
އެޗްޑީސީން ދެމުން އަންނަ ހުރިހާ ހިދުމަތްތަކެއް އެއް ތަނަކުން ލިބޭނެހެން "މައި ހުޅުމާލެ" ޕޯޓަލް ތައާރަފު ކުރެވިގެން ދިއުމަކީ އެ ކޯޕަރޭޝަނުން ހިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ ލުޔަކަށްވާނެކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
މި ޕޯޓަލުން ހުޅުމާލޭ ގައި ދިރިއުޅޭ ރައްޔިތުންނަށް އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކާއި އެހެނިހެން މައުލޫމާތު ފަސޭހަގޮތެއްގައި ލިބިގެންދާނެއެވެ.
އެޗްޑީސީން ބުނިގޮތުގައި މި ޕޯޓަލް މެދުވެރިކޮށް މުނިސިޕަލް ހިދުމަތްތައް ހޯދުމަށާއި އިވެންޓް ސްޕޭސް ފަދަ ތަންތަން ބުކްކުރުމަށް އެދެވޭނެއެވެ. އެގޮތުން ކައިވެނީގެ ހަފްލާތަކާއި ކޯޕަރޭޓް އިވެންޓް އަދި އެކި ކަހަލަ ފަންކްޝަންތައް ބޭއްވުމަށް ފަރުކޮޅުފުށި އިވެންޓް ސްޕޭސް ކޯޓްޔާޑް އަދި ކޮންފަރެންސް ހޯލް ހޯދުމަށް ބުކް ކުރެވޭނެ އިންތިޒާމު ޕޯޓަލުަގައި ވަނީ ހަމަޖައްސާފައިވާކަމަށް އެޗްޑީސީން ބުނެ އެވެ.
މީގެ ކުރިން އެ ކޯޕަރޭޝަނުން ގިނަ ހިދުމަތްތައް ދެމުން އައީ ކަރުދާސް ފޯމު ގައި ކަމުުން ހިދުމަތް ހޯދާ ފަރާތްތަކުން ދިގު ކިޔޫތަކުގައި އެތަކެއް ވަގުތުތަކެއް ހޭދަކުރަން ޖެހެއެވެ. ހަމައެއާއެކު، ހުށަހަޅާ ފޯމްތައް ޕްރޮސެސްވުމުގައި ގިނަ ވަގުތު ނަގައި އިތުރު އުނދަގޫތަކާ ކުރިމަތިލާން ވެސް ޖެހިދެއެވެ. ކަމަކީ ހަރަދު ބޮޑު އަދި އެހާމެ ތަކުލީފާ ކުރިމަތިލާންޖެހޭ ކަމަކަށް ވުމުން އެޗްޑީސީން ހިދުމަތްތައް ފޯރުކޮށްދޭ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސް ތައާރަފުކުރި މި ޕޯޓަލްގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކުގެ ވަގުތު ސަލާމަތްވެ، ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމާ އެކު ހިދުމަތް އަވަސްވުމުގެ އިތުރުން އެ ކޯޕަރޭޝަނުގެ ހަރަދުތައް ކުޑަވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.