
އެ ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާ އިން ފެށިގެން ކޮންމެ ހަފުތާ އަކު ދެ ޓަނުގެ ކިއުކަމްބާ ނެރެވޭ ވަރަށް ކިއުކަމްބާ ހައްދާފައިވާ ކަމުގައެވެ.
އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ލ. ގާދޫ ގައި 21،000 އަކަފޫޓުގެ 10 ދަނޑުގައި ރިޗަސް ކިއުކަމްބާ ހައްދަމުންދާކަމަށް އެގްރޯނެޓުން ބުނެއެވެ. ރިޗަސް ކިއުކަމްބާ އަކީ އެ ކޯޕަރޭޝަނުން އަލަށް ހައްދަން ފެށި ކިއުކަމްބާއެކެވެ.
މިއީ ރިސޯޓުތަކާއި އެހެނިހެން ފަރާތްތަކަށްވެސް ގިނަ އަދަދަކަށް ބޭނުންވާ ބާވަތެއްގެ ކިއުކަމްބާއެއް ކަމަށް ފާހަގަކުރެވިފައި ވާކަން ހާމަކޮށް އެގްރޯނެޓުން ބުނެފައިވަނީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ރަނގަޅު ފެންވަރެއްގައި އެ އުފެއްދުން އުފައްދަމުން ދާ ކަމަށެވެ.
މި ފެށޭ މަހު ބާޒާރަށް ނެރުމަށް ނިންމާފައިވާ މިބާވަތުގެ ކިއުކަމްބާ ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު އެގްރޯނެޓުން މިހާރު ވަނީ ހުޅުވާލާފައެވެ.