ads
ރައީސް އޮފީސް
ސަރުކާރުން ހަދާ އެއްބަސްވުންތައް އުވާލުމުން ލިބޭ ގެއްލުން ކުޑަކުރުމަށް އުސޫލެއް
ސަރުކާރުން އާއްމު ފަރާތްތަކާއި ހަދާ އެއްބަސްވުންތަކުގެ ސަބަބުން އުފެދޭ މައްސަލަތައް ހައްލުކޮށް އެއްބަސްވުންތައް އުވާލުމުގެ ސަބަބުން ސަރުކާރަށް ލިބޭ ގެއްލުން ކުޑަކުރުމަށް އަމަލުކުރާނެ އުސޫލެއް ސަރުކާރުން ކަނޑައަޅައިފި އެވެ.

ރައީސް އޮފީހުން މިއަދު ގެޒެޓު ކޮށްފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ހަދާފައިވާ ނުވަތަ ކޮށްފައިވާ ވިޔަފާރި މުއާމަލާތްތަކަށް ހަދައިފައިވާ އެއްބަސްވުންތަކުގެ ތެރެއިން، ހަތެއް އޮގަސްޓު 2008 އިން ފެށިގެން މި އުސޫލަށް ޢަމަލުކުރަން ފަށާ ތާރީހާއި ދެމެދު، އެ އެއްބަސްވުމަކާމެދު އުސޫލުގައި ބަޔާން ކޮށްފައިވާ ގޮތްތަކުންކުރެ ގޮތަކަށް ސަރުކާރުން އަމަލުކުރުމުގެ ސަބަބުން އުފެދިފައިވާ މައްސަލަތަކަށް ބަދަލު ނަގައި ދޭނެ ކަމަށެވެ.

މި އުސޫލުގެ ދަށުން ކުރިން ހުށަހަޅާފައިނުވާ މައްސަލަތައް ހުށަހެޅުމަށް މިއަދުން ފެށިގެން 30 ދުވަސް ލިބިގެންދާނެ ކަމަށް އެ އުސޫލުގައި ބުނެފައި ވާއިރު، މައްސަލަތައް ހައްލުކޮށް އެކަމަށް ލަފާދިނުމަށް ކޮމިޓީއެއް އުފެއްދުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. 

ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ތިބޭނީ، ރައީސް އޮފީހުން ކަނޑައަޅާ ފަރާތަކާއި މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅާ ފަރާތަކާއި ޕްލޭނިން މިނިސްޓްރީން ކަނޑައަޅާ ފަރާތަކާއި އެކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ ފަރާތަކާއި މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ ފަރާތަކާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ކަނޑައަޅާ ފަރާތަކާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ކަނޑައަޅާ ފަރާތެއް ކަމަށް އުސޫލުގައި ވަނީ ބުނެފަ އެވެ. 

ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު، ބޭއިންސާފުން ވަކި ބަޔަކަށް އެކަނި އަމާޒުކޮށްގެން އެއްބަސްވުން ބާތިލުކޮށްފައިވާކަމަށް ފާހަގަކޮށްފިނަމަ ނުވަތަ އެއްބަސްވުމުގެ މަގުސަދު ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ ހުއްދައެއް ދޫނުކުރުމުގެ މައްސަލައެއް ނަމަ، ނުވަތަ ހުއްދައެއް ބާތޮލުކުރުމާ ގުޅޭ މައްސަލައެއް ނަމަ، އެކަމާ ގުޅުންހުރި މިނިސްޓްރީން ނުވަތަ އިދާރާއިން އެ މައްސަލައިގައި އަމަލުކޮށްފައިވަނީ، އެކަމާ ގުޅޭ ގާނޫނާ ނުވަތަ ގަވާއިދާ ނުވަތަ އުސޫލަކާ ނުވަތަ އެފަދަ ހާލަތްތަކުގައި އާންމުކޮށް އަމަލުކުރާ ގޮތާ ހިލާފަށްކަން ފާހަގަވެއްޖެ ނަމަ ކޯޓުން ބޭރުން މައްސަލަ ހައްލުކުރެވިދާނެ ކަމަށް އުސޫލުގައި ވަނީ ކަނޑައަޅާފަ އެވެ. 

މީގެ އިތުރުން ކޯޓުން ބަދަލުގެ ގޮތުގައި ނަގައިދެވޭނެ މިންވަރު މި އުސޫލުގެ ދަށުން ހައްލުކުރުމުން ދެވޭ އަދަދަށްވުރެ ބޮޑުވެދާނެކަމަށް ގަބޫލުކުރެވޭ މައްސަލަތަކުގައިވެސް ކޯޓުން ބޭރުން މައްސަލަ ހައްލުކުރެވިދާނެ ކަމަށް އުސޫލުގައި ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް