ads
އޭޖީ އިބްރާހީމް ރިފްއަތު
5 އޮފިސަރުން ވަކިނުކުރެވޭނެ ކަމަށް ނިންމި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
ފުލުހުންގެ އިސް ހަތް އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރަކު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އެ ނިންމުން ބާތިލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ނިންމާފައިވަނީ، އެ ނިންމުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު މާނަކޮށް ތަންފީޒުކޮށްފައިވަނީ ރަނގަޅަށް ކަމަށް ނުފެންނާތީ ކަމަށެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުން 2020 ވަނަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. މި އޮފިސަރުންނަށް ކުރެވުނު ތުހުމަތުތައް، ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ބަލައި ފިޔަވަޅު އަޅަން ލަފާ ދެއްވީ 2021 ވަނަ އަހަރުގެ އޮގަސްޓް ނުވަ ވަނަ ދުވަހު އެވެ. 

ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން އޭރު ލަފާ ދިން އޮފިސަރުންނަކީ:

  1. ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
  2. އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
  3. ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
  4. އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
  5. އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
  6. ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
  7. ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

މި ހަތް އޮފިސަރުންގެ ތެރެއިން އެއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ނޯޓިސް ފޮނުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރުކަމަށް ހަމަޖެއްސެވި މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު މުހައްމަދު (ޓޫފޯ) އަށެވެ. 

މި ދެ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ސިވިލް ކޯޓަށް ފަސް އޮފިސަރުންގެ ފަރާތުން މައްސަލަ ހުށަހެޅީ އެދެމީހުން ވަޒީފާއިން ވަކިކުރުމުގެ ކުރިންނެވެ. ނަމަވެސް ކޯޓަށް މައްސަލަ ހުށަހެޅިތަނާހެން އެކަމަށް ކޯޓަށް ގޮތެއް ނުނިންމި އުޅެނިކޮށް އެދެމީހުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

މައްސަލާގައި ބައިވެރިވާ އަނެއް ތިން އޮފިސަރުންނަކީ:

  • ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމް
  • ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް
  • ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އެވެ.

ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު ފިޔަވައި ދެން ތިއްބެވި ހަތަރު އޮފޮސަރުން މިދިޔަ އަހަރުގެ އޮކްޓޫބަރު 20 ވަނަ ދުވަހު ވަޒީފާއިން ވަކިކުރާނެ ކަމަށް ވަނީ ނޯޓިސް ފޮނުވާފައެވެ. ޝުހާދު އަށް ނޯޓިސް ފޮނުވާފައި ނުވަނީ އޭނާ އެވަގުތު އޮސްޓްރޭލިއާގައި ހުންނެވުމުން ކަމަށް ވެއެވެ. 

އެ މައްސަލައާ ގުޅޭ ގޮތުން ފަސް އޮފިސަރުން ތަމްސީލުކުރާ ދިވެހި ޗެމްބާސްއިން މައްސަލަ ހުށަހެޅުމަށްފަހު އެދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ އޮފިސަރުންކުރެ އެއްވެސް އޮފިސަރަކަށް އަމިއްލަ ދިފާއުގައި ބަސްބުނުމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ.

މިމައްސަލާގައި އިއްޔެ ސިިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ފަސް އޮފިސަރުންގެ މައްސަލަތައް ބެލިކަމަށް ދައުލަތުން ބުނިނަމަވެސް އެކަމުގެ ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ. 

އަދި، ޕޮލިސް ބޯޑުގެ ނިންމުމަކުން އިސް އޮފިސަރަކު ވަކިކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލައިގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނަތަކަށް ބެލުމަށް ފަހުގައި ކަމަށެވެ . ނަމަވެސް އެ ފަސް އޮފިސަރުންނާއި ގުޅޭ އެފަދަ ނިންމުމެއް ނިންމާފައިވާކަން އެނގެން ނެތް ކަން ހުކުމުގައި ފާހަގަކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް