
ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކުރުމަށް ބޭނުންވާތީ އެ ކައުންސިލުގެ ފަރާތުން ކުރި އިއުލާނުގައި ހުޅުވާލާފައިވަނީ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށާއި މިނިވަން ޑިރެކްޓަރުގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުސަތަށެވެ.
މި ދެ މަގާމުން ކުރެ ކޮންމެ މަގާމަކަށް ވެސް އައްޔަނުކުރުމަށް ނިންމާފައިވަނީ އެންމެ ފަރާތެކެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމައަށެވެ.
ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ފޯމާއި ފޯމާ އެކު ހުށަހަޅަންވީ މައުލޫމާތު ކައުންސިލް އިދާރާގެ ވެބްސައިޓުން https://www.adducity.gov.mv/ ނާއި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ކައުންސިލްގެ އިދާރާ އަށް ގޮސްގެން ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު އެ ކައުންސިލުގެ ފަރާތުން ވަނީ ފަހިކޮށްދީފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއު ކުރުމަށް ނިންމާފައިވަނީ ކައުންސިލުން އެކުލަވާލާ ކޮމިޓީއަކުން ނަންތައް އިވެލުއޭޓްކުރުމަށްފަހު ޝޯޓްލިސްޓްކޮށްގެން ކަމުގައެވެ. އެގޮތުން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ނަންތައް ކައުންސިލުގެ ބައްދަލުވުމަށް ހުށަހަޅައި، ކައުންސިލުގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާ ގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ ޑިރެކްޓަރުކަމަށް ހޮވުނު ފަރާތްތަކުގެ ވަނަވަރު ހިއްސާކުރާނެ ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.
އައްޑޫ ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑުގައި ޖިންސުގެ ހަމަހަމަކަން ހިމެނުމަށް ބާރު އެޅުމުގެ ގޮތުން ބޯޑުގެ މެންބަރު ކަމަށް އަންހެނުން ކުރިމަތިލުމަކީ އެ ކައުންސިލުން މަރުހަބާ ކިޔާ ކަމެއް ކަމަށް ވެސް ސިޓީ ކަައުންސިލުން ބުނެއެވެ.
އައްޑޫ ސިޓީ ލޯކަލް އޮތޯރިޓީގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް އެ ސިޓީގެ ކައުންސިލުން ނިންމީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން "ކައުންސިލްތަކުން ވިޔަފާރިކުރުން" މާއްދާގައި ބަޔާން ކުރާ ހަމަތަކުގެ މަތިން ކަމަށް އެ ކައުންސިލުން ބުނެއެވެ.
މި މާއްދާގެ ދަށުން ކައުންސިލަކަށް އުފައްދައި ދިން ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުނި އއ. ތޮއްޑޫ ކައުންސިލަށް އިކޮނިމިކް މިނިސްޓްރީން ރަޖިސްޓްރީކޮށް ދީފައިވަނީ ނިމިދިޔަ މަހުގެ ތެރޭގައެވެ.