އީވާ އެގޮތަށް ވިދާޅުވެފައި ވަނީ ރާއްޖޭގެ އިގުތިސާދީ ތަރައްގީގެ އަމާޒުތަކާއި މާލީ ހާލަތު ވަޒަންކޮށް އައިއެމްއެފުން ތައްޔާރުކުރި ރިޕޯޓުގެ ކޮޕީ އެއް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް އެދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ފޮނުއްވި ސިޓީ އެއްގައެވެ.
ފިނޭންސް މިނިސްޓަރަށް ފޮނުއްވެވި ސިޓީ ގައި އީވާ ވިދާޅުވީ އައިއެމްއެފްގެ "އާޓިކަލްސް އޮފް އެގްރީމެންޓް" ގެ އާޓިކަލް ހަތަރެއްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު އެއްފަހަރު އެ ފަންޑުގެ މެންބަރު ގައުމުތަކުގެ އިގުތިސާދީ ތަރައްގީގެ އަމާޒުތަކާއި މާލީ ހާލަތު ވަޒަން ކުރާ ކަމަށެވެ.
އެގޮތުން އެ ފަންޑުގެ ފަންނީ މުވައްޒަފުންގެ ޓީމެއް ރާއްޖެ އަށް ޒިޔާރަތްކޮށް، ރާއްޖޭގެ އިގުތިސާދީ ކުރިއެރުމާއި ދައުލަތުގެ މާލީ މައުލޫމާތު ހޯދައި، ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށްފަހު ރިޕޯޓެއް އެކުލަވާލާފައިވާ ކަން 20 ޑިސެންބަރު 2022 ގައި އައިއެމްއެފުން ނެރުނު ނޫސް ބަޔާނުން އެނގެން އޮންނަކަމަށް އީވާ ގެ ސިޓީ ގައި ވިދާޅުވެފައިވެއެވެ.
"އެ ރިޕޯޓު އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން އެސެސްކޮށްފައިވީއިރު، ދައުލަތުގެ ދަރަނީގެ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަން ފާހަގަކޮށް "ސަސްޓެއިންޑް ފިސްކަލް ކޮންސޮލިޑޭޝަން" އަކީ "ޓޮޕް ޕްރިއޮރިޓީ"ގެ ގޮތުގައި ފާހަގަކޮށްފައިވާކަން ޕްރެސް ރިލީސް 22/449 ގައި ބަޔާންކޮށްފައިވެއެވެ. އެ ރިޕޯޓު އާންމުކުރެވެނީ ރިޕޯޓު ރައްދުވާ ގައުމެއްގެ ސަރުކާރުގެ ރުހުމާ އެކުގައި ކަމަށްވާއިރު، 2020 ވަނަ އަހަރުގެ ފަހުން އައިއެމްއެފްގެ އާޓިކަލް IV ގެ ދަށުން ރާއްޖެ އާ ގުޅޭގޮތުން އެކުލަވާލާ ރިޕޯޓުތައް އާންމުކުރެވިފައެއް ނުވެއެވެ."
ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތާ ގުޅޭގޮތުން ސަރުކާރުގެ އަމާޒުތައް ބައްޓަންކުރެވިފައިވާ ގޮތާ މެދު އައިއެމްއެފް އިން ދެކޭ ގޮތް އެންމެ ތަފްސީލުކޮށް ދެނެގަނެވޭތީ އާޓިކަލް IV ގެ ދަށުން އެކުލަވާލާ ރިޕޯޓުން ކަމަށްވެސް އީވާ ވިދާޅުވިއެވެ.
އެ ރިޕޯޓަކީ 2020 ވަނަ އަހަރުގެ ކުރިން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ހާމަކުރަމުން އަންނަ ރިޕޯޓަކަށްވާތީ، އައިއެމްއެފްގެ އާޓިކަލްސް އޮފް އެގްރީމެންޓްގެ ދަށުން ދިވެހިރާއްޖެ އާ ގުޅޭގޮތުން އެކުލަވާލާފައިވާ އައިއެމްއެފްގެ ޕްރެސް ރިލީސް 22/49 (20 ޑިސެންބަރު 20222) ގައި ބަޔާންކުރާ ރިޕޯޓުގެ ކޮޕީއެއް ލިބޭނެ ގޮތް ހަމަޖައްސައިދެއްވުމަށް ފިނޭންސް މިނިސްޓަރުގެ ކިބައިން އީވާ ވަނީ އެދިވަޑައިގެންފައެވެ.
އައިއެމްއެފުން ތައްޔާރުކުރި ރިޕޯޓުގެ ކޮޕީ އެއް ހޯއްދަވަން އީވާ އެދިވަޑައިގެންފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން ރޭ މާފަންނު ބޮނޑިބަތް ޕާކުގައި ބޭއްވި ބައްދަލުވުމެއްގައި، ރައީސް ނަޝީދު ވިދާޅުވެފައިވަނީ އާންމު ކޮށްފައިވަނީ އެ ރިޕޯޓުގެ ހުލާސާ މިންވަރު ކަމަށާއި ސީދާ ޖުމްލަ ފުރިހަމަ ރިޕޯޓް އާންމު ނުކުރާ ކަމަށެވެ. އެ ރިޕޯޓް އާންމުކުރެވޭނީ ރިޕޯޓް ރައްދުވާ ގައުމެއްގެ ސަރުކާރުގެ ރުހުން ލިބިގެން ކަމަށާއި އައިއެމްއެފްގެ ފުލް ރިޕޯޓް އާންމު ކޮށްފައި ނުވަނީ ދިވެހި ސަރުކާރުގެ ރުހުން ނުލިބިގެން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.