ads
ޖަގަހަ ޖަލްސާ: 19/09/22
ހަމަހަމަ 4 އަހަރެއްނޫން، ފާއިތުވީ ވަރިހަމަ 4 އަހަރުގެ ވެރިކަމެއް: ޝިޔާމް
އެމްޑީޕީ ސަރުކާރުގެ ފާއިތުވި ހަތަރު އަހަރަކީ ވަރިހަމަ ހަތަރު އަހަރު ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރޭ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ފާއިތުވެގެންދިޔައީ ގައުމަށް ކޮންމެ ގޮތެއް ވިޔަސް ސަރުކާރަށް ވަރިހަމަ ހަތަރު އަހަރު ކަމަށެވެ.

އެގޮތުން ދިވެހި ގައުމިއްޔަތާއި، ދީނަށް ގޮންޖެހުން އޮތް ހިސާބު ސަރުކާރަށް އެގޭ ކަމަށާއި އެކަމަކު އެކަން ސަރުކާރަށް ވަރިހަމަ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި މިނިވަންކަން ނެތަސް، ރައްޔިތުން ބަނޑަށް ޖެހުނަސް، ގައުމު ބަގުރޫޓުވިޔަސް ސަރުކާރަށް ހަމަ ވަރިހަމަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެއީ ވަރަށް ހިތާމަވެރި މަންޒަރެއްކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، ނަމަވެސް ބަދަލު ބޭނުންވާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށާއި އަދި ގައުމިއްްޔަތަަށް ލޯބިކޮށް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނީ ކޮން ލީޑަރެއްކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭކަން މިހާރު ވަރަށް ސާފުކަމަަށްވެސް ވިދާޅުވި އެވެ. 

އެމްޑީޕީގެ ސަރުކާރުގެ ފާއިތުވި ހަތަރު އަހަރަކީ ވަރިހަމަ ހަތަރު އަހަރު ކަމަށް ޝިޔާމް ވިދާޅުވިއިރު، ވެރިކަމަށް އައުމަށް ވީ ވައުދުން ކަސިޔާރުނުވެ ހަތަރު އަހަރުގެ ހަމަ ހަމަ ވެރިކަމެއް ކޮށްދެއްވިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

މިމަހުގެ 11 ވަނަ ދުވަހު އޮތް ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ފައްޓަވަމުން ރައީސް ސޯލިހް ފުރަތަމަ ވެސް ވިދާޅުވީ، މީގެ ހަތަރު އަހަރު ކުރިން ދިވެހި ރައްޔިތުންނަށް އެމަނިކުފާނު އެރުވި ޔަގީންކަމެއް ވާނެ ކަމަށެވެ. އެއީ ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމުގައި ތަފާތު ނުކުރާނެ ކަމާއި، ތަފާތެއް ނެތި ހަމަހަމަ ކަމާއިއެކު ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން ކޮށްދެވިއްޖެކަމުގެ އުފާވެރިކަން ލިބޭކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް