
ފުލުހަކަށް ހަމަލާދިން މައްސަލައިގައި ކުށް ސާބިތުވެ ޖަލަށްލާން މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކުރީ، ލ. ގަމު މުކުރިމަގު ދޯދި އަހްމަދު ޝިފާޒުގެ މައްޗަށެވެ. ޝިފާޒުގެ މައްޗަށް ދައުލަތުން ކުރީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
މިއީ 2016 ވަނަ އަހަރުގެ ކުރީކޮޅު، ވައްކަމުގެ މައްސަލައެއްގައި ތުހުމަތު ކުރެވިގެން ޝިފާޒް ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރުމުން ފުލުހަކަށް ހަމަލާދިން މައްސަލައެކެވެ. މި މައްސަލައިގެ ޝަރީއަތުގައި ޝިފާޒްވަނީ ފުލުސް މީހާއަށް ހަމަލާދިންކަމަށް ދެކޮޅު ހަދައި އެކަމަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް އަނިޔާވި ފުލުސް މީހާގެ މެޑިކޯ ލީގަލް ރިޕޯޓުންނާ އެތާ ތިބި އެހެން ފުލުހުންގެ ހެކި ބަހަށް ރިއާޔަތްކޮށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު މުހައްމަދު މިސްބާހު މިދިޔަ ހަފްތާގައި ކުރި ހުކުމުގައި ބުނެފައިވެއެވެ.
ފުލުސް މީހާއަށް އަނިޔާކުރިކަން ސާބިތުވެ ޝިފާޒުގެ މައްޗަށް ކޮށްފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް އެ ހުކުމް ފަނޑިޔާރުވަނީ ދެ އަހަރު ދުވަހުގެ ގޭ ބަންދު ހުކުމަކަށް ބަދަލުކޮށްފައެވެ.