
މި ސީރީޒް ނުކުމެފައިވަނީ މި ހަފްތާ ތެރޭގައެވެ. މި ސީރީޒް ނުކުތުމުން ނަތާބުނީ އެނާގެ މަސައްކަތާމެދު ވަރަށް ހިތްހަމަ ޖޭހޭކަމަށެވެ.
މި ސީރީޒް ރިލީޒްކޮށްފައިވާއިރު "ޒެޑްޑީއެފް" (ZDFmediathek & Live TV) އެޕްލިކޭޝަން ފޯނަށް އަޅައިގެން މި ސީރީޒް މިހާރު ރާއްޖޭގައި ވެސް ބަލައިލެވޭނެއެވެ.
ނަތާ ބުނީ ރާއްޖޭގައި ފިލްމު ކުޅުމުގެ ތަޖުރިބާއާއި ބައިނަލްއަގުވާމީ ބަޔަކާ އެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ވަރަށް ތަފާތު ކަމަށެވެ. އެ ސީރީޒް ޝޫޓު ކުރިއިރު ވެސް 80 އަށްވުރެ ގިނަ ކުރޫ މެންބަރުން ބައިވެރިވިކަމަށް ނަތާބުންޏެވެ. ޝޫޓިން ގެންގޮސްފައިވަނީ ރާއްޖޭގެ ފަޅުރަށެއްގައި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ނަތާބުނީ އެނާއާށާއި އެ ސީރީޒްގައި ފެންނަ ދިވެހި ފިރިހެން އެކްޓަރު ޝާރިފް އަށްވެސް ކަންތައް ކުރީ ވަރަށް ރަނގަޅަށް އަދި ވަރަށް ޕްރޮފެޝަނަލްކޮށްކަމަށެވެ.
"ޑާސް ޓްރޮމްޝިފް" އަކީ 1981 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ ޖާރުމަނުގެ ސިލްސިލާއެކެވެ. މީގެ ތެރެއިން ނަތާ އެކްޓު ކުރަނީ "ކޮކޯ އައިލެންޑް" ކިޔާ އެޕިސޯޑެއްގައެވެ. މި އެޕިސޯޑަކީ ދިވެހިިރާއްޖޭގެ ރަށެއްގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ އެޕިސޯޑެކެވެ.
މި ސީރީޒްގެ ކޮންމެ އެޕިސޯޑެއްގައި ވެސް ޖަރުމަނުގެ ލަގްޒަރީ ކުރޫޒް ލައިނަރެއްގައި ތަފާތު ރީތި ތަނަކަށް ކްރޫޒް ކުރާ މަންޒަރު ފެނެ އެވެ. އާންމުކޮށް ގިނަ ސްޓޯރީ ލައިންތަކެއް ހުންނައިރު، ގިނައީ ރޮމޭންޓިކް ވާހަކަތަކެވެ. އަބަދުވެސް ފީލް-ގުޑް ފެކްޓަރެއް ހުންނައިރު އާންމުކޮށް ކޮންމެ އެޕިސޯޑެއްގެ ވެސް ނިމުން އުފާވެރިއެވެ.