
ރިޕޯޓުތައް ބުނާގޮތުން، އެ ފެސްޓިވަލް ފެށުމަށް ބާއްވާ ރަސްމިޔާތުގައި ބްލީވުޑް ކިންގް ޝާހްރުކްހާން އަށް އޮނަރަރީ އެވޯޑުވެސް އަރުވާނެ އެވެ. މިއީ އޭނާ ފިލްމް އިންޑަސްޓްރީއަށް ދެމުންދާ ހިދުމަތް ފާހަގަކުރުމަށް ދެވޭ އެވޯޑެއްކަމަށް އެ ގަައުމުން ބުނެ އެވެ.
ކުރިއަށްއޮތް ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލްގައި މިއަހަރު 61 ގައުމެއްގެ 41 ބަހަކުން 131 ފީޗާ ފިލްމާއި ކުރު ފިލްމު ދައްކާނެ އެވެ.
އަދި މި ފެސްޓިވަލްގައި 34 ވޯލްޑް ޕްރިމިއާ އާއި، 17 އަރަބި ޕްރިމިއާގެ އިތުރުން، މެދުއިރުމައްޗާއި އުތުރު އެފްރިކާ (މެނާ)ގެ 47 ޕްރިމިއާ ވެސް ކުރިއަށްދާނެ އެވެ.
މީގެ އިތުރުން ރެޑް ކާޕެޓް ގާލާތަކާއި އައުޓްޑޯ ސްކްރީނިންތަކާއި ހާއްސަ ޕްރެޒެންޓޭޝަންތައް ވެސް ކުރިއަށްދާނެ އެވެ.
ސައުދީގައި 35 އަހަރު ވަންދެން ފިލްމް ސިނަމާތައް އޮތީ މަނާކޮށްފައެވެ. ފުރަތަމަ ފަހަރަށް ސައުދީގައި ސިނަމާއެއް ހުޅުވާފައިވަނީ، 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅެވެ. އަދި ފިލްމް ފެސްޓިވަލްތައް ބާއްވަން ފެށީ އޭގެ ހަތަރު އަހަރު ފަހުން 2021 ވަނަ އަހަރުގެ ތެރޭގަ އެވެ.
ފިލްމް ފެސްޓިވަލްގެ ދެވަނަ ފެސްޓިވަލް ފަށަން އަންނަ ޑިސެމްބަރަށް ނިންމާފައިވާއިރު، މިއަހަރު ފުރަތަމަ ފަހަރަށް ސައުދީގައި ވަނީ ނަސޯރާދީނުގެ ހެލޮވީންވެސް ފާހަގަކޮށްފަ އެވެ.
ސައުދީ މިހާބޮޑަށް ބަދަލުވެގެން މިދަނީ ކީއްވެ؟
ޕްރިންސް މުހައްމަދު 2016 ވަނަ އަހަރު އިއުލާން ކުރެއްވި އިކޮނޮމިކް ޑައިވަސިފިކޭޝަން ޕްލޭނެއްގައި ސައުދީ ކިންގްޑޮމް އިންވެސްޓްމަންޓް ޕަވަހައުސްއަކަށް އަދި ގްލޯބަލް ބިޒްނަސް ހަބަކަށް ބަދަލު ކުރުމަށް ގޮވާލެއްވި އެވެ.
އެޔާއެކު ދީނީ ކަންކަމުގައި މިނިވަންކަން ބޮޑުވެ، ސަައުދީގައި ކުރިން ދީނީގޮތުން މަނާކަންކަން ހުއްދަވެގެން ދިޔައެވެ. އަދި ފުލުހުންނަށް ހައްޔަރު ކުރުމުގެ ބާރު ގެއްލިގެން ދިޔައެވެ.
އުމުރުން 37 އަހަރުގެ ޕްރިންސް މުހައްމަދު ވަނީ ގައުމުގެ އިގްތިސޯދު ފުޅާކުރުމުގެ ނަމުގައި ތެލުގެ އިތުރުން އާ އިގްތިސާދީ ދާއިރާއެއްގެ ގޮތުގައި މުނިފޫހިފިލުވުމުގެ ގޮތްތައް ތަރައްގީ ކުރުމަށް ވެސް ބާރުއަޅަން ފަށާފަ އެވެ.
މި ބަދަލުތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް ފިލްމީ ސިނަމާތައް ހުޅުވި އެވެ. ސަރުކާރުން ސްޕޮންސަ ކުރި ސިލްސިލާ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބާއްވަމުންދެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ “ރިޔާދު ސީޒަން” އެވެ.
މި ސީޒަންގައި ފުރަތަމަ ފަހަރަށް މިފަހުން ސައުދީގައި ވަނީ ޑީޖޭ ޝޯތަކާއި ބޮޑު މިއުޒިކް ޝޯއެއް ވެސް ބާއްވާފައެވެ.
ސައުދީ އަރަބިއްޔާގެ 30 އަހަރުން ދަށުގެ 58 އިންސައްތަ މީހުންގެ ތެރެއިން ގިނަ މީހުން ބުނަނީ އެ ބަދަލު ގެނައުމުގެ ކުރިން އެމީހުން ތިބީ މުނިފޫހިފިލުވުމަށް ނުހަނު ބޮޑަށް ބޭނުންވެފައި ކަމަށެވެ. ނަމަވެސް މި ބަދަލުތަކުގެ ސަބަބުން ސައުދީގެ ބައެއް މީހުން ދަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުންތަކާއި ކަންބޮޑުވުންތައް ވެސް ފާޅުކުރަމުން ނެވެ.