
އެ އެސޯސިއޭޝަންގެ ރައީސް އިސްމާއިލް އަލީ ސީއެންއެމް އަށް ވިދާޅުވި ސްވިމިން ޕޫލުގެ މަސައްކަތް ނުފެށި ލަސްވެފައިވަނީ ކުރިން ސްވިމިންޕޫލް އެޅިމަށް ހަމަޖެއްސި ބިން ނޫން އެހެން ބިމެއްގައި ސްވިމިން ޕޫލް އެޅުމަށް ނިންމުމާ ގުޅިގެން ކުރިމަތިވި ދަތިތަކާ ހެދި ކަމަށެވެ.
ކުރިން ހަމަޖެއްސި ބިމުގައި ސްވިމިން ޕޫލް އެޅުމަށް ކުރެހި ކުރެހުންތައް ބަދަލު ކުރަން ޖެހުމުން މަޑު ޖެހުނު ނަމަވެސް މިހާރު ވަރަށް ބާރު ސްޕީޑުގައި ކަމާ ގުޅޭ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެ ކުރެހުން ތަކަށް އިންޓަނޭޝަނަލް ސްވިމިން ފެޑަރޭޝަނުން ވަނީ އެޕްރޫވަލް ދީފައިކަމަށާއި ވީމާ އެ ސްވިމިންޕޫލް ވެގެން ދާނީ ރާއްޖޭގެ ފެތުންތެރިންނަށް ރާއްޖޭގައި ތިބެގެން އެ މީހުންގެ ރެކޯޑުތައް އާ ކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސާތަކަށް ކަމަށެވެ.
އެންމެ ފުރަތަމަ ސްވިމިން ޕޫލް އެޅުމަށް ނިންމީ ޓްރެކް ދަނޑު ކައިރީގައި ހުރި ހުރި ކުނިގޮނޑު އޮތް ބިމުގަ އެވެ. އެ ތަން ސާފުކޮށް ހެދުމަށް ފަހު، އެންމެ ފަހުން މިހާރު ނިންމާފައިވަނީ ސްވިމިން ޕޫލް ހުޅުމާލެއަށް ބަދަލު ކުރުމަށެވެ.
އިސްމާއިލް ވިދާޅުވީ ސްވިމިން ޕޫލް އަޅާ ބިން ބަދަލު ކުރުމާ ގުޅިގެން ކުރަން ޖެހޭކަންކަން ނިންމުމަށް ފަހު އެ ތަނުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ދަންނަވަން ނޭނގޭ ކަމަށެވެ. މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަށް މަސައްކަތް ފެށުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.