ads
އިއްޔެ މަރުވެފައި އޮތްވާ ފެނުނު އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު
ނިޝާމާގެ މަރު: އުޅެމުން ދިޔައީ އުފާވެރި ދިރިއުޅުމެއް ނޫން
ހދ.ނޮޅިވަރަމްގައި އިއްޔެ މަރުވެފައި އޮތްވާ ފެނުނު އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ މަރުގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފިރިމީހާ ފައިސަލް އަބޫބަކުރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިރު ނިޝާމާގެ މަރާއި ގުޅިގެން މުޅި ރަށް މިއަދު އޮތީ މާޔޫސް ކަމެއްގެ ތެރޭގަ އެވެ.
Advertisement

ނިޝާމާގެ މަރުގެ ހަބަރާއި އެކު ނިޝާމާގެ އާއިލާ އަށް ލިބިފައިވަނީ، ބޮޑު ޝޮކެކެވެ. ނިޝާމާގެ ދަރިން ތިބީ، މަންމަގެ ފިރުމުންތައް ދެން ދުވަހަކުވެސް ނުލިބޭނެތީ، ފުން ހިތާމައިގަ އެވެ. ގިސްލާ ކަރުނަ އަޅަ އަޅާ އެ މައުސޫމް ކުދިން ފެނި ލޮލުން ކަރުނަ ނާޅާ އެކަކުވެސް މިއަދު ނޮޅިވަރަމުގައި ނެތެވެ. 

ކޮންމެ މީހަކީވެސް މަރުވާނެ މީހެކެވެ. ނުރުހުނަސް ރުހުނަސް މަރު އައިސް ޖެހުމުން މަރު ގެންދަވާނެ އެވެ. އެކަމަށް ކުރެވޭނެ ކަމެއް ކުރެވޭނެ ފަހެތް ނެތެވެ. އެހެން ނަމަވެސް މަރުގެ ސަބަބު ހޯދުމަކީ، އެމީހެއްގެ އާއިލާ އިން ބޭނުންވާ ކަމެކެވެ. އަމިއްލަ ދަރި ދުނިޔެ ދޫކޮށްދިޔައީ، ކިހިނެއްތޯ އެނގެން ބޭނުންނުވާނެ އެއްވެސް މައެއް، ބަފައެއް ނެތެވެ. 

ކޮންމެއަކަސް ނިޝާމާގެ މަރާއި އެކު ރަށުތެރޭގައި ދައްކަމުން ދަނީ ތަފާތު ވާހަކަ އެކެވެ. ނިޝާމާގެ ފިރިމީހާ އާއި ގުޅޭ ވާހަކަތަކެކެވެ. އޭނާގެ ފަރާތުން ނިޝާމާ އަށް އުފާވެރިކަމުގެ ބަދަލުގައި ހިތާމަ އާއި ކެކުޅުން އުފުލަންޖެހުނު ވާހަކަ އެވެ. އަނިޔާތަކުން ސަލާމަތްވުމަށް ދުވެ އުޅުނު ވާހަކަ އެވެ. 

ނޮޅިވަރަމަށް އުފަން އެހެން ނަމަވެސް މިވަގުތު މާލޭގައި ހުރި މީހަކު "ސީއެންއެމް" އަށް މައުލޫމާތު ދެމުން ބުނީ، ނިޝާމާ އާއި އޭނާގެ ފިރިމީހާ އާއި ދެމެދު އާއްމު ގޮތެއްގައި ޒުވާބުތައް ހިނގާ ކަމަށެވެ. އަދި ބައެއް ފަހަރު ނިޝާމާ އަށް އޭނާގެ ފިރިމީހާގެ ފަރާތުން އަނިޔާ ކުރާކަމަށް އަޑު އަރާފައި ވާކަމަށްވެސް އޭނާ ބުންޏެވެ. 

"މަރު ވީމަ އެއް ނޫން ކޮންމެހެން މިވާހަކަ މި ދައްކަނީ. އެކަމަކު އަހަރެން ވެސް ރަށުގައި ހުރި އިރު، ބައެއް ފަހަރު އަޑު އިވިފަ އެބަހުރި ނިޝާމާ އަށް ފައިސަލް އަނިޔާ ކުރާ ކަމުގެ އަޑުތައް. އެހެން ނަމަވެސް މަށަށް ޔަގީން ކޮށްފަ ބުނާކަށް ނުކެރޭނެ ފައިސަލް އޭނާ އަށް އަނިޔާ ކުރެއެކޭ. އެއީ އަހަރެންގެ ލޮލަކަށް ނުފެނޭ އަނިޔާ ކުރަނިކޮށެވެ. އެކަމު އަނިޔާ ކުރާ މީހަކު އާއްމުންގެ ތެރޭގަ އަނިޔާއެއް ނުކުރާނެ ދޯ." އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ، އެ ދެމަފިރިން ނޮޅިވަރަމަށް ބަދަލުވީ މީގެ އަހަރެއް ދުވަސް ކުރިން ކަމަށާއި، އެންމެ ފުރަތަމަ ނިޝާމާ ރަށުން ފެނުނު ގޮތާ ފަހުން ފަހަށް އައިސް ފެންނަ ގޮތް ތަފާތު ކަމަށެވެ. ކުރިން މޫނު މަތިން އުފާވެރިކަމުގެ އިހުސާސްތައް ފެނުނު ނަމަވެސް ފަހުން އަބަދުވެސް ކޮންމެސް ކަމަކާ މާޔޫސްވެފަ ހުންނަ ހެން ހީވާ ކަމަށް އޭނާ ބުންޏެވެ. 


އަދި މިދިޔަ މަސްތެރޭ އެ ދެމެފަރިން ދޭތެރޭ ހިނގި ޒުވާބަކަށް ފަހު، ނިޝާމާގެ އާއިލާ އިން ފައިސަލް އެގެއިން ނެރެލި ކަމަށާއި، އެހެން ނަމަވެސް ފަހުން އެގެއަށް އަނބުރާ އޭނާ ގެނައި ކަމަށްވެސް، މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފަ އެވެ. 

"ހަނދާން ވާގޮތުން އެއީ، މިދިޔަ މަހުގެ މެދު ތެރެ ނޫނީ ފަހު ކޮޅު. އަހަރެންވެސް ކޮފީ އެއްގަ އިންދާ އައި މީހަކު ބުނި، ފައިސަލް ގެއިން ނެރެލޭފައި އޭ. ޒުވާބު ކޮށްގެން ކަންތައް ގަނޑެއް ހިންގާލައިގެނޭ ބުނީ. ދެން ނޭނގެ ފަހުން ގެއަށް ގެނައީ ކީއްވެ ކަމެއް."

މީގެ ކުރިން ނިޝާމާ ދިރިއުޅެމުން ދިޔައީ، އޭނާގެ ފިރިމީހާގެ ރަށް ކަމަށްވާ އދ. ފެންފުށީގަ އެވެ. އެރަށުގެ ބައެއް މީހުން ބުނާ ގޮތުގައި، އެރަށުގައި ނިޝާމާ ދިރިއުޅެމުން ދިޔަ އިރު، ފިރިމީހާގެ ފަރާތުން އަނިޔާ ލިބި، އެކަމުން ސަލާމަތް ވުމަށް ދުވެ އާދޭސް ކުރަމުން ދިޔަ ތަން ފެނިފައި އެބަހުއްޓެވެ. އަދި އެއީ އެ ރަށުގައި ނިޝާމާ ދިރިއުޅެމުން ދިޔަ އިރު، އާއްމު ކަމެއް ކަމަށްވެސް ފެންފުށީ ބައެއް މީހުން ވަނީ ބުނެފަ އެވެ. 

ތުއްތުތުއްތު ތިން ދަރިންގެ ނިޝާމާ މަރުވެފައި އޮތްކަން އެނގުނީ ހަބަރެއް ނުވާތީ ކޮޓަރިތެރެ ބެލުމުންނެވެ. އޭރު ނިޝާމާ އޮތީ މުށިތައް މަތީގައި ކަމަށާއި އުމުރުން ހަތަރު އަހަރުގެ ދަރިފުޅު އޮތީ މަންމަ ގާތުގައި ބުއް ބޯން ކަމަށް އާއިލާއިން ބުނެ އެވެ.  ނިޝާމާ އޮތް ގޮތުން އޭނާގެ ހަބަރު ނެތްކަން އެނގި، ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޭނާ މި ފަނާ ކުރަނަވި ދުނިޔެއާއި ވަކިވެފައި ވާކަމަށް ސިއްހީ މަރުކަޒުން ވަނީ ބުނެފަ އެވެ. 

ނިޝާމާ މަރުވެފައި އޮތްވާ ފެނި ފުލުހުންނަށް އެކަން ރިޕޯޓް ކުރީ، އިއްޔެ މެންދުރު 12:30 ހާއިރު އެވެ. އާއިލާއިން ބުނާ ގޮތުން ނިޝާމާ ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ނޫވެފަ އެވެ. އާއިލާ އިން ގަބޫލުކުރާ ގޮތުން ނިޝާމާ މަރުވެފައިވަނީ ނޭވާ ހާސްވުމުގެ ސަބަބުންނެވެ. 

މަރުގެ މައްސަލަ އާއި ގުޅިގެން ފައިސަލް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިރު، ފައިސަލް އާއި މެދު ދެކެވޭ ވާހަކަތަކުންވެސް ބައެއް ފަރާތްތަކުގެ ހިތުގައި ޝައްކު އުފެދިގެން ދާނެ އެވެ. 11:30 ގައި ކުޅުދުއްފުށި ހޮސްޕިޓަލުން ބަލަން ފަށާ ޑޮކްޓަރަކަށް ދެއްކުމަށް 12 ޖަހާ ބޮޑުވިފަހުން ލޯންޗަކަށް އަރައިގެން ދިޔަ މަގުމަތީ، އެ ދެމަފިރިންގެ ފޮޓާ އާއި ދަރިންގެ ފޮޓޯ ތައް ސޯޝަލް މީޑިއާ އަށް ލުމުން ކޮންމެ ކަމެއް އުޅޭ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. 

ކުޅުދުއްފުއްޓަށް ދިޔަ ގޮތަށް، ލޯންޗަށް ފައިސާ ނުދައްކާ، ދިޔަ ގޮތަށް ގޮސް އަމިއްލަ އަށް ފުލުހުންނާއި، ހަވާލުވީ އޭނާ ހޯދަމުން އަންނަ ކަމުގެ އަޑުތައް އިވުމުންނެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރު ކުރުމާއި ހަމައަށް އޭނާ އިނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. 

ކޮންމެއަކަސް މަރުގެ ސަބަބު ހޯދުމަށް ތަހުގީގީ ޓީމުން ނިޝާމާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައި ވާއިރު، ނިޝާމާގެ ފުރާނަ ދިޔައީ، މީހެއްގެ ސަބަބުން ނަމަ އެމީހަކަށް އޭގެ ހައްގު އަދަބު ދިނުމަށް މިއަދު މުޅި ނޮޅިވަރަމުގެ ރައްޔިތުން ދަނީ ގޮވަމުންނެވެ. 

21%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
68%
ވަރަށް ސަލާމް
ކޮމެންޓްސް