ads
ނީލަން ފިހާރަ ސަރަހައްދުގައި މޭޔަރު މުއިއްޒު އާއި ކައުންސިލްގެ އިތުރު މެމްބަރުން
ނީލަންފިހާރަ އެހެން ތާކަށް ބަދަލު ކުރަން ބިން ނުދިން: މުއިއްޒު
މާލޭ ދެކުނު ފަރާތު ކުރީގެ އެއް ނަންބަރު ކުނިކޮށި ހިމެނޭ ސަރަހައްދުގައި ހުރި ނީލަން ފިހާރަބަރި އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން އެދި ސަރުކާރަށް ހުށަހެޅުމުން ސަރުކާރުން އެތަން ބަދަލު ކުރަން ބިން ދީފައި ނުވާކަމަށް، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރޭ ފަތިހު ނީލަންފިހާރަ ބަރީގައި ރޯވެ އެތަން އަނދާ ހުލިވެފައި ވާއިރު، އެ ސަރަހައްދުގައި ހުރި ބިދޭސީން ދިރިއުޅެމުން ދިޔަ ބްލޮކެއްވެސް ވަނީ އަނދާފަ އެވެ. އެ ތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައި ވާއިރު، މި ހާދިސާގެ ސަބަބުން އެއްވެސް މިހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. 

މި ހާދިސާ އާއި ގުޅިގެން "ސަންގު" ޓީވީ އަށް ދިން އިންޓަވިއުއެއްގައި މޭޔަރު ވިދާޅުވީ، އެކި ފަހަރު މަތިން ނީލަން ފިހާރަ އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ކައުންސިލުން މަސައްކަތް ކުރި ކަމަށާއި، އެކަން 2021 ވަނަ އަހަރުގެ މެދުތެރޭ ކައުންސިލުން ފާސް ކުރި ކަމަށެވެ. އަދި ކައުންސިލުން ފާސްކުރި ސްޓެރެޓެޖިކް ޕްލޭންގައިވެސް އެކަން ހިމަނާފައި ވާނެ ކަމަށާއި، ނީލަން ފިހާރަބަރި އެތަނުން ނަގާ އެހެން ތާކަށް ބަދަލިކޮށް އެކަމަށް ހައްލެއް ގެންނަންޖެހޭ ކަމަށް ވިދާޅުވި އެވެ. 

"ނީލަން ފިހާރަ ފަޅުމަތީ މަގުން ނަގާ، އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ ތަފްސީލީ ނިންމުންތައް 2021 ވަނަ އަހަރުގެ ޖުން ޖުލައި ހިސާބުގައި ނިންމިން. އަދި ތަން ބަދަލު ކުރުމަށް އިންޑަސްޓްރިއަލް ވިލެޖުން އެކަށީގެންވާ ޖާގައެއް ހަމަޖައްސަވައި ދެއްވުމަށް އެދި ކައުންސިލުން ސަރުކާރުގައި އެދުނިން. ހަމަޖެހޭ އުސޫލެއްގެ ތެރެއިން ތަންތަން ހަދާފައި، ހުރިހާ ގޮތަކުން ވެސް ރައްކާތެރި ގޮތަކަށް އެ ތަން ތަރައްގީކޮށްފައި ކުރިއަށް ގެންދާ ގޮތަށް އަޅުގަނޑުމެން ނިންމީ. އެކަމަކު އެ ބިން ސަރުކާރަކުން ކައުންސިލަކަށް ނުދެއްވާ." މޭޔަރު ވިދާޅުވި އެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ، ކައުންސިލުން ސަރުކާރުގައި އެދުނީ، ބަސް ރޫޓަށްވެސް އަދި ބްރިޖް މަސައްކަތަށްވެސް އުނދަގޫނުވާނެ ބިމެއް ދިނުމަށް ކަމަށާއި، އެބިން އަދިވެސް އޮތީ އެއްވެސް ބޭނުމެއް ނުކޮށް ކަމަށެވެ. އަދި އޭރު ސަރުކާރުން ބިން ދިން ނަމަ މިހާރު ނީލަން ފިހާރަތައް މީހުން ނޫޅޭ ހިސާބަށް ބަދަލުކޮށް ނިމިފައި ވާނެ ކަމަށް މޭޔަރު ވިިދާޅިވި އެވެ. 

ރޭ ފަތިހު ހިނގި މި އަލިފާނުގެ ހާދިސާގެ ސަބަބުން ބިދޭސީން ދިރިއުޅެމުން ދިޔަ ތަން އަނދާ ހުލިވެފައި ވާއިރު، އެ ބިދޭސީން މިހާރު ތިބީ އިމާދުއްދީން ސުކޫލްގަ އެވެ. އެ ސުކޫލްގައި 150 އަށްވުރެ ގިނަ ބިދޭސީން މިވަގުތު އެބަތިއްބެވެ.  

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް