ބީއެމްްއެލްގެ ވެބްސައިޓް އަދި ޓުވިޓާގައި އާންމުކޮށްފައިވާ އެންގުމުގައި ވާގޮތުން ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން ހިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ އޯޓީޕީ އޮތެންޓިކޭޓަ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ވަނީ ހަމަޖައަސާފައެވެ.
އޮތެންޓިކޭޓަ އެޕަކީ ސްމާޓް ފޯނާއި ޓެބްލެޓްގައި ހާއްސަ، އަދި ވަކި ވަގުތެއްގެ ތެރޭގައި ބޭނުންކުރާ ގޮތަށް ކޮންމެ 30 ސިކުންތަކުން ކޯޑު ޖެނެރޭޓް ކުރެވޭ ގޮތަށް އިންސްޓޯލްކުރެވޭ އެޕެކެވެ.
މިއެޕް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް ބޭންކިންގައި ބޭނުންކުރެވޭ ގޮތަށް އެކްޓިވޭޓް ކުރެވޭނެކަމަށާއި ކޮންމެ ކަސްޓަމަރަކަށްވެސް ހާއްސަވާނެކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.
މި ބަދަލާއެކު ކަސްޓަމަރުން ޓްރާންސެކްޝަން ހެދުމަށް ބޭނުންވާ އޯޓީޕީ ޖެނެރޭޓްކުރުމަށް ގޫގުލް އޮތެންޓިކޭޓަ ނުވަތަ މައިކްރޯސޮފްޓް އޮތެންޓިކޭޓަ ފަދަ އެޕް ޑައުންލޯޑްކޮށް އެކްޓިވޭޓް ކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެ އެވެ. މިގޮތަށް އެކްޓިވޭޓްކުރުމުން ޓްރާންސެކްޝަން ހެދުމަށް އޯޓީޕީ ލިބޭ ގޮތްތަކުގެ ތެރޭގައި އޮތެންޓިކޭޓަވެސް ހިމެނޭނެއެވެ.
މިކާމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ގޮތްތައް އިތުރުވެ ފުޅާވަމުން އަންނަކަން އެނގޭ ކަމާށާއި އެހެންކަމުން ބޭންކުން ވެސް ދަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް މަސައްކަތްތައްކުރަމުންކަމަށެވެ.
އެގޮތުން އޮތެންޓިކޭޓަ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަމަޖެހިގެން ދިޔުމާއެކު އީމެއިލް ކޮމްޕްރޮމައިޒްވެފައިވާ ހާލަތެއްގައިވެސް މުއާމަލާތްތައް ހިންގުމަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ބީއެމްއެލްއިން ބުނީ މިމަހުގެ 20 އިން ފެށިގެން ޑިފޯލްޓްކޮށް އޯޓީޕީ ލިބޭނެ ޗެނަލެއްގެ ގޮތުގައި އީމެއިލް ނުހިމެނޭނެކަމަށާ އޯޓީޕީ ލިބޭ ޗެނަލެއްގެ ގޮތުގައި އީމެއިލް ހިމެނުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވެރިފިކޭޝަން ޕްރޮސެސްއަކަށް ފަހު އީމެއިލް އަށް އޯޓީޕީ ލިބޭ ގޮތަށް ހަމަޖެއްސޭނެކަމަށެވެ.