ads
ކްރޮސް ސަބްސިޑީގެ އުސޫލުން ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ކުއްޔަށް ދޭ އެންމެ ކުޑަ އަގަކީ 15.4 މިލިއަން ރުފިޔާ ކަމުގައި ވަނީ ހަމަޖައްސާފައި.
15.4 މިލިއަން ރުފިޔާ ދިނުމުން ރަށެއް ލިބޭ ގޮތަށް އުސޫލު ލުއިކޮށްފި
މިއީ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ދިނުމުން ރަށެއް ދޭ އަގު ކުޑަ ކުރި ދެވަނަ ފަހަރު
ސަރުކާރުން ބޭނުންވާ މުހިންމު މަޝްރޫއުތަކަށް ފައިސާ ހަރަދު ކުރާ ފަރާތްތަކަށް ބަދަލުގައި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދޭ އެންމެ ކުޑަ އަގަކީ އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15.4 މިލިއަން ރުފިޔާ) ކަމުގައި ހަމަޖައްސައި ގަވާއިދު އިސްލާހުކޮށްފިއެވެ.

ކުރިން މި ގަވާއިދުގައި ވާގޮތުން މަޝްރޫއަކަށް ހަރަދު ކުރުމުގެ ބަދަލުގައި ރަށެއް، ފަޅެއް ނުވަތަ ބިމެއް ހިންގުމަށް ހުއްދަ ދޫކުރާނީ، މަޝްރޫއުގެ ތެރެއިން ހަވާލުވާ ފަރާތުން ކުރަން ކަނޑައަޅާފައިވާ މަސައްކަތް ނިމުމުން ނުވަތަ މަޝްރޫއުގެ ތެރެއިން، ހަވާލުވާ ފަރާތުން ކުރަން ކަނޑައަޅާފައިވާ މަސައްކަތް އެއްކޮށް ނިންމަން ބޭނުންވާ ޖުމްލަ ފައިސާ، ދައުލަތާ ހަވާލުކުރުމުންނެވެ.

އެހެން ނަމަވެސް، ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދަށް ޓޫރިޒަމް މިނިސްޓްރީން އިސްލާހު ގެނެސް ގެޒެޓްކޮށްފައި ވާގޮތުން ރަށް، ފަޅު ނުވަތަ ބިން ކުއްޔަށް ހިފަން ހުށަހަޅާ ފަރާތުން، މަޝްރޫއަށް ހަރަދުކުރަން ކަނޑައަޅާފައިވާ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން މަދުވެގެން އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15.4 މިލިއަން ރުފިޔާ) ދައުލަތަށް ދައްކައިފި ނަމަ، ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް، ފަޅެއް ނުވަތަ ބިމެއް ދެވޭނެއެވެ.

އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަޝްރޫއަކަށް ހަރަދު ކުރަން ހުށަހަޅާފައިވާ ޖުމްލަ ފައިސާ ސަރުކާރަށް ދައްކަން 60 ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް އެ ފަރާތަކަށް ދޭންވާނެ ކަމަށާއި އެ މުއްދަތު އިތުރުކޮށްދޭން އެދޭ ހާލަތެއްގައި، ގިނަވެގެން 180 ދުވަހަށް އިތުރުކޮށްދެވިދާނެ ކަމަށް އެ ގަވާއިދުގައި ކުރިން ބަޔާންކޮށްފައިވެއެވެ.

އެ ދެ މުއްދަތުގައި ވެސް މަޝްރޫއަށް ހަރަދު ކުރަން ކަނޑައަޅާފައިވާ ފައިސާގެ ޖުމްލަ އަދަދު ދައުލަތަށް ދައްކައި ހަލާސް ނުކޮށްފި ނަމަ، އެ ތަނެއްގެ ކުލީގެ އެއްބަސްވުން ބާތިލު ކުރަންވާނެ ކަމަށް ކުލީގެ އެއްބަސްވުމުގައި ހިމެނުމަށް އަލަށް ގެނެވުނު އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. 

ގަވާއިދަށް އަލަށް ގެނެވުނު އިސްލާހުގައި ވަނީ އެ ގޮތަށް ކުލީގެ އެއްބަސްވުން ބާތިލު ކުރާ ހާލަތުގައި ކުއްޔަށް ހިފާ ފަރާތަށް ދައުލަތުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ކުލީގެ އެއްބަސްވުމުގައި ހިމަނަން ޖެހޭނެ ކަމަށާއި ކުލީގެ އެއްބަސްވުން ބާތިލު ކުރާ ހާލަތުގައި ކުލީގެ އެއްބަސްވުން ބާތިލު ކުރާ ދުވަހާ ހަމައަށް ކުއްޔަށް ހިފާ ފަރާތުން ދައްކާފައިވާ އެއްވެސް ފައިސާއެއް އަނބުރާ ރައްދު ނުކުރެވޭނެ ކަމަށް ކުލީގެ އެއްބަސްވުމުގައި ހިމަނަންވާނެ ކަމަށެވެ.

ރާއްޖޭގެ ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީ ކުރާނެ ފަރާތްތަކެއް ހޯދުމަށް ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ. އެ ފަހަރު ޕްލޭނިން މިނިސްޓްރީގެ ފަރާތުން ހުޅުވާލީ މުޅި އެއާޕޯޓު ތަރައްގީ ކުުރުމަށް ނުވަތަ ފައިސާ ދޭ ގޮތަށް ހުށަހެޅޭ ގޮތަށެވެ. 

އެއާޕޯޓެއް ތަރައްގީ ކުރުމަށް ހުށަހެޅޭނެ އެންމެ މަދު އަދަދަކީ ފަސް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 77.1 މިލިއަން ރުފިޔާ) ކަމުގައި ކަނޑައަޅައިގެން ކުރި އެ އިއުލާނަށް ލިބުނު ތަރުހީބު ކުޑަވުމުން މި އަހަރުގެ ފެބްރުއަރީ މަހު ވަނީ އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ އޭގެ އިން ބައެއް ތަރައްގީ ކުރުމަށް ފައިސާ ހުށަހެޅޭގޮތަށް ބަދަލު ގެނެސްފައެވެ. އަދި އެކަމަށް އެދި ހުށަހެޅޭނެ އަގު ވަނީ ފަސް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 77.1 މިލިއަން ރުފިޔާ) އިން ތިން މިލިއަން ޑޮލަރަށް (ގާތްގަނޑަކަށް 46.2 މިލިއަން ރުފިޔާ) އަށް ކުޑަކޮށްފައެވެ. މި މަހުގެ 21 ވަނަ ދުވަހު ގެނައި އިސްލާހާ އެކު އެ އަދަދު ވަނީ އެއް މިލިއަން ޑޮލަރަށް (ގާތްގަނޑަކަށް 15.4 މިލިއަން ރުފިޔާ) ކުޑަވެފައެވެ.

ޑޮމެސްޓިކް އެއާޕޯޓް އަޅަން ސަރުކާރުން ހަރަދު ކުރުމުގެ ބަދަލުގައި އަމިއްލަ ފަރާތްތަކުން ތަރައްގީ ކުރާ ގޮތަށް ނުވަތަ ފައިސާ ދޭ ގޮތަށް، ކްރޮސް ސަބްސިޑީ އުސޫލުން ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް ހަަތަރު ކުންފުންޏަކާ އެކު ޕްލޭނިން މިނިސްޓްރީން ވަނީ ފައިނޭންސިން އެގްރިމެންޓްތަކުގައި ސޮއިކޮށްފައެވެ. އަމިއްލަ ފަރާތްތަކުން ތަރައްގީ ކުރާގޮތަށް ނުވަތަ ފައިސާ ދޭ ގޮތަށް ކްރޮސް ސަބްސިޑީ އުސޫލުން ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީ ކުރަން ހުޅުވާލި ރަށްތަކަކީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ރ. އަލިފުށި، ފ. މަގޫދޫ އަދި ތ. ވިލުފުއްޓެވެ.

މަޝްރޫތައް ހިންގުމުގެ ބަދަލުަގައި ކްރޮސް ސަބްސިޑީގެ އުސޫލުން ފަތުރުވެރިކަމުގެ ބޭނުމަށް ހަ ރަށެއް ކުއްޔަށް ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވެސް ދާދި ފަހުން އިއުލާނުކޮށްފައިވެއެވެ. އެގޮތުން ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ ށ. ކުޑަޅައިމެންދޫ، ނ. ކުންނަމަލެއި، ޅ. މެއްޔަފުށި، ތ. ދިއްފުށި، ތ. ކަޅުފަހަލަފުށި އަދި ގއ. ފުލަނގި އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް