
ކެމްޕެއިނުގައި މިއަދު ބ. ދަރަވަންދޫގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޯލިޝަންވެރިކަމެއް ކުރެވޭނީ ތަފާތު ފިކުރުގެ ވިސްނުމުގެ މީހުންނާ ގުޅިގެން ކަމަށާއި އެކަނި ނިކުމެ ކޯލިޝަން ނުހެދޭނެ ކަމަށެވެ.
ރައީސް ސޯލިހުގެ މި ވާހަކަ އަމާޒު ކުރައްވާފައިވަނީ ރައީސް ނަޝީދާއެކު ކޯލިޝަން ކުރިން މަސައްކަތް ނުކުރުމުން އެ ކަމަށެވެ. 2008 ވަނަ އަހަރު ރައީސް ނަޝީދު ކޯލިޝަނެއް ހެއްދެވި ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޯލިޝަން ރޫޅުނެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދުވަނީ ދައުރު ނުނިމެނީސް އިސްތިއުފާ ދެއްވާފައެވެ.
ރައީސް ސޯލިހުގެ ބަހުގެ ހަމަލާތައް ރައީސް ނަޝީދަށް މިއަދު އަނެއްކާވެސް އަމާޒުވިއިރު، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެހެން ބައެއް ޕާޓީތަކުގެ ތާއީދާއެކު ކަމަށާއި ނަމަވެސް ކޯލިޝަން ގާއިމްކުރަން ވާނީ ފުރަތަމަ ބުރުގައި ލިބޭ ވޯޓު މިނުމަށް ފަހު އެއާ އެއް ގޮތަށް ކަމަށް، ރައީސް ނަޝީދުވަނީ މިއަދު ވިދާޅުވެފައެވެ.