ads
މަރު ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން---ފޮޓޯ: ސީއެންއެމް
ރިލްވާން މައްސަލައިގެ ތަހުގީގު ރިޕޯޓް އާންމު ނުކުރާނެ: ކޮމިޝަން
ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ އާއި ގުޅިގެން މަރު ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު، ތައްޔާރު ކުރި ރިޕޯޓް އާންމު ނުކުރާނެ ކަމަށް މަރު ކޮމިޝަނުން މިއަދު ބުނެފި އެވެ.

ރިލްވާންގެ މައްސަލައާއި ގުޅިގެން މަރު ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު، ތައްޔާރު ކުރި ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ވަނީ އަރުވާފަ އެވެ. 

އެޔަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ބުނީ، އެ ރިޕޯޓު އާންމުކުރެވެން ނެތީ، ތިން މީހެއްގެ މައްޗަށް ކުރާ ޝަރީއަތްތަކެއް ކުރިއަށްދާ މައްސަލައަކަށް ވުމުންނާއި، މުސްތަގުބޮލުގައި އިތުރު ބައެއްގެ މައްޗަށް ދައުވާކުރުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރެވޭތީ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. 

ރިޕޯޓު ހާމަނުކުރެވޭނެ ސަބަބުތަކުގެ ތެރޭގައި ފާހަަގަކުރީ:

  • ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ގަބޫލުކުރެވޭތީވެ
  • މައުލޫމާތުދިން ފަރާތްތަކުގެ މަައުލޫމާތާއި ކަރާމާތް ރައްކާތެރި ކުރުމަށް
  • މައުލޫމާތު އާންމުވެއްޖެނަމަ އެމީހުންނަށް މަރާއި ކުރިމަތިލާންޖެހިދާނެ ކަމަށް ގަބޫލުކުރެވޭތީ

ރިލްވާން ގެއްލުވާލި މައްސަލައިގައި ހައްޔަރުކޮށް ޝަރީއަތްތައް މިހާރު ކުރިއަށްދަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ:

  1. އަހުމަދު އިސްމާއިލް (އަހަނދު)، 
  2. އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ) 
  3. އަހުމަދު މުއާޒު (ގަޓު މުއާ) އެވެ. 

މިތިން މީހުންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވާއިރު، އަހަނދުގެ މައްޗަށް ކުރަނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުން ފާހަގަކުރިގޮތުން، މި މަރުގައި އޭރުގެ ދައުލަތުގެ އިސް މަގާމުތައް ފުރުއްވަމުންދިޔަ މީހުންނާއި، ގޭންގުތަކާއި، ސިޔާސީ ނުފޫޒުން އަދި ދީނީ ހަރުކަށި ފިކުރުގެ ސަބަބުން ހަރަކާތްތެރިވި ގިނަ އަދަދެއްގެ މީހުން ޝާމިލް ވެއެވެ.

އޭގެތެރެއިން ބައެއް ފަރާތްތަކުގެ ނަންތަކާއި ފޮޓޯވެސް މިއަދުގެ ބައްދަލުވުމުގައި ހިއްސާކޮށްފައިވާއިރު، ރިލްވާން ގެއްލުވާލުމުގެ ކުރިން އެތައް ބަޔަކަށް އިންޒާރުދީ، ރިލްވާންގެ މައުލޫމާތު ހޯދުމަށްވެސް އެތައް ދުވަހެއް ވަންދެން އެމީހުން މަސައްކަތްކޮށްފައި ވާކަން ކޮމިޝަނުން ފާހަގަކުރި އެވެ. އަދި އެކަން އޭރު ފުލުހުންނަށްވެސް އެނގޭ ކަމަށާއި، ވަކި މަގުސަދެއް އޮވެގެން ބަޔަކު "ސީދާ މަރަން ނުވަތަ ހުއްޓުވަން" ނިކުމެ އުޅޭ ބަޔަކު އުޅޭކަން ވަރަށް ސާފުކޮށް މައުލޫމާތުތައް ފުލުހުންނަށް ލިބެމުންދިޔަ ކަމަށް ކޮމިޝަނުން ބުންޏެވެ. 

ކޮމިޝަނުން ބުނިގޮތުން މިއަދު ރައީސްއަށް އެރުވި އެ ތަހުގީގީ ރިޕޯޓުގައި އެފަދަ މީހުންގެ މައުލޫމާތާއި އެކަން ކަން ހިނގައިދިޔަގޮތް ސާފުކޮށް ބަޔާންކޮށް، މިވަގުތުން ވަގުތަށް ކުރަންޖެހޭ ކަންކަމުގެ ލަފާތައް އަރުވާފައިވާނެ ކަމަށެވެ. 

ކޮމިޝަނުން ބުނިގޮތުން ރިލްވާނަށް ޝަހާދަތް ލައިދީ ކަރުބުރިކޮށްލައި ކަނޑުފައްތާފައިވާ ކަމަށް ތަހުގީގަށް މައުލޫމާތު ދިން މީހަކު ބުނެފައިވެ އެވެ. ކޮމިޝަނުން ބުނިގޮތުން 2014 ވަނަ އަހަރުގެ އޮގަސްޓް ހަތް ވަނަ ދުވަހުގެ 10:00 ޖެހިއިރުން ފެށިގެން ބަޔަކު ރިލްވާން އަށް ފާރަލަމުންދިޔަ އެވެ. ދެމީހަކު ވެގެން ގަދަކަމުން ރިލްވާން ކާރަށް އެރުވީ އޭނާ ގެއަށް ދިޔަ މަގުމަތީ ހުޅުމާލެއިން ނެވެ. އެ ކާރުގައި ތިން މީހުން ތިބިއިރު ކާރުގެ ފަހަތުން ތިން މީހަކު ސައިކަލުގައި ދިޔަ އެވެ. 

ކާރުގައި ގަދަކަމުން ގެންގޮސް ދެން ރިލްވާން އަރުވާފައިވަނީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަންނެލި ދޯންޏަކަށް އަރުވާފައިވާއިރު، އެ ދޯނީގައި ކަލިމަލައިދީ ކަރުބުރިކޮށް މަރާލުމަށްފަހު ކަނޑުފައްތާފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. ކޮމިޝަނުން ބުނިގޮތުން އެއީ ހަ މީހެކެވެ. އަދި އެ ހަ މީހުންވެސް ސީރިޔާގައި މަރުވެފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. 

0%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް