ads
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ-- ފޮޓޯ: ސަން/ ފަޔާޒް މޫސާ
އަލީ ވަހީދާއި ނަހުލާގެ މައްސަލަ: ޖިންސީ ފުރައްސާރައާ ދެކޮޅަށް އާ ބާބެއް؟
ޖިންސީ ގޮތުން ފުރައްސާރަ ކުރުމަކީ ދަށު ދަރަޖައިގެ އަމަލެކެވެ. އެފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ ވެރިންގެ ގޮތުގައި ތިބޭ މީހުންގެ ކިބައިން ފެނިގެން ވާނެ އަމަލުތަކެއް ނޫނެވެ. އެކަމަކު ހިތާމައަކީ ފިރިހެނުންނާ އެއްވަރަށް އަންހެނުން ހަރަކާތްތެރި މި ރާއްޖޭގައި ވެސް އިސް މަގާމުތަކުގައި ތިބޭ މީހުންގެ ކިބައިން އެފަދަ ހުތުރު އަމަލުތައް ފެންނަމުން ދިޔުމެވެ.

މި ފަހަރު ފެންމަތިވެގެން މި އުޅެނީ ސިޔާސީ މައިދާނުގައި މަގްބޫލު މޫނެއްގެ ވާހަކަ އެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯ އެވެ. ރައްޓެހިން އެއްކޮށްގެން ދައްކަނީ ހުތުރު ވާހަކަ އެވެ. އަންހެން މިނިސްޓަރަކު ގުޅުއްވުމުން ކޯލު ލަނީ ސްޕީކަރަށެވެ. ފޯނު ބޭއްވުމުން، އެ މިނިސްޓަރަށް ނިސްބަތްކޮށް ފުރައްސާރަ ކުރަމުން ދިޔައީ އެވެ. 

އެ އޯޑިއޯއަކީ އެޑިޓުކޮށްފައިވާ އެއްޗެއް ކަމަށް އަލީ ވަހީދު ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެ އޯޑިއޯގައި އިވިގެންދާ ފޯނު ކޯލު ރައްދުވާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެ ވާހަކަ ގަބޫލުކުރައްވާ މަންޒަރެއް ނުފެނެ އެވެ. ނަހުލާ ހުންނެވީ ވަރަށް ބޮޑަށް ނުރުހުންވެފަ އެވެ. 

މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރައާ ކުރިމަތިވާ ދިވެހި އަންހެނުން، އާއްމު ގޮތެއްގައި އެކަމާ މެދު އަޅައެއް ނުލަ އެވެ. ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް ނުވަތަ "ވިކްޓިމް ޝޭމިން" ގެ ތެރެއަށް ވަނުމުގެ ބިރަށެވެ. އެހެންކަމުން މިނިސްޓަރު ނަހުލާ ދެއްކެވީ ނަމޫނާ އެކެވެ. 

ރިޕޯޓުތައް ބުނާ ގޮތުން އަލީ ވަހީދުގެ މައްސަލަ ބަލައި ދިނުމަށް އެދި ނަހުލާ ވަނީ ރައީސް އޮފީހަށް ހުށަހަޅުއްވާފަ އެވެ. އަދި އިތުރު އޯޑިއޯއަކުން ވެސް އިވިގެންދާ ފަދައިން ނަހުލާ ހުންނެވީ ދޫދެއްވާކަށް ނޫނެވެ. އަލީ ވަހީދު ކުރެއްވީ "ހަޑި" ކަމެއް ކަމަށާއި، އެއީ އެޑިޓުކޮށްފައިވާ އޯޑިއޯއެއް ކަމަށް ގަބޫލު ނުކުރެވޭ މޭރުމަކުން ނަހުލާ ވަނީ އަލީ ވަހީދަށް ގުޅުއްވާ ވާހަކަދައްކަވާފަ އެވެ. 

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން 2013 ވަނަ ނެރުނު ރިޕޯޓަކުން ދައްކާ ގޮތުގައި އަންހެނަކަށް ނިސްބަތްކޮށް ހުތުރުކޮށް ވާހަކަ ދައްކައިގެން ޖިންސީ ފުރައްސާރަ ކުރާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. 

