ސައިބަސްޕޭސްގައި ހިންގާ ހުއްދަނޫން އަމަލުތައް އެއީ ކުށް ކަމުގައި ކަނޑައެޅުމަށާއި އެ ކުށްތަކާގުޅޭ އިޖުރާއީ އުސޫލުތައް ކަނޑައެޅުމަށް ތިން ގާނޫނަކަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ބަންޑާރަ ނާއިބު ރައީސް އޮފީހަށް ފޮނުވައިފިކަން ހާމަކޮށް ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ މިއީ ސައިބާސްޕޭސްގައި ކުރާ ކުށްތައް ރާއްޖޭގައި އިތުރުވަމުންދާތީ އަދި އެފަދަ ކުށްތައް ކުރާ މީހުންގެ އަމަލުތައް އިތުރަށް ފުޅާކުރަމުންދާތީ، ސައިބަކްރައިމާ ގުޅޭ އަމަލުތައް އެއީ ކުށް ކަމުގައި ކަނޑައެޅުމުގެ މަގްސަދުގައި ގާނޫނުލްއުގޫބާތަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ހުށަހަޅާ ބިލެއް ކަމަށެވެ.
ބަންޑާރަ ނާއިބު ފޮނުއްވި ބިލުގައި ކުށްތަކުގެ ގޮތުގައި ކަނޑައަޅާ ކަންކަމުގެ ތެރޭގައި ހިމެނެނީ ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަށް އެކްސެސްވުމާއި ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރު ސިސްޓަމަށް އެކްސެސްވުން އަދި ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާ އިންޓަސެޕްޓްކުރުމާއި ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާއަށް އިންޓަފިއާކުރުމާއި ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން ފަދަ ކަންކަމެވެ.