
އެމްޕީއެލުން ބުނި ގޮތުގައި މި ބަދަލަކީ، ރާއްޖޭން މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ވާދަވެރި އަގުތަކެއްގައި ބައިނަލްއަގުވާމީ ބާޒާރުަގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ މަގުފަހިކޮށްދިނުމަށާއި ރާއްޖޭގެ އެކްސްޕޯޓް ވިޔަފާރި އިތުރަށް ކުރިއަރުވައި، އެކްސްޕޯޓް ވިޔަފާރީ ގައި ވާދަކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން އެ ކުންފުނިން ގެނައި ބަދަލެކެވެ.
އެމްޕީއެލުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި މި ނިންމުމާ އެކު، މި ފެށޭ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ކުންފުނިން އެކްސްޕޯޓް ކޮންޓެއިނަ ޓްރާންސްފާ ކުރުމަށް މިހާރު ނަގަމުން އަންނަ އަގުތަކުން ގާތްގަނޑަކަށް 75 އިންސައްތަ އަށް ކުޑަކުރެވިފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެކްސްޕޯޓް ކޮންޓެއިނަ ޓްރާންސްފާގެ އަގުތަކަށް ގެނެވުނު ބަދަލު (މާލެ - ހުޅުމާލެ ޓާމިނަލް / ހުޅުމާލެ ޓާމިނަލް - މާލެ)
މިހާރު އެކްސްޕޯޓް ކޮންޓެއިނަ ޓްރާންސްފާ އަށް ނަގާ އަގު:
20 ފޫޓުގެ ކޮންޓެއިނަރަކަށް: 4،419.03 ރުފިޔާ (ޖީއެސްޓީ ނުލާ)
40 ފޫޓުގެ ކޮންޓެއިނަރަކަށް: 8،767.51 ރުފިޔާ (ޖީއެސްޓީ ނުލާ)
2023 ޖެނުއަރީ އެކެެއްގެ ފަހުން އެކްސްޕޯޓް ކޮންޓެއިނަ ޓްރާންސްފާ އަށް ނަގާ އަގު:
20 ފޫޓުގެ ކޮންޓެއިނަރަކަށް: 1،132.08 ރުފިޔާ (ޖީއެސްޓީ ނުލާ)
40 ފޫޓުގެ ކޮންޓެއިނަރަކަށް: 2،264.15 ރުފިޔާ (ޖީއެސްޓީ ނުލާ)
- އަގުތަކަށް ގެނައި ބަދަލާ އެކު، މިހާރު ނަގަމުންދާ 20 ފޫޓުގެ ކޮންޓެއިނަ ޓްރާސްފާގެ އަގުން ޖުމްލަ 3،478.44 ރުފިޔާ (74 އިންސައްތަ) ކުޑަވާނެ
- އަގުތަކަށް ގެނައި ބަދަލާ އެކު، މިހާރު ނަގަމުންދާ 40 ފޫޓުގެ ކޮންޓެއިނަ ޓްރާސްފާގެ އަގުން ޖުމްލަ 6،881.86 ރުފިޔާ (74 އިންސައްތަ) ކުޑަވާނެ
އެމްޕީއެލުން މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ:އެމްޕީއެލް
އެކްސްޕޯޓް ކޮންޓެއިނަ ޓެރިފަށް ގެނެވުނު ބަދަލާ ގުޅޭގޮތުން މައުލޫމާތު ދިނުމަށާއި މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް މިހާރު ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެ ކުންފުނިން ވަނީ ރާއްޖޭން ބޭރަށް ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ފަރާތްތަކާ މިއަދު ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި އެމްޕީއެލުގެ ސީއީއޯ ޝާހިދު އަލީގެ އިތުރުން ސީނިއާ މެނޭޖްމަންޓުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވެފައިވަނީ އެކްސްޕޯޓް ކޮންޓެއިނަ ޓްރާސްފާކުރުމަށް ނަގާ އަގުތަކަށް އެ ކުންފުނިން ބަދަލު ގެނައީ މިހާރު ނަގަމުންދާ އަގުތަކާ މެދު އެކްސްޕޯޓަރުން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާތީ، އެ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.
އެމްޕީއެލުގެ ސީއީއޯ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ އެކްސްޕޯޓަރުންނަށް ވެސް ވިޔަފާރި ހިންގުމަށް ފަސޭހަ މަގުތަކެއް ކޮށައިދިނުން ކަމަށާއި މާލޭ ކޮމާޝަލް ހާބަރުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު ވެސް އެކްސްޕޯޓަރުންނަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
މި ބައްދަލުވުމުގައި މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރާ ފަރާތްތަކުން ވަނީ އެ ފަރާތްތަކަށް މިހާރު ދިމާވެފައިވާ ދަތިތައް ހިއްސާކުރުމުގެ އިތުރުން އެ ހުރިހާ ފަރާތްތަކުންވެސް ވަނީ އެކްސްޕޯޓް ކޮންޓެއިނަ ޓްރާންސްފާ ޓެރިފްގެ އަގުތަކަށް ގެނެވުނު ބަދަލާ މެދު ހިތްހަމަޖެހުން ފާޅުކުރައްވާފައި ކަމަށް އެމްޕީއެލުން ބުނެއެވެ. އަދި ހުޅުމާލެ - މާލެ، މާލެ - ހުޅުމާލެ އަށް އެކްސްޕޯޓް ކޮންޓެއިނަ ޓްރާންސްފާކުރުމަށް ނަގާ އަގުތައް ކުޑަކުރުމަކީ ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި ހުރިހާ ފަރާތްތަކުންވެސް ވަނީ ސިފަކޮށްފައިވާ ކަމަށާއި އެ ކުންފުނިން އެކްސްޕޯޓަރުންނަށް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވި ކަމަށް ވެސް އެމްޕީއެލުން ބުނެއެވެ.