ads
މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަން މަސައްކަތްކުރައްވަނީ——
މިހާ ދަރަނި ބޮޑު ބަޖެޓެއް ފާސްކުރަން ހެޔޮ ވެސް ނުވާނެ: އާޒިމް
ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ދަރަނި ބޮޑު ބަޖެޓެއް ކަމަށާއި، މިހާ ދަރަނި ބޮޑު ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ހެޔޮވެސް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރަމުން ދެއްކެވި ވާހަކައިގައި މެމްބަރު އާޒިމް ވިދާޅުވީ މިއަދު ދިވެހިންގެ ހާލަތު ވަރަށް ދަށަށް ގޮސްފައިވާ ކަމަށާއި، މަހުގެ މިހާތަނަށް އަންނަ އިރު އަތުގައި 100ރފ އޮތް މީހަކުވެސް މަދުވާނެ ކަމަށެވެ. 

އަދި މިހާރު ކޮންމެ މީހަކުވެސް، އެމީހެއްގެ އެކުވެރިން ކައިރިން އެހީއަށް އެދި ސަލާން ޖަހަމުންދާ ކަމަށާއި، މިއަދު ދިވެހިންގެ ހާލަތު ވަރަށް ދަށަށް ގޮސްފައިވާ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ. 

މަޖިލީހުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، ބަޖެޓް ކޮމިޓީން އެވަރަށް ވިސްނާނުލާ ފުރިހަމައަށް ދިރާސާ ކުރުމެއްނެތި ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރާނީ ރައްޔިތުން ނިކަމެތި ކުރަން ކަމަށެވެ. 

"ރައްޔިތުންނާ ދޭތެރޭ ފިކުރެއްނެތި މިހާ ބޮޑު ދަރަނި ބަޖެޓެއް މި މަޖިލީހުން ފާސްކުރަން ހުށަހަޅާ އަދި އެ ބަޖެޓަށް ތާއީދުކޮށް ފާސްކުރާނީ އަޅުގަނޑު ދެކޭގޮތުގަ ރައްޔިތުން ވެސް ނިކަމެތި ކުރަން. އަޅުގަނޑުމެން ގައުމު ވެސް ބަނގުރޫޓު ކުރަން." އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ގައުމުގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކޮށްގެން ކުރާ ކަންކަމުގެ ނަތީޖާ ފަހުން ހިތިވާނެ ކަމަށާއި، އެކަމުގެ ގެއްލުން އޭރުން ލިބޭނީ ހުރިހާ ރައްޔިތުންނަށް ކަމަށެވެ. 

އަދި މިކަންކަމަށް ވިސްނާ، މިހާ ދަރަނި ބޮޑު ބަޖެޓެއް މަޖިލީހުން ފާސްކުރަން ހެޔޮވެސް ނުވާނެ ކަމަށް އާޒިމްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް