ads
ރާއްޖޭގެ އިންފްލޭޝަން 4.9 އިންސައްތަ އަށް އަރާނެކަމަށް އައިއެމްއެފުން ލަފާކުރޭ.
ފެށޭ އަހަރު އިންފްލޭޝަން 4.9 އިންސައްތަ އަށް އަރާނެ: އައިއެމްއެފް
އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޖީއެސްޓީގެ ބޮޑުކުރުމުގެ ސަބަބުން އަގުތަކަށް ކުރާނީ ވަގުތީ އަސަރެއް ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ އިންފްލޭޝަން 4.9 އިންސައްތަ އަށް އަރާނެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފިއެވެ.
Advertisement

އައިއެމްއެފްގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ދެކޭ ގޮތް ހާމަކޮށް ބަޔާނެއް ނެރެފައި މި ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދެއް ރާއްޖެ އަށް ކުރި ޒިޔާރަތަށް ފަހު، އެ ވަފުދުގެ ރިޕޯޓް އެ ބޯޑަށް ހުށަހެޅުމުން އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ފަހުގައެވެ.

މި ބަޔާނުގައި ބުނެފައިވަނީ ޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ތަކެތީގެ އަގުތަކަށް ކުރާނީ ވަގުތީ އަސަރެއް ކަމަށްވީ ނަމަވެސް ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ރާއްޖޭ ގައި ވެސް ތަކެތީގެ އަގުތައް މައްޗަށްދާނެ ކަމަށެވެ.

އައިއެމްއެފުން ބުނި ގޮތުގައި ރާއްޖޭގައި އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް މައްޗަށް ދާ ނިސްބަތް މައްޗަށް ދިޔަ ކަމުގައި ވިޔަސް، އުފުލޭ ނިސްބަތް ހުރީ ހިފެހެއްޓިފައެވެ. ސަބަބަކަށް ވަނީ އަސާސީ ކާބޯތަކެެއްޗާއި ތެޔޮ ފަދަ ތަކެއްޗަށް ދައުލަތުން ދޭ ސަބްސިޑީކަން ފާހަގަކޮށް، ބަޔާނުގައި ބުނެފައި ވަނީ ކާބޯތަކެއްޗާއި ދަތުރުފަތުރާއި ސިއްހީ ހިދުމަތްތަކުގެ އިތުރުން ތެލުގެ އަގު އުފުލުމުގެ ސަބަބުން ފާއިތުވެ ދިޔަ އަހަރު 0.2 އިންސައްތައިގައި ހުރި އިންފްލޭޝަން ނިމިދިޔަ ޖުލައިގެ ނިޔަަލަށް 2.7 އިންސައްތަ އަށް އަރާފައިވާ ކަމަށެވެ. 

މި ފެށޭ އަހަރު 4.9 އިންސައްތަ އަށް އިންފްލޭޝަން އަރާނެކަމަށް އައިއެމްއެފުން ލަފާ ކުރަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ކުރާނެ ހަރަދުތަކާއި ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ކުރާނެ ވަގުތީ އަސަރުގެ ސަބަބުންނާއި ކާބޯތަކެއްޗާއި ތެލަށް ކުރަން ޖެހޭ ހަރަދު އަންނަ އަހަރު ވެސް ބޮޑުވާނެތީއެވެ.

މި ބަޔާނުގައި އައިއެމްއެފުން ވަނީ މަރުކަޒީ ބޭންކު ތައްޔާރީ ހާލަތެއްގައި އޮތުަމަށް ވެސް ލަފާދީފައެވެ. އައިއެމްއެފުން ބުނެފައިވާ ގޮތުގައި ކަޅު ބާޒާރުގައި ބޮޑު އަގުގައި ގަންނަ ޑޮލަރުގެ އަގު އިތުރަށް އުފުލި، ރަސްމީ ރޭޓާއި ކަޅު ބާޒާރުގެ ރޭޓާ ދެމެދު އޮންނަ ފަރަގު މިހާރަށް ވުރެ ފުޅާވެދާނެތީ އާއި އިންފްލޭޝަންގެ އަސަރު ލަފާކުރުންތަކަށް ވުރެ ވެސް ބޮޑުވެދާނެތީ މާލީ ސިޔާސަތު މިހާރަށް ވުރެ ބޮޑަށް ހަރުކަށިކޮށް، އިންޓަރެސްޓް ރޭޓް މަތިކުރަން އެ ބޭންކުން ތައްޔާރީ ހާލަތެއްގައި އޮންނަންޖެހޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް