ads
އަލިފުށީގެ އިހްތިސާސުން އެއްތިގިލި ވަކިކޮށްފައިވާކަން ދައްކައިދޭ ޗާޓުގެ ސްކްރީންޝޮޓެއް.
ރިސޯޓު ހަދަން އަލިފުށީގެ އިހްތިސާސުން އެއްތިގިލި ވަކިކޮށްފި
ޓުއަރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. އަލިފުށީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އެއްތިގިލި އެރަށުގެ އިހްތިސާސުން ވަކިކޮށްފިއެވެ.

އަލިފުށީގެ އިޙްތިސާސުން އެއްތިގިލި ވަކިކުރިކަން އަންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ގަރާރަކުންނެވެ. 

އެ ގަރާރުގައި ވިދާޅުވީ 2020 ވަނަ އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހު ކަނޑައަޅުއްވާފައިވާ ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައަޅައި އިއުލާނުކޮށްފައި އޮތް ގޮތަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށެވެ. މި ފަހަރު ބަދަލު ގެންނަން ނިންމާފައިވަނީ އަލިފުށީގެ އިދާރީ ދާއިރާގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެއްތިގިލި އެރަށުގެ އިހުތިސާސުން ވަކިކުރުމަށެވެ.

އަލިފުއްޓާ އެއްފަޅެއްގައި އޮންނަ އެއްތިގިލި، އެ ރަަށުގެ އިހްތިސާސުން ވަކިކުރުމަށް ސަރުކާރުން ބޭނުންވަނީ އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ. އެހެން ނަމަވެސް ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދިފައިވަނީ އަލިފުށީ ފަޅުން ބައެއް ހިއްކައިގެން އަޅަން ފަށާފައިވާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްތިގިއްޔާ ހަމައަށް ހިއްކާ ދެ ރަށް ގުޅާލުމަށެވެ. 

ރައްޔިތުން އެގޮތަށް ބޭނުންވި ނަމަވެސް އެ ހުށަހެޅުން ސަރުކާރުގެ ފަރާތުން ބަލައިގަނެފައެއް ނުވެއެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ ޕްރޮޖެކްޓް ރާވާފައިވާ ގޮތަށް ބަދަލު ގެނެސްފި ނަމަ ޕްރޮޖެކްޓުގެ އަގު ބޮޑުވާނެތީ އާއި ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ އެއްތިގިއްޔަށް ލިބިދާނެ ގެއްލުންތަކަކަށް ޓަކައެވެ.

އެއްތިގިއްޔަށް ލިބިދާނެ ގެއްލުންތަކަކަށް އެ ރަށް އަލިފުއްޓާ ގުޅާލުމަށް ސަރުކާރުން ބޭނުން ނުވާއިރު، އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވަނީ އަލިފުށީގެ ފަޅު ތެރެއިން ހިއްކަން ހަމަޖެހިފައިވާ 10 ހެކްޓަރުގެ ބިމާ އެކުގައި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް މިދިޔަ އަހަރު ވިދާޅުވެފައިވެއެވެ.

އަލިފުށީ ގައި އެއާޕޯޓު އެޅުމުގެ މަޝްރޫއާ އެކު ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ ގެ ފަރާތުން މިހާރު އަންނަނީ ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން އަލިފުށީ ގައި 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

ރައީސް މައުމޫންގެ ސަރުކާރުން ވެސް އެއްތިގިލީގައި ރިސޯޓެއް ތަރައްގީކުރުމަށް އިއުލާންކޮށްފައިވެއެވެ. އެހެން ނަމަވެސް އެ މަޝްރޫއަށް ވީގޮތެއް ސާފެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް