާފައިވާ ތަކެއްޗެވެ. އެހެން ނަމަވެސް، މި އާސާރުގައި ގއ އަތޮޅުން ހޯދާފައިވާ ތަކެތިވެސް ހިމެނޭނެ ކަމުގައި އާރިފް މައުލޫމާތު ދެއްވިއެވެ. ބައެއް މީހުން ކައިރިޔަށް ގޮސް ބައެއް ތަކެތި ހޯދާފައިވާއިރު، އަނެއްބައި ތަކެއްޗަކީ އަގުދީގެން އާރިފް ގަނެފައި ހުރި އެއްޗެއްސެވެ. އެގޮތުން ގަނެފައިހުރި ތަކެތީގެ ޖުމްލަ އަގު ހަތް ލައްކަ ރުފިޔާ އަށްވުރެ ބޮޑުވާނެ ކަމުގައި އޭނާ ހާމަކުރެއްވިއެވެ.
ރަށްވެހި އާސާރު
2019 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ މި އާސާރަކީ، މިހާރު ކުޅުދުއްފުށި ސިޓީއަށް އަންނަ ގިނަ ފަރާތްތަކުން ޒިޔާރަތް ކުރާ "ފަތުރުވެރިންގެ މަންޒިލް" އެކެވެ. ގައުމު ތަކުގެ ސަފީރުން، ދައުލަތުގެ ވެރިން، މުވައްޒަފުން، ރަށްރަށު ސްކޫލް ދަރިވަރުން މީގެ ތެރޭގައި ހިމެނެއެވެ. އާސާރަށް ވަނުމާ ހަމައިން، ތަނުގެ އެއްޗެހި ދައްކައި، އޭގެ ނަމާ، ބޭނުމާ، ތާރީހާ، މިހެންގޮސް ތަފާތު ގިނަ މައުލޫމާތުވެސް އާރިފު އަމިއްލަފުޅަށް އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކިޔައިދެއެވެ.
މި ބިޔަ އަގުބޮޑު "ޕްރޮޖެކްޓް" އިން އާރިފުއަށް ލިބޭ އެންމެ ބޮޑު ފައިދާއަކީ، މުޖުތަމައު އަށް ފައިދާތަކެއް ކުރުމެވެ. ކިޔަވައި ކުދިންނަށެވެ. ސަގާފަތާ ތާރީހީ ކަންކަމަށް ލޯބިކުރާ މީހުންނަށެވެ. ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާ ފަރާތްތަކަށެވެ. މި އާސާރު ބަލައިލުމަށް ވަކި ގަޑިއެއް ހާއްސަ ކޮށްފައެއްވެސް ނުވެއެވެ. އާރިފުއަށް ގުޅައިލުމުން ގިނަ ފަހަރަށް ވަގުތުން ހަމަޖެހެއެވެ.
ރަށްވެހި އާސާރު
ފަރުދީ ހައިސިއްޔަތުން މުޖުތަމައު އަށް ހިދުމަތް ކުރުމުގައި އާރިފުގެ މި މަސައްކަތަކީ ތައުރީފު ހައްގު އަގުހުރި މަސައްކަތެކެވެ. އިތުރު ތަކެތި ހޯދައި ރަށްވެހި އާސާރު އިތުރަށް ފުޅާކުރުމަކީ، އާރިފްގެ އުންމީދެވެ.