ރާއްޖޭގައި އަދިވެސް ގިނަ އަންހެނުންނަށް ދިމާވާ ޖިންސީ ފުރައްސާރައާ މެދު އަޅައެއް ނުލަ އެވެ. 2014 ވަނަ އަހަރު އަމަލު ކުރަން ފެށި ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ގާނޫނަކީ ފުރަތަމަ ފަހަރަށް ދިވެހި އަންހެނުންނަށް ގާނޫނީ ގޮތުން މިކަމާ ދެކޮޅަށް ލިބުނު ބާރެވެ.

އެކަމަކު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކުރި ދިރާސާތަކަށް ފަހު ޝާއިއު ކުރި ރިޕޯޓުގައި ބުނެގައި ވަނީ އެ ގާނޫނު ރާއްޖޭގައި ފުރިހަމައަށް ތަންފީޒު ކުރަމުން ނުދާ ކަމަށެވެ. އެކަން ސާބިތު ވަނީ ފުލުހުންނަށް ހުށަހެޅޭ ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގެ ތެރެއިން ވަރަށް މަދު އަދަދެއް މެނުވީ ދައުވާ ކުރުމަށް ފޮނުވާފައި ނުވާތީ އެވެ. 

އެގޮތުން 2016 ވަނަ އަހަރުގެ ޖެނުއަރީން އޮކްޓޯބަރަށް ފުލުހުންނަށް ރިޕޯޓު ކުރީ މިފަދަ އެންމެ 19ައްސަލަ އެވެ. ދައުވާ ކުރަން ފޮނުވީ އޭގެ ތެރެއިން އެންމެ މައްސަލަ އެކެވެ. ނަމަވެސް ސޯޝަލް މީޑިއާގައި "އެކްޓިވިޒަމް" ވަރުގަދަވުމުގެ ސަބަބުން މިހާރު ރިޕޯޓު ކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ބެލެވެ އެވެ. 

އަލީ ވަހީދާއި ނަހުލާގެ މައްސަލަ ފެންމަތިވެފައި ވާއިރު، ހަނދާނަށް ގެންނަން ޖެހެނީ އިސް މަގާމުތަކުގައި ތިބި ފަރާތްތަކާ ދެކޮޅަށް ކުރިން ކުރެވިފައިވާ މިފަދަ ތުހުމަތުތަކާއި، އެ މައްސަލަތައް ނިމުނު ގޮތެވެ. ފަހުގެ ތާރީހަށް ބަލާއިރު، އެންމެ ބޮޑު ތުހުމަތެއް އައީ މިދިޔަ ސަރުކާރުގެ ފޮރިން މިނިސްޓަރަށެވެ. 

ފޮރިން މިނިސްޓްރީގެ ހަތަރު އަންހެން މުވައްޒަފުން، އޭރުގެ މިނިސްޓަރު ޑރ. މުހައްމަދު އާސިމަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރި އެވެ. އެ މައްސަލަ ނިމުނު ގޮތެއް ސާފެއް ނޫނެވެ. 

އޭގެ ކުރިން ފެންމަތިވި އެންމެ ބޮޑު އެއް މައްސަލައަކީ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު މުހައްމަދު ފަހުމީ ހަސަންގެ މައްސަލަ އެވެ. އެ މައްސަލައިގައި ފަހުމީ މަގާމުން ވަކިކުރި ނަމަވެސް، ފަހުން ހުންނެވީ މެލޭޝިއާގެ ހައި ކޮމިޝަނަރުގެ މަގާމުގަ އެވެ. 

އެހެންކަމުން އުފެދޭ ސުވާލަކީ މިހާރު ރައީސް އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ ހަގީގަތް ސާފުވެ، ހަރުދަނާ ފިޔަވަޅު އެޅިދާނެތޯ އުފެދޭ ސުވާލެވެ. ވަކި މީހަކަށް ވުމުން މިފަދަ މައްސަލަތަކުން ސަލާމަތްވުމުގެ ސަގާފަތެއް އޮތް މި ރާއްޖޭގައި، ހަރުދަނާކޮށް މައްސަލަ ތަހުގީގުކޮށް އެންމެ އިންސާފުވެރި ނިންމުމެއް ނިންމައިފި ނަމަ، އެ ނިންމުމެއް ވެގެން ދާނީ ޖިންސީ ފުރައްސާރައާ ދެކޮޅަށް ދިވެހި އަންހެނުންނަށް ރާއްޖޭގެ ތާރީހުގައި ހުޅުވާލެވޭ އާ ބާބަކަށެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް