ޖިންނިއަށް އިންސާނަކު ފެނުނު ނަމަވެސް އިންސާނަކަށް ޖިންނީންގެ އަސްލު ސިފައެއްގައި ނުފެނެއެވެ. އަދި މުސްލިމުންނާއި ޣައިރު މުސްލިމުން ފަދަ ދީންތަކުގައި ވެސް ޖިންނި އުޅެއެވެ. މި ލިއުމުގައި މުސްލިމުންނާއި އަރަބިން ގަބޫލުކުރާ 10 ބާވަތުގެ ޖިންނިއަށް ބަލައިލާނަމެވެ.
1. ހިން
ހިން ކިޔާ ބާވަތުގެ ޖިންނިތަކަކީ ޖަނަވާރުތަކާ ގާތް ޖިންނިތަކެއް ކަމުން ބުޅަލެއްގެ ސިފައިގައި ވެސް ފެނިދާނެ އެވެ. ހިންމުގެ މާނައަކީ ޢަރަބި ބަހުން ‘ކުޑަ’ އެވެ.
ޒަކަރިއްޔާ އިބްނު މުހައްމަދު އަލް ގަޒްވާނީ 1283 ވަނައަހަރު ޝާއިއު ކުރި 'ޖިންނީންގެ ފޮތް' ގައި ބުނާގޮތުން އޭނާއަށް ސައުދީ، އިންޑިއާ އަދި އީރާނުން މި ބާވަތުގެ ޖިންނި ވަނީ ފެނިފައެވެ.
2. ޣޫލް
ޖިންނިތަކުގެ 'ޣޫލް' ކިޔާ ވައްތަރުތަކަކީ އިންސާނުންގެ މަސް ކާ ޖިންނިއެއްކަމަށް ބުނެއެވެ. އަދި މި ބާވަތުގެ ޖިންނިއަށް، އެކި ސިފަ ސިފަ އަށް ބަދަލުވުމުގެ ބާރުލިބިފައިވެއެވެ. މި ބާވަތުގެ ޖިންނިއަކީ ލޭ ބޯ ޖިންނި ގެ ނަމުން ވެސް ނަންދެވިފައިވާ ޖިންނިތަކެކެވެ. ހާއްސަކޮށް ދަތުރުވެރިންނާއި ކުޑަކުދިންނާއި ގަބުރުތައް ވަގަށް ނަގައިގެން ވެސް މި ޖިންނި ލޭބޯކަމަށް ބުނެވެއެވެ. 'ޣޫލް' ގެ މާނައަކީ އަރަބި ބަހުން ‘ޖަނަވާރު’ އެވެ.
3. ޖަން
މި ބާވަތުގެ ޖިންން ދިރިއުޅެނީ ހަނަފަސް ސަހަރާ ތަކުގައި ކަމަށް ބެލެވެއެވެ. އާންމުކޮށް މި ބާވަތުގެ ޖިންނި ވަންނަނީ ނަގޫރޯޅި ތަކާއި ހުދު ޖަމަލުގެ ހަށިގަނޑަށެވެ. މިއީ 'ޣޫލް' ކިޔާ ބާވަތުގެ ޖިންނީގެ ދުޝްމަނުންގެ ގޮތުގައި ވެސް މަޝްހޫރު ބައެކެވެ. އެއީ އިންސާނުންނާ މެދު މާބޮޑު ސަމާލުކަމެއް ނުބަހައްޓާ ބާވަތެއްކަމަށް ވެއެވެ. މި ބާވަތުގެ ޖިންނިއަށް ހަނަފަސް ތަންތާންގައި ގެއްލި އަދި ހާމަކުރުމުގެ ޤާބިލުކަން ލިބިގެންވާ މަހުލޫގުންތަކެކެވެ.
4. މާރިދު
މާރިދަކީ އިސްލާމްދީނުގެ ކުރިން ވެސް އަރަބި މީތަލޮޖީގައި ފާހަގަކޮށްފައިވާ އެންމެ ބާރުގަދަ އަދި އެންމެ ބޮޑު އެއް ޖިންނި އެވެ. މާރިދުގެ މާނައަކީ ޢަރަބި ބަހުން ‘ޖަޔަންޓްސް’ (ބިޔަ މީހާ) އެވެ.
5. އިފްރީތު
އިފްރީތު ކިޔާ ޖިންނިއަކީ ބާރުގަދަ އަދި ވަރަށް މަކަރުވެރި ޖިންނިއެއްގެ ގޮތުގައި މަޝްހޫރު ޖިންނިއެކެވެ. އަދި އަލިފާނުން އުފެދިފައިވާ ބިޔަ އުދުހޭ މަޚްލޫޤުންގެ ގޮތުގައި ވެސް މަޝްހޫރު އެއްޗެކެވެ. އާންމު ގޮތެއްގައި އެމީހުން އެހެން ޖިންނީންނާ ކައިވެނި ކުރެއެވެ. އަދި އިންސާނަކާ ވެސް ކައިވެނި ކުރެވިދާނެ އެވެ. ރަހުމެއް ނެތް އަދި ނުލަފާ މަހްލޫގުންތަކެއްގެ ގޮތުގައި ގިނަ ފަހަރަށް ސިފަކުރެވެއެވެ.
6. ޝިޤްކް
ޝިޤްކް ކިޔާ ޖިންނި އަކީ އެއްބައި ފުރޭތަކެއް ހެން އުފެދިފައިވާ ޖިންނިއެއްކަމަށް ބުނެއެވެ. މިއީ އެހެން ޖިންނިތަކާ އަޅާބަލާއިރު ބަލިކަށި ޖިންނިއެކެވެ. ޝިޤްޤުގެ މާނައަކީ ޢަރަބި ބަހުން ‘ބަބައިވުން’ އެވެ.
7. ނަސްނާސް
ނަސްނާސް އަކީ ވެސް ބަލިކަށި ޖިންނި އެކެވެ. އެއީ އިންސާނުންނާއި ޝިގްކް ކިޔާ ބާވަތުގެ ޖިންނި އަށް ލިބޭ ދަރިން ކަމަށް ވެސް ބުނެވެއެވެ. މި ބާވަތުގެ ޖިންނީންގެ މޫނުގެ އެއްބައި އިންސާނެއްހެން ހުރެއެވެ. އަދި އިންސާނެއްގެ އެއް ފަޔާ އެއް އައި ވެސް ހުންނަކަމަށް ބުނެވެއެވެ. މި ޖިންނި ހިނގާ އުޅެނީ ކޮރު ޖަހަމުންނެވެ.
8. ޕާލިސް
މި ބާވަތުގެ ޖިންނިއަކީ ސަހަރާތަކުގައި ނިދާފައި ތިބޭ މީހުންގެ ފައިގައި ދޫލައި ފައިން ލޭ ބޯ ޖިންނިތަކެއް ކަމަށް ބެލެވެއެވެ. އަދި މި ޖިންނިތަކަކީ ވަރަށް މޮޔަ އެއްޗެއްކަމުން ފަސޭހައިން ހައްދާލެވޭ ކަމަށް ވެސް ބުނެވެއެވެ.
9. ސިޢުލަތު
މިއީ އެންމެ ވިސްނުންތޫނު އަދި އެންމެ ހުނަރުވެރި އެއް މަހްލޫގެވެ. އެއީ އިންސާނުންގެ ސިފަ ފަސޭހައިން ނަކަލު ކުރުމުގެ ގާބިލްކަން ލިބިފައިވާ ބައެކެވެ.
10. ޝައިޠާން
ޝައިތާނަކީ ގުރުއާނާއި ހަދީސްގައި ބަޔާންކޮށްފައިވާ ފާޙިޝް ޖިންނީގެ ނަމުން މަޝްހޫރުވެފައިވާ ބާވަތެކެވެ. އެއީ އިންސާނުންގެ ސިކުނޑިތަކަށް ނުބައި ރޭވުންތައް ވެއްދުމުގެ ގާބިލްކަން ލިބިފައިވާ ބައެކެވެ. އިބްލީސް އަކީ ޝައިތާނުންގެ އެންމެ މަޝްހޫރު ޖިންނިއެވެ. އާދަމްގެ ފާނަށް ސަޖިދަ ޖަަހަން ދެކޮޅު ހެދީ ވެސް މި ބާވަތުގެ ޖިންނިއެވެ.