'އާބަން އައިލް' ގައި ގެސްޓް ހައުސް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓު (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ވަނީ މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް 'އާބަން އައިލް'ގެ އިންވެސްޓަ ޕޯޓަލް މެދުވެރިކޮށް އީއައިއޯ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ކަމަށެވެ.
'އާބަން އައިލް' އަކީ ހުޅުމާލޭގެ އެންމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށަކަށް ވާއިރު، ގާތްގަނޑަކަށް 23 ހެކްޓަރުގެ އެ ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމަޑޭޝަން ފެސިލިޓީތައް ހިމެނޭނެކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންނަށާއި ކުރުމުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮށް މަޑުކުރާ ފަތުރުވެރިންނަށާއި ވިޔަފާރި ބޭނުންތަކުގައި އަންނަ ފަތުރުވެރިންގެ އިތުރުން ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަދަ އެކޮމަޑޭޝަންތައް 'އާބަން އައިލް' ގައި ހިމެނޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މި ކޮމްޕޯނަންޓްތަކުގެ ތެރެއިން ގެސްޓް ހައުސް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ 15 ޕްލޮޓަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޗްޑީސީގެ ފަރާތުން މިހާރު ވަނީ ހުޅުވާލައިފައެވެ.
'އާބަން އައިލް': މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ - އިލަސްޓްރޭޝަން/ އާބަން އައިލް
ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އިގުތިސާދީ މައި ހަބާ، 'އާބަން އައިލް' ގުޅިފައި ވުމުން އެ ތަނުގެ ފަތުރުވެރިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. މި ޕްރޮޖެކްޓް ތައާރަފުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ.
'އާބަން އައިލް' ވެގެންދާނީ ދިވެހި އަދި ބޭރުގެ ވިޔަފާރިވެރިންނަށްވެސް އިންވެސްޓު ކުރަން ރަނުގެ ފުރުސަތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނީ މާލެ، ހުޅުމާލެ އަދި ވީއައިއޭ އާ ގުޅިފައި ވުމުގެ އިތުރުން 'އާބަން އައިލް' ގައި އެ ކޯޕަރޭޝަނުން ގާއިމުކޮށްފައިވާ އަދި ކުރަމުންދާ އިންފްރާސްޓްރަކްޗަ ގެ ސަބަބުން އެ ތަނުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ގިނަގުނަ މަންފާތަކެއް ލިބިގެންދާނެ ކަމަށެވެ. އެޗްޑީސީން ބުނި ގޮތުގައި އެތަނުގައި ހިމެނޭ ޔޫޓިލިޓީ ނެޓްވޯކް، އޯޕަން އެކްސެސް ނެޓުވޯކަކާ އެކުވާ ސްމާޓް އިންފްރާސްޓްރަކްޗަ އެއް، މިވަގުތު ގާއިމު ކުރަމުންދާ ކަމަށާއި ތިމާވެއްޓާ ރައްޓެހި ގޮތަކަށް މުޅި ޕްރޮޖެކްޓު ތަރައްގީ ކުރުމަށް އެ ކޯޕަރޭޝަނުން އިސްކަންދޭ ކަމުގައެވެ.
މި ޕްރޮޖެކްޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން ބުނެފައިވަނީ މި ޕްރޮޖެކްޓާ އެކު، ފަތުރުވެރިކަމުގެ ސިނާއަތަށާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން މާލެ ސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަލަށް ވިޔަފާރީގެ މައިދާނަށް ވަންނަ ފަރާތްތަކަށްވެސް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ ކަމަށެެވެ. ހަމަ އެ އާއެކު، ހުޅުމާލޭގެ ގެސްޓުހައުސްތަކަށްވެސް 'އާބަން އައިލް' އަށް އަންނަ ކޮމާޝަލް، އެފްއެންބީ އަދި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފެސިލިޓީތަކުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ފަތުރުވެރިކަމުގެ އިންޓަގްރޭޓަޑް މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތްތައް ހިނގައިގަތުމުން މުޅި ދިވެހި އިގުތިސާދަށް އަދި ހާއްސަކޮށް މާލެ ސަރަހައްދަށް ސީދާ ގޮތުންނާއި ނުސީދާގޮތުން އެތަކެއް މަންފާއެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި ގިނަ ދާއިރާތަކަކުން އެތައް ބައިވަރު ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. 'އާބަން އައިލް' ގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމަށާއި އިގުތިސާދީ އެތައް ކުރިއެރުންތަކެއް ލިބުމާ އެކު، އެ ތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިތްގައިމު ތަޖުރިބާތަކެއް ކުރެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.