ads
ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ރިސޯޓުތައް ފުރާލަނީ،، އަމާޒަށް ހާސިލް ވާނެ: މައުސޫމް
ވޯލްޑް ބެސްޓް ޓޫރިސްޓް ޑެސްޓިނޭޝަން ކަމުގެ މަގާމު ޖެހިޖެހިގެން ތިން ފަހަރަށް ރާއްޖެއިން ހޯދާފައިވީ ނަމަވެސް ގަތަރުގައި ކުރިއަށްދާ ފުޓިބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕާއި ގުޅިގެން މިއަހަރުގެ ޕީކް ސީޒަން އަދި އެންމެ ރަނގަޅަށް ފެށިގެން ނުދާކަމަށް ވެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅު އަދި އާ އަހަރާއި ދިމާކޮށް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އާދެ އެވެ. އެގޮތުން މިއަހަރު ވެސް ރާއްޖެއަަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަނީ އަންނަމުންނެވެ. އެހެން ނަމަވެސް މިދުވަސްވަރު ވޯލްޑް ކަޕް ކުރިއަށް ދާތީ ގިނަ އަދަދެއްގެ ބަޔަކު ވަނީ ގަތަރަށް ދަތުރުކޮށްފަ އެވެ. އަދި ވޯލްޑް ކަޕް ބެލުމަށް ވެސް ގިނަ ބަޔަކު ވަގުތު ދޭތީ ދުނިޔޭގެ އެކި ސަރަހައްދުތަކަށް ޗުއްޓީއަށް ދަތުރު ކުރާ މީހުންގެ އަދަދުތައް ވަނީ ދަށްވެފަ އެވެ.

ރާއްޖޭގެ ފަތުރުވެރި ކަމުގައި އެންމެ ފުންނާބު އުސް ރިސޯޓުތަކުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ރިޔާއަތް ކުރައްވާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ރާއްޖޭގެ އެންމެ ހައި ސްޓޭންޑާޑް ރިސޯޓުތައް މިހާރު ވެސް ފުރިފައިވާކަމަށެވެ. 

"ވޯލްޑުކަޕް ނިމުމާއި އެކު އާދަޔާ ހިލާފަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކުރެވެނީ، އައިއްސިއްޔާ އަހަރު ނިންމާލާނީ ވަރަށް ރަނގަޅު ނަންބަރުތަކަކުން،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން މިއަހަރަށް އަމާޒުހިފާފައިވަނީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިނިސްޓަރު މައިސޫމް ފާހަގަ ކުރެއްވިގޮތުގައި މިއަހަރަށް ކަނޑައަޅާފައިވާ އަމާޒަށް އަންނަ ހަފްތާތެރޭ ވާސިލުވާނެ އެވެ.


ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޓުއާ އޮޕަރޭޓަރުން ހާމަކުރާ ގޮތުގައި ވޯލްޑުކަޕް ނިމޭ އިރަށް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އައުމަށް މިހާރު ވެސް ބުކިންތައް ވަނީ ހަދާފަ އެވެ. އަދި މިހާރު ވެސް ރާއްޖެއަށް ދުވަހުން ދުވަހަށް އަންނަ ފަތުރުވެރިންގެ އަދަދުތައް މަތިވަމުން އަންނަ ކަމަށާއި، ވަރަށް މަދު ރިސޯޓެއްގައި ނޫނީ މިހާރު އޮކިޔުޕެންސީ ރޭޓު މިވަގުތު ހުރީ 70 އިންސައްތަ އާއި 80 އިންސައްތަ އާ ދެމެދުގައި ކަމަށްވެސް އެ ފަރާތް ތަކުން ބުނެ އެވެ.

ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި ހަރަކާތްތެރިވާ ކެޕިޓަލް ޓްރެވަލްގެ ސީއީއޯ ޔޫސުފް ރިފްއަތު ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކާއި ރާއްޖެއަށް ފަތުރުވެރިން އައުމަށް ބުކިން ހަދާފައިވާ އަދަދުތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

"މިހާރު އެވްރެޖް އެރައިވަލް އަކީ 4500 - 5000 ފަތުރުވެރިން ވަރު، އެހެން ނަމަވެސް އަޅުގަނޑުމެން އަންދާޒާ އެބަކުރަން 6000 – 6500 މީހުން ނުވަތަ 7000 މީހުން ޑެއިލީ އަންނާނެ ކަަމަށް،" ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަންނަ މަހުގެ މެދެއްހާ ހިސާބުން ޗައިނާ ވެސް ހުޅުވިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެއާ އެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް މައްޗަށް ޖެހިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ޓްރެވަލް އެޖެންސީތަކުން ވެސް އަންދާޒާ ކުރަމުންދަނީ ރާއްޖެއަށް އަންނަ ފަރުވެރިން އިތުރުވަމުންދާނެ ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް