ads
މޮޅަދޫ ވޯލްޑް ކަޕް ފޭން ޒޯން
ނަމާދު ކޮށްގެން މެޗް ބަލަން އަންނަ ފަރާތްތަކަށް ކޮފީ ހިލޭ
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ވޯލްޑްކަޕް، ގަތަރުގައި ކުރިޔަށްދާއިރު، މި މުބާރާތް ފޯރިޔާއެކު ބޮޑު ސުކުރީނުގައި އަންނަނީ ބަލަމުންނެވެ.

ރާއްޖޭގެ ގިނަ ރަށްތަކުގައިވެސް މި މުބާރާތް ބެލުމަށް ޖަހަގަތައް ހަދައި، ބޮޑު ސްކުރީނު ބަހައްޓާ ތަފާތު ހިދުމަތްތަކާ އެކު މެޗުތައް އަންނަނީ ބަލަމުންނެވެ.

މި މުބާރާތުގެ ބައެއް މެޗުތައް ކުޅޭ ގަޑިތައް ނަމާދުތަކުގެ ވަގުތާ އޮންނަނީ ދިމާވެފައެވެ. އެހެންކަމުން ނަމާދުތައް ދޫކޮށްނުލައި ކުރަމުން، މެޗުތައް ބެލުމަށް ވަރަށް ގިނަ އިލްމުވެރިންނާ އާންމުން އަންނަނީ ނަސޭހަތް ދެމުންނެވެ.

މެޗުތައް ބެލުމުގައި ނަމާދު ކޮށްގެން އަންނަ ފަރާތްތަކަަށް ހިލޭ ކޮފީ ލިބޭނެ އިންތިޒާމެއް ހއ. މޮޅަދޫގައި ތައްޔާރު ކޮށްފައިވާ އުރީދޫ ފޭން ޒޯނުން މިވަނީ ހަމަޖައްސާފައެވެ. 

ފޭން ޒޯން ހިންގުމުގައި ހަރަކާތްތެރިވާ ކައުންސިލްގެ ރައީސް މުހައްމަދު ސިނާދު ސީއެންއެމަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ މިއީ، މެޗް ބަލަން އަންނަ ފަރާތްތަކަށް ނަމާދުގެ މުހިންމުކަން ވިސްނައިދީ، ނަމާދަށް އަހުލުވެރިކުރުވާ، ނަމާދު ޖަމާއަތުގައި ކުރުމަށް ބާރުއެޅުމަށްޓަކައި ކުރިކަމެއްކަމަށެވެ. ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ ނަމާދުގެ މުހިންމުކަން ވިސްނައިދީ، ނަމާދު އޭގެ ވަގުތުގައި ކުރުމަށް ބާރުއެޅުވުމަށް، ވޯލްޑް ކަޕުގެ މެޗުތައް ބެލޭނެ އިންތިޒާމާއި، އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދާ ފަރާތްތަކަށް އަޅުގަނޑު މި ފުރުސަތުގައި އިލްތިމާސްކުރާ ކަމަށެވެ.

އަދި ދިގު މުއްދަތަކަށް ކައުންސިލް ޝާމިލްވާ މި ފަދަ ކަމެއް އިންތިޒާމް ވެގެން ކުރިއަށް ދާއިރު އޭގެ ސަބަބުން ދީނުގެ އެންމެ މުހިއްމު އެއް ރުކުނަށް  ހުރަހެއް އެޅިގެން ދިއުމަކީ ކައުންސިލުން ބޭނުންވާ ގޮތެއް ނޫންކަމުގައިވެސް މޮޅަދޫ ކައުންސިލްގެ ރައީސް ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.

އެހެން ކަމުން ޖަމާއަތުގައި ނަމާދު ކޮށްގެން އަންނަ ފަރާތްތަކަށް ކޮފީ ހިލޭ ލިބޭނެ އިންތިޒާމު އެ ފޭން ޒޯނުގައިވަނީ މިހާރު ހަމަޖައްސާފައެވެ.

88%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް