އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރޮޒޭނާ މިހެން ވިދާޅުވީ، އޭނާއަށް ނިސްބަތްކޮށް "މިއީ އެއްގޮތަކަށް ވެސް ވެރިކަން ބޭނުންނުވާ ފެކްޝަނެއްގެ ބޭފުޅެއް" ކަމަށް އެމްޑީޕީއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު (ވައްޑޭ) ވިދާޅުވުމާ ގުޅިގެންނެވެ.
ވައްޑޭ އެގޮތަށް ވިދާޅުވީ ޓުވިޓާގައި ރޮޒޭނާއާއި ހަސަން ކުރުސީ ކިޔާ މީހަދާ މެދު ހިނގި ކޯޅުމެއްގައި ރައީސް ނަޝީދަށް ތާއީދު ކުރާ ފެކްޝަނަށް ކިޔަންވީ "ވެރިކަމާ ދަންޖެހޭ ފެކްޝަން" ކަމަށް ރޮޒޭނާ ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.
ރޮޒޭނާ ތުހުމަތުކުރައްވާ ގޮތުގައި ހަސަން ކުރުސީގެ ނަމުގައި ޓުވިޓާގައި ޓުވީޓު ކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ.
ވައްޑޭއަށް ރައްދު ދެމުން ރޮޒޭނާ ވިދާޅުވެފައިވަނީ އަމިއްލަ ޕާޓީއަށް ވެރިކަން ލިބުމުން ހަޖަމު ނުވެގެން އުޅެނީ އަޖައިބެއްކަހަލަ ކަމެއް ކަމަށެވެ.
"ހުރިހާ ޕާޓީއަކުން ވެސް މަސައްކަތްކުރަނީ ވެރިކަން ހޯދަން. އެކަމަކު ތި ޓީމުން މަސައްކަތް ކުރަނީ ވެރިކަން ވައްޓާލަން. އާދައިގެ ކަމެއްބާ؟ ވަކިމީހަކު ވެރިކަމަށް ގެންނަން ޕާޓީ ފުންޑާލުމަކީ ދަންޖެހުން،" ރޮޒޭނާ މިއަދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ރަހުމަތްތެރިންނަށް އެމަނިކުފާނުގެ ވެރިކަމުގައި ދޫކޮށްފައިވާ ރަށްތައް ކަމަށް ބުނާ ލިސްޓެއް ވެސް ރޮޒޭނާ ވަނީ ހޮނިހިރު ދުވަހު އާންމުކުރައްވާފައެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި ވަރަށް ގިނަ މައްސަލަތަކުގައި އަންނަނީ ދެ ބަސްވަމުންނެވެ. އެއް ފެކްޝަނުން ރައީސް ނަޝީދަށް ތާއީދު ކުރާއިރު އަނެއް ފެކްޝަނުން ތާއީދު ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށެވެ.