މައުލޫމާތު ލިބިފައިވާ ގޮތުގައި، ހުކުރު ދުވަހުގެ މެންދުރު ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި އިސްމާއިލް މޫސާ ނިޔާވީ، އެކްސިޑެންޓުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ނިޔާވެފައި ވާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި، އެ ދުވަހު އެކްސިޑެންޓު ހިނގީ، ޓްރެފިކް ލައިޓް ރަތް ވެފައި ހުއްޓާ، މާލެ އިން ހުޅުމާލެ/އެއާޕޯޓް އަށް ދާ ފަޅިން ބާރު ސްޕީޑްގައި އައި ސައިކަލު ހަލިމަގުން އެއާޕޯޓަށް ދާން އޮންނަ މަގަށް ލަނބާލަށް އުޅުނު ވޭނެއްގައި ޖެހިގެންނެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި، އިސްމާއިލް މޫސާ ދުއްވަން އިން ފަޅިން އޭނާ ފިޔަވާ އިތުރު ސައިކަލެއް އަންނަ ތަން ނުފެނެ އެވެ. އަދި ހުޅުމާލެ އާއި ވީފަޅިން މާލެ/ހުޅުލެ އަށް ދާ ލައިޓު ފެހި ވުމާއި އެކު އެ ފަޅީގައި ތިބި ވެހިކަލްތައް ނައްޓާލާ މަންޒަރުވެސް ވީޑިއޯ އިން ފެނެ އެވެ.
އެކްސިޑެންޓުވެ އިސްމާއިލް މޫސާ ބިންމައްޗަށް ވެއްޓިފައި އޮތް އިރު އޭނާގެ ގައިން ގިނަ އަދަދެއްގެ ލޭ ފައިބަމުން ދިޔަ މަންޒަރުވެސް ވީޑއޯ އިން ފެނެ އެވެ.
ތައިލެންޑްގެ ބެންގްކޮކްގައި ދިރިއުޅެމުން ދިޔަ އިސްމާއިލް މޫސާ އަކީ ރާއްޖެއަށް ފައިވާން އެތެރެކުރާ އިމާ ފުޓް ވެެއާގެ މެނޭޖިން ޑިރެކްޓަރުވެސް މެ އެވެ.