ads
ފޮޓޯ: މާލެ ސިޓީ ކައުންސިލް
ވެރިފަރާތުން ހަވާލުނުވެ ހުރި ކަނޑުއުޅަނދުތައް ސިޓީ ކައުންސިލުން ނައްތާލަނީ
މާލޭގެ ފަޅުގައި ގަވައިދާ ހިލާފަށް އަޅާފައިވާ އުޅަނދުފަހަރުތަކުގެ ތެރެއިން ވެރިން ހަވާލުނުވާ އުޅަދުތައް ގާނޫނާއި އެއްގޮތަށް ނައްތާލާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
Advertisement

މާލޭގެ ފަޅުތެރެ ސާފުކޮށް، މާލޭގެ ބަނދަރަކީ ގަވާއިދާއި އެއްގޮތަށް ބޭނުންކުރާ ތަނަކަށް ހެދުމުގެ މަގްސަދުގައި މާލެ ފަޅުތެރޭގައި ބޭނުން ނުކޮށް ގިނަ ދުވަސްވަންދެއް އަޅާފައިވާ ހުންނަ ކަނޑު އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށާފައި ވަނީ ފާއިތުވި މަހުގެ 21 ވަނަ ދުވަހުއެވެ. 

ސިޓީ ކައުންސިލުން މި މަސައްކަތް ފަށާފައި މިވަނީ މާރުކޭޓް ސަރަހައްދަށް މަސް ހިފައިންގެން އަންނަ އުޅަނދުތަކަށް، މާލޭގެ  ބަނދަރުގެ ތޮއްޖެހުން ބޮޑުކަމުން ބަނދަރު ނުކުރެވޭ މައްސަލަ ބޮޑުވުމާއި ފަޅުތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އަޅާފައި ބޭނުންނުކޮށް ހުންނަ އުޅަނދު ތަކުގައި ގަވައިދާ ހިލާފު ކަންކަން ކުރަމުން އަންނަކަން ފާހަގަކުރެވެން ފެށުމުންނެވެ. މި މަސައްކަތުގެ ދަށުން ސިޓީ ކައުންސިލުން ވަނީ މިފަދަ އުޅަނދުތައް ނެގުމަށް ވަކި މުއްދަތެއް ކަޑައަޅާ އެކަން އުޅަނދުތަކުގެ ވެރިންނަށް އަންގާފައެވެ. 

މި މުއްދަތުގެ ތެރޭގައި ނުނަގައި ހުރި 27 އުޅަނދެއް ސިޓީ ކައުންސިލުން ވަނީ ތިލަފުށީގައި ޓޯ-ކޮށްފައެވެ. އަދި ޓޯ-ކުރި އުޅަނދުތައް ނެގުމަށް ވަކި މުއްދަތެއް ކަނޑައަޅާ އެ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނެގުމަށް އެންގުމުން ތިން އުޅަނދެއް ފިޔަވާ ހުރިހާ އުޅަނދަކާ އުޅަނދުތަކުގެ ވެރިފަރާތުން ވަނީ ހަވާލުވެފައެވެ. 

ޓޯކޮށްފައިވާ އުޅަނދުތައް ވެރިފަރާތަށް ދޫކުރަނީ އުޅަނދުގެ ލިޔެކިޔުންތަކާއި، އަދި ނަގަންޖެހޭ ހުއްދަތައް ހަމަކުރުމުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ޓޯ-ކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ހަވާލު ނުވެ އޮތް ތިން އުޅަނދުގެ ވެރިފަރާތްތައް އެ އުޅަނދުތަކާއި ހަވާލުވުމަށް މާޗް މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ސިޓީ ކައުންސިލުން ވަނީ މުހުލަތު ދީފައެވެ. 

އެ މުހުލަތުގެ ތެރޭގައި އުޅަނދުފަހަރުގެ ވެރިފަރާތް ނުވަތަ ޒިންމާދާރު ފަރާތަކުން އުޅަނދާއި ހަވާލުނުވެއްޖެނަމަ، އެއީ ބޭނުން ނެތިގެން ދޫކޮށްލާފައިވާ އުޅަނދުގެ ގޮތުގައި ކަނޑައަޅާ މި އުޅަނދުތައް ގަވައިދުގެ ދަށުން ނައްތާލާނެކަމަށް ސިޓީ ކައުންސިލް އިން މައުލޫމާތުދެއެވެ.


މާލޭގެ ބަނދަރަށް ދިމާވެފައި ހުރި މިފަދަ މައްސަލަތައް ތިން މަސް ދުވަހުގެ ތެރޭގައި ހައްލުކޮށް މާލޭގެ ބަނދަރަކީ ތަރުތީބު، ބޭނުން ކުރަން ފަސޭހަ ތަނެއްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް