މި ތުހުމަތު އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އެ ޓުވީޓުގައި ނަޝީދު ވިދާޅުވީ، އެމްޑީޕީ އަކީ މިނިވަން އިންސާފުވެރި އިންތިހާބުތައް ބާއްވާ ޕާޓީއެއް ކަމަށާއި، އެކަމުގެ އަސާސަކީ ކުރިން އިއުލާނު ކުރެވޭ ވޯޓާސް ލިސްޓު ކަމަށެވެ.
އެމްޑީޕީގެ 39،000 މެމްބަރަކު ޕާޓީން ވަކިކުރިކަމުގެ ތުހުމަތު ނަޝީދު ރައީސް ސޯލިހަށް ކުރެއްވިއިރު، އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީ ޕްރައިމަރީގައި ރައީސް ސޯލިހާއި ދެކޮޅަށް ވާދަކުރައްވާނެ ކަން ނަޝީދު ވަނީ ހާމަކުރައްވާފަ އެވެ.
އެކަން ހާމަކޮށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ނަޝީދު ފޮއްނުވި ސިޓީއެއްގައި ވަނީ އެމްޑީޕީގެ ވޯޓުލާ ދަފްތަރުން 40 ހާހެއްހާ މެމްބަރުން، އެ މެމްބަރުންނަށް އެނގުމަކާއި ނުލާ ކުއްލިއަކަށް އުނިކުރުމުން އެ ދަފްތަރު މިހާރު ވަނީ ވަރަށް ބޮޑަށް ގަޑުބަޑު ވެފައި ކަމަށެވެ. އެހެން ކަމުން ދަފްތަރު އެގޮތަށް އޮވެ ބާއްވާ ޕްރައިމެރީއެއް އިންސާފުވެރި، އަދި މިނިވަން ޕްރައިމެރީއަކަށް ވާނެ ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީން އިއްޔެ ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ 16:00 ގެ ކުރިން 500 މެންބަރުންގެ ސޮޔާއި އެކު ފޯމް ހުށަހަޅަން އެމްޑީޕީގެ އިއުލާނުގައި އެދިފައި ވެއެވެ.
އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވައި، އެމްޑީޕީ މެމްބަރުން އެމަނިކުފާނަށް ވޯޓުދެއްްވުމަށް ވެސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ. އެޔަށްފަހު ވަނީ، ނަޝީދުގެ ފޭކް އެކައުންޓެއް ކަމަށް ބުނާ، "ހަސަން ކުރުސީ" ޓުވިޓާ އެކައުންޓުން އެމްޑީޕީގެ ޕްރައިމެރީ ކާމިޔާބު ކުރައްވާނީ ކޮން ބޭފުޅެއްތޯ ބެލުމަށް ޕޯލްއެއް ކުރިއަށް ގެންގޮސްފަ އެވެ.
އެ ޕޯލުގެ ނަތީޖާއިން ދެއްކީ ޕްރައިމެރީ ކާމިޔާބު ކުރައްވާނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. އެގޮތުން 70 އިންސައްތަ މީހުންގެ ތާއީދު ރައީސް ސޯލިހަށް ލިބިވަޑައިގެންއިރު، ނަޝީދަށް ލިިބިވަޑައިގެންނެވީ ވޯޓުގައި ބައިވެރިވި، 30 އިންސައްތަ މީހުންގެ ތާއީދެވެ. މި ނަތީޖާ އާއި އެކު "ހަސަން ކުރުސީ" އެކައުންޓުން ވަނީ އެ ޕޯލު ޑިލީޓު ކޮށްލާފަ އެވެ.