ads
ރައީސް މާމެންދޫގައި
އެންމެ އިސް ސިޔާސަތީ ހައްގުތައް ކަށަވަރުކޮށްދިނުން
މީގެ ހަތަރު އަހަރު ކުރިން ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ރައްޔިތުންނަށް ބޭނުންވާ އެތަކެއް ހައްގުތައް ނިގުޅައިގެންފައިވާ ކަމަށާ، އަސާސީ ހިދުމަތްތައް ގާއިމުކުރެވިފައި ނުވާކަމަށާ، އެހެން ކަމުން މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ހެއްދެވީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމާއެކު އަސާސީ ހިދުމަތްތައް ގާއިމުކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫގެ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހަވީރު ގއ. މާމެންދޫ ފެނަކަ އިންޖީނުގެ ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ހަފްތާ ތެރޭގައިވެސް އެންމެ ފުރަތަމަ ރައްޔިތުންގެ ފަރާތުން ލިބުނު އެއް ޝަކުވާއަކީ ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ޝަކުވާކަމަށާއި އެހިސާބުން އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކަށް ހެއްދެވީ މި ވެރިކަމުގެ ފަސް އަހަރުގެ ދައުރު ހަމަވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާގޮތަށް ކަރަންޓުގެ ހިދުމަތް ގާއިމްކުރުން ކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު ރާއްޖޭގެ ރަށްތަކުގެ ކަރަންޓުގެ ހިދުމަތަށް ގެންނަމުންދާ ބަދަލުތަކުން ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ވެސް ކަރަންޓުގެ މާ ބޮޑު މައްސަލައެއް ކުރިމަތިނުވާ ވަރަށް ކަންކަން ކުރިޔަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އެމަނިކުފާނު އަލަށް ތައާރަފްކޮށްދެއްވި ފެނަކައިގެ ކަރަންޓް ސްމާޓް މީޓަރާއި އޭގެ ފައިދާތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ސްމާޓް މީޓަރުގެ ސަބަބުން ހިދުމަތް ދޭ ފަރާތަށާއި ހިދުމަތްހޯއްދަވާ ފަރާތްތަކަށް އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާމެންދޫ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެތެރެއިން މާމެންދޫގައި ކުރިޔަށްގެންދިޔުމަށް ބައެއް ކަންކަން އިއުލާނުކުރައްވާފައެވެ. އެގޮތުން މިއަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މާމެންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ފެށިގެންދާނެކަމަށާއި، ހުޅިމެންދޫ ބެލެހެއްޓުމުގެ މަސައްކަތް މިހާރުން މިހާރަށް ކައުންސިލާ ޙަވާލުކުރައްވާނެކަމަށާއި، އަދި ގާނޫނުގެ ތެރެއިން މާމެންދޫގެ އިހްތިސާސްގައި އެރަށް ހިމެނޭނެ ގޮތެއް ބައްލަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ދެންނެވިގޮތަށް ފުލުހުންގެ އަދަދު އިތުރުކޮށްދެއްވާނެކަމަށާއި، ސްޕޯޓްސް ފިޝިންއަށް ބޭނުންވާ ކަނދުފަތި ލަސްތަކެއްނުވެ އަޅާދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް މާމެންދޫ ސިއްހީ މަރުކަޒުގެ ޚހިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމާ ގުޅޭގޮތުން ހެލްތް މިނިސްޓްރީއާއެކު މަޝްވަރާކުރައްވާނެކަމަށާއި، ވޮލީ ކޯޓު ކައުންސިލުން ދެންނެވި ފަދައިން ރަނގަޅުކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިއަދު ރަސްމީގޮތުން ހުޅުވި ގއ. މާމެންދޫގެ އައު އިންޖީނުގޭގައި 1400 ކިލޯ ވޮޓުގެ ކެޕޭސިޓީގެ އިންޖީނު މިވަގުތު ބެހެއްޓިފައިވާއިރު، މި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 600 ކިލޯ ވޮޓުގެ 03 ޖަނަރޭޓަރ ސެޓް އަދި 800 ކިލޯ ވޮޓުގެ 01 ޖެންސެޓް ބެހެއްޓޭގޮތަށެވެ. މާމެންދޫގެ ކުރީގެ އިންޖީނުގޭގެ ގޮތުގައި ބޭނުންކުރ އިމާރަތަކީ 22 އަހަރުވެފައިވާ އިމާރާތެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހުޅުވުނު އާ އިންޖީނުގެ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތައްފަހު އެ އިންޖީނުގެ ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ގއ. މާމެންދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެމަނިކުފާނު އިއްޔެ ގއ. އަތޮޅުގެ ތިން ރަށަކަށް ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ޒިޔާރަތްކުރެއްވި އެންމެ ފަހު ރަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް