ads
ނާޒިމް ސައްތާރު..
5 ބަގްލަދޭޝް މީހަކު ރެގިއުލަރައިޒް ކުރުން: ތަހުގީގަށް މިނިސްޓްރީން އެއްބާރުލުން ނުދޭ!
ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުގެ، ނަމުގައި ސިމެއް ނަގައި ފަސް ބަގްލަދޭޝް މީހަކު ރެގިއުލަރައިޒް ކުރި މައްސަލައިގެ ތަހުގީގަށް އިކޮނަމިކް މިނިސްޓްރީން އެއްބާރުލުން ދޭން އިންކާރުކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވެއްޖެ އެވެ.

އެ މައްސަލަ އޭނާގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރު ތެރޭގައެވެ. ނާޒިމް ވިދާޅުވިގޮތުން، އެކަން ކޮށްފައިވަނީ، އޭނާގެ ނަމުގައި ސިމްކާޑެއް ނަގައި އޭނާގެ އެކްސްޕެޓް އެކައުންޓަށް ވަދެ،  ސޭވް ދަ ޑްރީމް މޯލްޑިވްސް(ރިހިވެލި) އެކައުންޓު ބޭނުންކޮށްގެން ނެވެ. 

މައްސަލަ ފުލުހުންނަށް ހުށަހެޅީ، އޭނާގެ ރިހިވެލި އެކައުންޓު ބޭނުންކޮށްގެން ފަސް ބަގްލަދޭޝީއަކު ރެގިއުލަރައިޒް ކުރީ ކޮން ބައެއްކަން ހޯދުމަށް ޓްރޭޑް މިނިސްޓްރީން އެއްބާރުލުން ނުދިނުމުން ކަމަށް އޭރު ވެސް ނާޒިމް ވިދާޅުވެފައި ވެއެވެ.

އެމައްސަލާގައި އިތުރު ހެކި ލިބިފައިވާކަން ފާހަގަކޮށް މިއަދު ނާޒިމްް ވިދާޅުވީ، އެމައްސަލާގައި ފުލުހުން މިހާރު ހިންގަމުންދާ ތަހުގީގަށްވެސް އިކޮނަމިކް މިނިސްޓަރީން އެއްބާރުލުން ނުދޭ ކަމަށެވެ. 

”ފުލުހުން ބުނަނީ ސޭވް ދަ ޑްރީމް އެކައުންޓަށް ވަން ބައެއްގެ މައުލޫމާތު ދިނުމަށް އިކޮނަމިކް މިނިސްޓްރީން އިންކާރު ކޮށްފައިވާ ކަމަށް، “ ނާޒިމް ވިދާޅުވި އެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެެވެ. 

އެމައްސަލާގައި ލިބިފައިވާ ހެކިތަކާއި ގުޅޭގޮތުން ނާޒިމް މިއަދު ވިދާޅުވީ، ސޭވް ދަ ޑްރީމް މޯލްޑިވްސް ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސޮއިކޮށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ކޯޓާ ފޯމް ހުށަހަޅާފައިވާ ކަމަށާއި، އެއީ ވެސް ފޭކް ފޯމްތަކެއް ކަމަށެވެ. 

އެ ފޯމުގައި އޭނާ ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރުތެރޭގައެވެ. ނަމަވެސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު 2020 ވަނަ އަހަރުން ފެށިގެން ހުރީ ފްރާންސްގައި ކަމުން، އޭނާ އެ ފޯމުގައި ސޮއި ނުކުރާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. 

ރާއްޖޭގައި ރަޖިސްޓްރީ ނުވެ، މަސައްކަތް ކުރާ މަސައްކަތްތެރިން، ރަޖިސްޓްރީކޮށް ގަވާއިދުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ހިންގާ ރެގިއުލަރައިޒް ޕްރޮގްރާމުގައި އެތައް ބިދޭސީންނެއް ވަނީ މިހާތަނަށް ރެގިއުލަރައިޒް ކޮށްފައެވެ.

ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ހަލެއް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން 2019 ވަނަ އަހަރުތެރޭ ފެށި ޕްރޮގްރާމުގެ ދަށުން 42،000 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު، 10،000 އެއްހާ ބިދޭސީންނަށް ވޯކް ޕާމިޓް ދީފަ ވެއެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް