ads
ކަނޑުގައި މަސްވެރިކަން ކުރަނީ: ނޫރާއްޖެ ޕްރޮގްރާމުގެ ދަށުން ސާވޭއެއްވަނީ ފަށާފައި
މަހުގެ ބާވަތްތަކުން ރަނގަޅު އަގު ހޯދުމަށް ހާއްސަ ޕްލެޓްފޯމެއް
ކަނޑުމަހުން ތަކެތި އުފައްދައިގެން ވިޔަފާރި ކުރަން ބޭނުންވާ އަންހެނުންނަށް ހާއްސަ ކޮށްގެން އަންހެނުން އުފައްދާ މަހުގެ ބާވަތްތަކުން ރަނގަޅު އަގު ހޯދުމަށް ހާއްސަ ޕްލެޓްފޯމެއް ގާއިމް ކުރުމުގެ މަސައްކަތް އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ރާއްޖޭގެ ގޮފި (އައި.ޕީ.އެން.އެލް.އެފް މޯލްޑިވްސް)އިން މަޝްރޫއެއް ފަށައިފި އެވެ.

ޔޫ.އެން.ޑީ.ޕީ ގެ އޯޝަން އިނޮވޭޝަން ޗެލެންޖުގެ އެހީ ގައި ގއ. ގެމަނަފުށީގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ފެށި އައި.ޕީ.އެން.އެލް.އެފް މޯލްޑިވްސްއިން އިފުތިތާހުކޮށްފައިވާ ދެ އަހަރުގެ މަޝްރޫއުގެ ދަށުން މަހާއި މަހުގެ ބާވަތްތަކުން އުފައްދާ ތަކެއްޗަށް އެކަށޭނެ އަގެއް ހޯދާދިނުމަށް "ފިން-ޓެކް" ޓެކްނޮލޮޖީ ބޭނުންކޮށްގެން "ޕްލެޓްފޯމެއް" ނުވަތަ "އެޕްލިކޭޝަން" އެއް ގާއިމުކޮށް އޭގެ ޒަރިއްޔާ އިން ވީހާ ވެސް ރަނގަޅު އަގެއްގައި އެތަކެތި ވިއްކޭނެ ނިޒާމެއް ގާއިމު ކުރާނެކަމަށް އައި.ޕީ.އެން.އެލް.އެފް މޯލްޑިވްސްއިން ބުނެ އެވެ.

"އަދި އެ ޕްލެޓްފޯމްގައި ވީހާ ވެސް ގިނަ ފަރާތްތައް ބައިވެރިކޮށް އަހުލުވެރި ކުރުވުމާ އެކު މަސްވެރި އުފެއްދުންތަކުން ލިބޭ އިގުތިސާދީ ނަފާ އިތުރުކުރުވުން،" މި މަޝްރޫއުގެ މަގުސަދާ ގުޅޭގޮތުން އައި.ޕީ.އެން.އެލް.އެފް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ވެއެވެ.

އައި.ޕީ.އެން.އެލް.އެފް މޯލްޑިވްސް އިން ބުނިގޮތުގައި ރަށްރަށުގައި ތިބެގެން ބުރަ މަސައްކަތުން މަހުގެ އެކި އުފެއްދުންތައް އުފައްދާ އަންހެނުންނަށް އެ އުފެއްދުންތަކުން ލިބެން ޖެހޭ ސީދާ ނަފާ ނުލިބުމުގެ މައްސަލަ އަކީ 2018 ވަނަ އަހަރު އެ ގޮފިން ކުރި ދިރާސާއަކުން ފާހަގަ ކުރެވިފައިވާ މައްސަލައެކެވެ. 

ތަކެތި އުފައްދާ އަންހެނުންނަށް ދިމާވާ ބައެއް މައްސަލަތަކުގެ ގޮތުގައި އެ ދިރާސާ އިން ފާހަގަ ކުރެވުނީ ރަށްރަށުގައި ތިބެގެން އުފައްދާ ތަކެތި މާލެ ފޮނުވުމުގައި ދަތިތަކެއް ކުރިމަތިވުމާއި މާލެ ދަތުރުކުރާ ބޯޓުތައް މެދުވެރިވެގެން ފޮނުވާ ތަކެއްޗަށް ވާނުވާ ނޭނގުމާއި އެތަކެތިން ލިބުނު އަސްލު އަގު ނޭނގުން ފަދަ މައްސަލަތައް ކަމަށާއި އެކަންކަމުގެ ސަބަބުން މަސް ކައްކާ ހިއްކަމުން އަދި މަހުގެ އުފެއްދުންތަކުން އާމްދަނީ ހޯދަމުންދިޔަ ގިނަ އަންހެނުންނަށް ވަނީ އެމީހުންގެ ވިޔަފާރި ހުއްޓާލަން މަޖުބޫރުވެފައިކަމަށް އައި.ޕީ.އެން.އެލް.އެފް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އާމްދަނީ ހޯދުމަށް މަދު ފުރުސަތުތަކެއް އޮންނަ ރާއްޖޭގެ ރަށްރަށުގައި ދިރިއުޅެމުންދާ އަންހެނުންނަށް ދިމާވާ މިފަދަ މައްސަލަތަކަކީ އެ ކަންކަމާ ގުޅިގެން އެމީހުންގެ ދިރިއުޅުމަށް ނުހަނު ދަތިތަކެއް ކުރިމަތިވާ މައްސަލަތަކަކަށް ވުމާ އެކު، "އަންހެނުން އުފައްދާ މަހުގެ ބާވަތްތަކުން ލިބޭ އިގުތިސާދީ ނަފާ އިތުރު ކުރުމުގެ މަޝްރޫޢަކީ" އެ ފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ފެށި މަސައްކަތެއް ކަން އައި.ޕީ.އެން.އެލް.އެފް މޯލްޑިވްސް އިން ބުނެ އެވެ.

އީ-ކޮމާސް ޕްލެޓްފޯމަށް ކިޔަން ނިންމާފައިވަނީ "ދުމަށި" ކަމަށާއި ޕްލެޓްފޯމަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން މިހާރު ވަނީ "ދުމަށި ޕްރޮގްރާމް" ގެ ނަމުގައި ޕްރޮގްރާމެއް ފަށާފައި ކަން ހާމަކޮށް އައި.ޕީ.އެން.އެލް.އެފް މޯލްޑިވްސް އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ވިޔަފާރީގެ މައިގަނޑު އަސާސްތަކާއި ކުދި ވިޔަފާރިތަކުގެ ފައިސާގެ މުޢާމަލާތްތައް ހިންގޭ ގޮތްތަކާއި މާރކެޓިން، ބްރޭންޑިން އަދި އުފައްދާ ބާވަތްތަކުގެ ފެންވަރު ހިފެހެއްޓުމަށް ޓަކައި ކުރަންޖެހޭ މުހިންމު ކަންތައްތަކާ ގުޅޭ ތަމްރީނުތައް އެ ޕްރޮގްރާމް ގައި ދޭނެއެވެ.

މިފަހަރުގެ ތަމްރީނުތައް ހާއްސަ ކޮށްފައި ވަނީ ގއ.ގެމަނަފުށީގެ އަންހެނުންނަށް ކަމަށް ވުމާއެކު ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ވެސް ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުސަތު މިިދިޔަ މަހުގެ 16ގައި ވަނީ ހުޅުވާލާފައިވާ ކަމަށާއި ގެމަނަފުށީގެ ކައުންސިލާއި ރަށުގެ އަންހެނުންގެ ބޮޑު ތަރުޙީބަކާއި އެކު ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން ހަދާ ދުމަށި ޕްލެޓްފޯމްގެ "ޕްރޮޓޯޓައިޕް" އެރަށުގެ އަންހެނުންނަށް ނޮވެމްބަރު މަހު ދައްކާލާފައިވާ ކަމަށް ވެސް އައި.ޕީ.އެން.އެލް.އެފް މޯލްޑިވްސް އިން ނެރެފައިވާ ބަޔާނުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް