
މިމަހުގެ 18 ވަނަ ދުވަހު އޮންނަ ވޯލްޑް ކަޕް ފައިނަލް މެޗުގެ ކުރިން ވޯލްޑް ކަޕް ތަށި ދައްކާލުމަށް ބާއްވާ އިވެންޓުގައި ބައިވެރިވުމުގެ ޝަރަފު ދީޕިކާއަށް ވަނީ ލިބިފައެވެ.
އެ އިވެންޓުގައި ބައިވެރިވާން އޭނާ ފުރާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ބޮލީވުޑް ނިއުސްތައް ބުނެއެވެ. އޭނާ ފުރަންދަނިކޮށް ނަގާފައިވާ ވީޑިއޯތަކެއްވެސް މިހާރުވަނީ ދައުރުވާން ފަށާފައެވެ.
ދިޕިކާ ގަތަރަށް ފުރިއިރު، އޭނާގެ ކުރިއަށް އޮތް ފިލްމް ޕަތަންގެ ލަވަ ރިލީޒްވުމާއިއެކު ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ.
ވޯލްޑްކަޕް ތަށި ދައްކާލުމުގެ ހަފްލާ އޮންނާނީ މާދަމާ ރޭ 'ލުސައިލް އައިކޮނިކް ސްޓޭޑިއަމް' ގައެވެ. އަދި އޭގެފަހުން ފްރާންސް އާއި އާޖެންޓީނާ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނެ އެވެ. މި މެޗުގެ ޓިކެޓްތައް ވިއްކަން ރަސްމީކޮށް ނިންމާފައިއޮތީ 600 ޑޮލަރަށް ޓިކެޓެއްގެ ރޭޓްގަ އެވެ. ނަމަވެސް މެޗުގެ ޓިކެޓްތައް ހުސްވެ، ކަޅު ބާޒާރުގައި ޓިކެޓްގެ އަގު ވަނީ 3000 ޑޮލަރާއި 4000 ޑޮލަރާއި ދޭތެރޭ އަގުތަކަށް އަރާފަ އެވެ.