ads
ތަކެއި ޝުންސުކެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ އަރިހުގައި
ޖަޕާނުގެ ސްޓޭޓް ފޮރިން މިނިސްޓަރު ރައީސް އަރިހަށް ޒިޔާރަތް ކުރައްވައިފި
ޖަޕާނުގެ މިނިސްޓަ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ތަކެއި ޝުންސުކެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުގެ ސްޓޭޓް މިނިސްޓަރު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީދާއަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި ޖަޕާނުގެ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މި އަހަރު މީ ދެ ގައުމުގެ ގުޅުމަށް 55 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފައެވެ.

އަދި މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުން ޝައުގުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން އިޖްތިމާއީ-އިގްތިސާދީ ދާއިރާއިންނާއި، ސަރަހައްދީ ސަލާމާތާއި ގުޅޭގޮތުންނާއި، ދޭދޭ ރައްޔިތުންގެ ދެމެދުގައި ގުޅުންބަދަހިކުރުމާއި، ކާރިސާތަކުން ރައްކާތެރިވުމާއި، ކުނި މެނޭޖްކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަމުގައި ވިދާޅުވެ ޖަޕާން ސަރުކާރުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައި ޖަޕާނުގެ ސަރުކާރަށް ޝުކުރުއަދާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ކުރިމަގުގައި ވެސް ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަގީންކަން ދެއްވަމުންނެވެ.

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1967 ވަނަ އަހަރުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް