ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު---ފޮޓޯ: ރައީސް އޮފީސް
ކޮވިޑްގެ ކުރީގެ ހާލަތާ ގާތަށް އިގްތިސާދުވަނީ ކުރިއަރާފައި: ރައީސް
ކޮވިޑްގެ އާލަމީ ބަލިމަޑުކަން ފެށުމުގެ ކުރިން ރާއްޖޭގެ އިގުތިސާދު އޮތް ހާލަތާ ގާތްކުރާ މިންވަރަކަށް ގައުމުގެ އިގުތިސާދު ކުރިއަރާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

ގިނަ ދުވަސްތަކަކަށް ފަހު ރައީސް ވަނީ އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވާ، ގިނަ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކޮށްދެއްވާފަ އެވެ. އަދި ރާއްޖޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުންވެސް އެމަނިކުފާނު ވަނީ ތަފްސީލީ ޖަވާބުތަކެއް ދެއްވާފަ އެވެ. 

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ސަރުކާރުގެ ހަރުދަނާ އިގުތިސާދީ ފިޔަވަޅުތަކާ އެކު ރާއްޖޭގެ އިގުތިސާދު ކުރިއަރަމުންދާ ކަމަށާއި، ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަން ފެށުމުގެ ކުރިން އިގުތިސާދު އޮތް ހާލަތާ ގާތްކުރާ މިންވަރަކަށް ގައުމުގެ އިގުތިސާދު މިހާރު ކުރިއަރާފައިވާކަމަށެވެ. 

އެހެން ނަމަވެސް އެމަނިކުފާނު ވަނީ، މި ނިމޭ 2022 ވަނަ އަހަރަކީ، ރާއްޖޭގެ އިގުތިސާދަށް ގޮންޖެހުންތައް ގިނަ އަހަރެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އެގޮތުން، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިނުގަނެވެނީސް، ޔޫކްރެއިން އާއި ރަޝިއާ އާއި ދެމެދު ހަނގުރާމައެއް ފަށައި، އެ ހަނގުރާމައިގެ ނުރައްކާތެރި އަސަރު މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އެ ކަމުގެ ނުރަނގަޅު އަސަރުތައް ރާއްޖޭގެ އިގުތިސާދަށް ވެސް ފޯރަމުންދާ ކަމަށާއި، އެ ގޮންޖެހުންތައް އޮތް ނަމަވެސް، ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއި ސިޔާސަތުތަކާ އެކު ރާއްޖޭގެ އިގުތިސާދީ ކުރިމަގު ފެންނަމުން ދަނީ އުޖާލާކޮށް ކަމަށް ވިދާޅުވި އެވެ. 

"މި އަހަރު ނިމޭއިރު ރާއްޖޭގެ އިގުތިސާދު 12.3 އިންސައްތަ ކުރި އަރާނެ ކަމަށް ލަފާ ކުރެވޭ، ކުރިއަށް އޮތް އަހަރު އިގުތިސާދަށް 7.6 އިންސައްތައިގެ ކުރިއެރުމެއް އަންނާނެ ކަމަށް އަންދާޒާ ކުރެވޭ. އަދި، މި ބަދަލުތަކުގެ ފަހަތުގައި އޮތީ ކުރިއަރަމުން އަންނަ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް. ކޮވިޑް-19ގެ ބަލިމަޑުކަން ފެށުމުގެ ކުރިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރަމުންދިޔަ އަދަދާއި އެއްވަރަށް މިހާރު ފަތުރުވެރިން އަންނަމުންދާ ކަން އުފަލާއި އެކު ފާހަގަ ކުރަން." ރައީސް ވިދާޅުވި އެވެ.

އަދި، ކޮވިޑަށް ފަހު ދުނިޔޭގެ ނިސްބަތުން އެންމެ ބާރު ދުވެލީގައި ކުރިއަރަމުންދާ 10 އިގުތިސާދުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދު ހިމެނޭ ކަން ފާހަގަކުރައްވައި، 2021 އަދި 2022 ވަނަ އަހަރު ވެސް އެންމެ ބޮޑު އިގުތިސާދީ ކުރިއެރުމެއް ލިބިފައިވާ ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް